ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކުގެ ސާފު ފައިދާ %10 އިތުރު
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ކުންފުނިތަކަށް ލިބުނު ސާފު ފައިދާ މިދިޔަ އަހަރަށް ވުރެ %10 އިތުރު ވެއްޖެއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ސަރުކާރު ކުންފުނިތަކުގެ މިއަހަރު ފުރަތަމަ ކުއާޓަރު ނުވަތަ ފުރަތަމަ ކުއާޓާގެ މާލީ ރިޕޯޓް ދައްކާ ގޮތުން ސަރުކާރު ކުންފުނިތަކުން ފުރަތަަ ކުއާޓަރުގައި 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދައިފައެވެ. ނަމަވެސް މި ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރާ އަޅާކިޔާ ނަމަ ނުވަ ޕަސެންޓު ދަށެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރޭން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އެސްޓީއޯ އިންނެވެ. އެ ކުންފުނިން 4.02 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދިއެވެ.
އާމްދަނީ ދަށްވި ނަމަވެސް ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުން ވަނީ ސާފު ފައިދާ މައްޗަށް ގޮސްފައެވެ.
ޓެކުހާއި ހަރަދުރައް ކެނޑުމަ ށްފަހު ސަރުކާރު ކުންފުނިތަކަށް ވަނީ 1.76 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފައެވެ. މިއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އެންމެ ބޮޑު ސާފު ފައިދާއެއް ހޯދީ އެމްއޭސީއެލްއިންނެވެ. އެ ކުންފުނިން 572 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދިއެވެ.
މި ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ އެސެޓުވެސް ވަނީ މިދިޔަ އަހަރު ހުރި 186.59 ބިލިއަން ރުފިޔާއިން 205 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މި ކުއާޓަރާ ހަމައަށް ބަލާއިރު ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހުރީ 37,900 ގައެވެ.

