ދިރާސީ އައު އަހަރުގެ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި
އަންނަ ދިރާސީ އައު އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހައި ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށް ޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހައި ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމާލުން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހައި ރަށެއްގެ ސްކޫލުތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ވެސް ދުރާލައި ކުރެވެމުންދާ ކަަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ މި ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24އިން 30ހަށް ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17އިން އޯގަސްޓު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށްކަމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުގައިވެއެވެ.

