ވިޔަފާރި

ޕޭމަންޓް މޯލްޑިވްސް ކުންފުނި އުފައްދައި، ގައުމީ ކިއުއާރު ކޯޑާ ދިމާލަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
ޕޭމަންޓް މޯލްޑިވްސް : މި ކުންފުނީގެ ސަބަބުން މާލީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެ -- ފޮޓޯ: އެމްއެމްއޭ

ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް, އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ހިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗަރއެއް ގާއިމް ކުރުމުގެ މަގުސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް މޯލްޑިވްސް އުފައްދައފިިއެވެ.

Ads by STELCO

މި ކުންފުނި ވެގެންދާނީ ދިވެހިރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭނެ ކުންފުންޏަކަށެވެ. އަދި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގްތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އެ މަސައްކަތްތައް ވިލަރެސްކުރާ މައިގަނޑު މުއައްސަސާ އަށެވެ.

އެމްއެމްއޭއިން ހާމަކުރާގޮތުގައި ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.

ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން މުޅި ޕޭމަންޓް އިންފްރާސްޓްރަކްޗަރގެ ތަރައްގީގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. އޭގެއިތުރުން، މާލީ ޚިދުމަތްދޭ ފަރާތްތަކުގެ ބައިވެރިވުމާއެކު މިފަދަ މަޝްރޫއުތައް ހިންގުމުން، އައު އީޖާދީ ޚިދުމަތްތައް ތަޢާރަފްކުރުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ލިބުމުގައި ފަސޭހަ ވެގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ހާމަކުރެއެވެ.

އެގޮތުން ކުންފުނީގެ މަސައްކަތް ފެށިގެންދާއިރު ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް)ގެ ހިންގުން ޕޭމަންޓް މޯލްޑިވްސްގެ ދަށަށް ބަދަލުކުރެވިގެންދާއިރު، ޕޭމަންޓް ސިސްޓަމް ތަރައްޤީ ކުރުމުގެ ގޮތުން މިހާރު ވެސް ކުރިޔަށްދާ މުހިއްމު މަޝްރޫއުތައް ކަމުގައިވާ ފަވަރަ އާއި އިންޑިޔާގެ ޔޫޕީއައި އާއި ގުޅާލާ ކްރޮސް ބޯޑަރ އިންޓަރގްރޭޝަން ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން، ޕޭއެމްވީ ކިއުއާރު ކޯޑު ތަންފީޒު ކުރުމުގެ މަސައްކަތް ވެސް ދެން ކުރިޔަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސްއިންނެވެ.

ޕޭމަންޓް މޯލްޑިވްސް އަކީ އެމްއެމްއޭގެ އިސްނެގުމާ އެކު އެ ފަރާތުގެ 60% ހިއްސާ ހިމެނޭހެން އުފައްދާފައިވާ ކުންފުންޏަކަށް ވިޔަސް، އެކުންފުންނި ހިންގުމަށް ނިންމާފައި ވަނީ ވަކި މެނޭޖްމަންޓެއްގެ ދަށުންނެވެ. އޭގެ ސަބަބެއް ކަމަށް އެމްއެމްއޭއިން ހާމަކުރަނީ، ދުނިޔޭގެ ޕޭމަންޓް ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކުގެ ދިރާސާތައްކޮށް އެޔާއި ގުޅޭ މަޝްރޫއުތަކުގެ ކަންކަން އެ ކަމަށް ހާއްސަވެގެން ތިބޭ މުވައްޒަފުންނާއި އެކު ކުރިޔަށްގެންދިއުމެވެ.

އެގޮތުން އިނޮވޭޝަނާއި، ޕްރޮޑްކަޓް ޑިވެލޮޕްކުރުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ އިތުރުން ވެސް ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާއި އެކު ޕޭމަންޓު މޯލްޑިވްސް ހިންގުމުގެ ސަބަބުން، އައު އީޖާދީ ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމަޔަށް ތައާރަފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ގެންދިޔުމުގެ އިތުރަށް، މިހާރު އޮޕަރޭޓް ކުރަމުންދާ ސިސްޓަމުތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ދެކެއެވެ.

