ރައީސްގެ ބައްދަލު ކުރެއްވުން ޚާއްޞަ ކުރެއްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް
އަންނަ ބުދަ ދުވަހު ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ އެކު ބާއްވަވާ ބައްދަލުވުން ޚާއްސަކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް، އަންނަ ބުދަ ދުވަހުގެ ރޭ އޮންނަ ބައްދަލުވުން ޚާއްސަކޮށްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ. ވީމާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވާކަމަށާއި ބައްދަލުކުރެއްވުން އޮންނާނީ ސޯޝަލް ސެންޓަރުގައި ބުދަ ދުވަހުގެ ރޭ 20:30ގައި ކަމަށް ހީނާ ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑު އެއްސެވުމަށް، ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އަދި އެކިއެކި ސިނާޢަތްތަކަށް ޚާއްސަކޮށްގެން ވެސް ރައީސް ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

