ސަރުކާރު

އަމާޒަކީ އެއްވެސް ފަރުދަކު ބާކީނުކޮށް، ހަމަހަމަ އުސޫލުން އޯގާތެރިކަމާ އެކު ޤައުމު ބިނާކުރުން: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސް މުއިއްޒު ކުޑަކުއްޖަކާ ވާޙަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީނުކޮށް، ހަމަހަމަ އުސޫލުން އޯގާތެރިކަމާ އެކު ޤައުމު ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ބްރައިލް ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ހަމަހަމަ އުސޫލުން ހުރިހާ ފަރުދުން ޝާމިލުވާ ރާއްޖެއެއް ބިނާކުރުން ކަމަށާއި ހުރިހާ ފަރުދުންނަށް ވެސް އެއްވެސް ހުރަހެއްނެތި މަޢުލޫމާތާއި ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފެނުމުގެ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް އުނގެނުމަށް ބްރައިލް ހުޅުވާލަދޭ ދޮރުތަކާއި އަބުރުވެރިކަމާ އެކު އިންސާނީ ކަރާމާތް ހޯދައިދިނުމުގައި ބްރައިލްގެ ރޯލު މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ސިޔާސަތުތަކަކީ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ، އަދި ކޮންމެ ނިންމުމެއް ވެސް ނިންމާނީ ހުރިހާ ފަރުދުން ޝާމިލުވާ ގޮތަށް. އެއްވެސް ފަރުދަކު ބާކީވިޔަ ނުދީ ރާއްޖެ ބިނާކުރުމުގައި ދެމިތިބޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ފަރުދަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައެވެ.

Ads by HDC