ސަރުކާރު

މިރެއިން ފެށިގެން ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ފުލުހުން ސުވާލު ކުރާނެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރޭގަނޑު 12ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ދަންވަރުގެ ވަގުތުގައި ރަށުތެރޭގައި ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ.

އެހެންކަމުން، ރޭގަނޑު 12އިން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމައަށް، އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، އެމީހުންނާއި ސުވާލުކޮށް، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ފާހަގަވާ ނަމަ، އެކަމާ ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުން ވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ވަގުތުތަކުގައި ބިދޭސީން އެއްވެ، އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ބައެއް ކަންކަން ހިންގަމުންދާކަން ފާހަގަވާކަމުގެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ.

Ads by Allied Insurance