ވަކި މެނޭޖްމަންޓެއްގެ ދަށުން ހިންގަމުން ގެންދިޔަ ނަމަވެސް، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ މައިގަނޑު މަޤްސަދު ކަމުގައިވާ ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް ސިސްޓަމްގެ ނިޒާމެއް ޤާއިމުކުރުމާއި ދިވެހިރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ މަޤްސަދު ހާސިލުވާކަން ކަށަވަރު ކުރުމުގެ ގޮތުން ހިއްސާގެ އިންސައްތައެއް މަރުކަޒީ ބޭންކުގައި ބޭއްވުމަށް ވަނީ ރާވާފައިވާކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މިފަދަ ކުންފުނިތަކަކީ ދުނިޔޭގެ ކާމިޔާބު މޮޑެލްއެއް

މި މޮޑެލް އަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކުގައި ވެސް ކާމިޔާބުކަމާ އެކު ތަންފީޒްކޮށްފައިވާ މޮޑެލްއެކެވެ. އިންޑިޔާ، އޮސްޓްރޭލިޔާ، ތައިލެންޑް، އަދި ޖޯޑަން ފަދަ ޤައުމުތަކުން މިފަދަ މޮޑެލްތައް ކާމިޔާބުކަމާ އެކު ތަންފީޒުކޮށް، އެ ޤައުމުތަކުގެ މާލީ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައިވެއެވެ. އިންޑިޔާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި)ރިޒަރވް ބޭންކް އޮފް އިންޑިޔާ އަދި އިންޑިއަން ބޭންކްސް އެސޯސިއޭޝަނާ ގުޅިގެން ތަރައްޤީކުރި ކުންފުނިން ޔޫޕީއައި ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ރިއަލްޓައިމް ޑިޖިޓަލް ޕޭމަންޓްތައް ފޯރުކޮށްދެއެވެ. އޮސްޓްރޭލިޔާގެ އެންޕީޕީ އޮސްޓްރޭލިޔާ އުފެއްދީ ރިޒަރވް ބޭންކް އޮފް އޮސްޓްރޭލިޔާ އަދި ބޮޑެތި ބޭންކުތަކުގެ އެހީތެރިކަމާއެކު، އޮސްޓްރޭލިޔާގެ ހުރިހާ ރައްޔިތުންނަށް ރިއަލްޓައިމް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމަށެވެ. ޖޯޑަން އަދި ތައިލެންޑުން ވެސް ވަނީ މިފަދަ ކުންފުނިތަކެއް އުފައްދާފައެވެ.
.
ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:

• އަވަސް އަދި ފަސޭހަ ޕޭމަންޓް ޚިދުމަތްތައް
• އިތުރު ރައްކާތެރިކަމާއެކު މާލީ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު
• އައު އީޖާދީ މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވުމުގެ ފުރުޞަތު
• މާލީ ޝާމިލުވުން އިތުރުވެ، އިތުރު ބަޔަކަށް ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބުން
ވިޔަފާރިތަކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
• ޕޭމަންޓް ޕްރޮސެސިސިންގ ޚަރަދުތައް ކުޑަވުން
• އައު ޓެކްނޮލޮޖީތަކާއި ޚިދުމަތްތަކަށް ފަސޭހައިން އަހުލުވެރިވުމުގެ ފުރުޞަތު ލިބުން
• ބައިނަލްއަޤްވާމީ ވިޔަފާރީގެ ފުރުޞަތުތައް އިތުރުވުން

ޖުމުލަކޮށް ބަލާއިރު، ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ މުސްތަޤުބަލަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ. މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ މާލީ އިންފްރާސްޓްރަކްޗަރ ހަރުދަނާވެ، އައު އީޖާދުތަކަށް މަގުފަހިވެ، އަދި ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ދަތުރުކުރުމަށް ބާރުލިބިގެންދާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

Ads by Ooredoo