ރައީސް ދެއްވާ ޔަގީންކަން ,ދަރަނީގެ އިންޓްރެސްޓް މިހާރަށްވުރެ މަތިނުވާނެ
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް 5 ފެބްރުއަރީ 2026 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނުގައި، ރާއްޖޭގެ ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ތަފްޞީލުކޮށްދެއްވިއެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުއްދަތު ހަމަވާ ސުކޫކަށް ފައިސާ ދެއްކުމާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ދަރަނި ނެގުމަށް ހިނގާ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ ބަޖެޓު ކަމަށްވާ 2025 ވަނަ އަހަރުގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޛުކޮށްފައިވަނީ ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރުނުވާނޭހެން އަދި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައެވެ. 2025 ވަނަ އަހަރު ނިމުނުއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 38.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2026 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު ބޭރު ފައިސާއިން 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާތީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށް، ރަސްމީ ރިޒާވް ވަރުގަދަކުރުމަށް މަގުފަހިވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ މާލީ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2025 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 6 އިންސައްތައިގައި ކަމަށާއި، އަހަރުގެ ފުރަތަމަ 40 ހަފުތާގައި ބަޖެޓު ސަރޕްލަސްއެއްގައި ހިފެހެއްޓުނު ކަމަށެވެ. އަދި 2026 ވަނަ އަހަރާއި މެދު ރާސްތާގައި ބަޖެޓު ޑެފިސިޓް ޖީޑީޕީގެ 10 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަސާސީ ޚިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާތީ، ރަސްމީ ރިޒާވްގައި އެކަށީގެންވާ މިންވަރަށް ބޭރު ފައިސާ ހުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. 3 ފެބްރުވަރީ 2026 އާ ހަމައަށް ރަސްމީ ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މީގެ ތެރޭގައި އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުމުގެ ތެރެއިން ހަމަޖެހިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފައިސާވެސް ހިމެނެއެވެ. މި ފައިސާއަކީ އިޤްތިޞާދީ ކުއްލި ލޮޅުމެއް އަތުވެއްޖެ ޙާލަތެއްގައި އަސާސީ ތަކެއްޗާއި ޚިދުމަތްތައް ހޯދުމަށް ރައްކާކުރެވިފައިވާ، ސަރުކާރުގެ ފުރިހަމަ އިޚްތިޔާރު އޮތް ފައިސާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 3 ފެބްރުވަރީއާ ހަމައަށް ރަސްމީ ރިޒާވްގައި ބޭނުންކުރެވޭ ފައިސާގެ ގޮތުގައި 565 މިލިއަން އެމެރިކާ ޑޮލަރު ހުރިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ (އެސްޑީއެފް) ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންކުރާ ބޭރު ފައިސާގެ ފަންޑެއްގެ ގޮތުގައި އަލުން ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 17 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ހަވާލުވިއިރު، އެސް.ޑީ.އެފް ގައި ބޭރުގެ ދަރަނި ދެއްކުމަށް ހުރީ އެންމެ 2 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ޑޮލަރު ހިފެހެއްޓުމަށާއި ފަންޑަށް ޖަމާކުރާ މިންވަރު އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން ޙައްލުވެ، ކްރެޑިޓް ރޭޓިންގ އެޖެންސީތަކުގެ އިތުބާރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. 3 ފެބްރުވަރީ 2026 ގެ ނިޔަލަށް އެސް.ޑީ.އެފް ގެ ކޭޝް ބެލެންސް 275 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޭޕްރީލް 2026 ގައި މުއްދަތު ހަމަވާ ސުކޫކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމަށް ބޭނުންވާ 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާނީ އެސް.ޑީ.އެފް ގައި ރައްކާކުރެވިފައިވާ ބޭރު ފައިސާއިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބޭރުގެ ދަރަނިތައް އަދާކުރުމަށް އެސް.ޑީ.އެފް ބޭނުންކުރާނޭ ގޮތަށް މެދު ރާސްތާގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، މީގެ މަޤްޞަދަކީ ދަރަނި އަދާކުރުމަށް އިތުރު ލޯނު ނެގުން މަދުކޮށް، ޖުމްލަ ދަރަނި ދަށްކުރުން ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރަށް ވާރުތަވި އެންމެ ބޮޑު މާލީ ގޮންޖެހުމަކީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އެއީ 2017 ވަނަ އަހަރުގެ 250 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ބޮޑު އަގުގައި ނަގާފައިވާ ސުކޫކެއް ކަމަށާއި، އޭގެ އަސްލު ތަކްލީފު 10.5 އިންސައްތައަށް އަރާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މި ސުކޫކު ދެއްކުމަށް ތައްޔާރުވެފައިވާ ކަމަށާއި، ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ބާކީބައި ރީފައިނޭންސް ކުރާއިރު، އިންޓްރެސްޓް ރޭޓް މިހާރަށްވުރެ ބޮޑުނުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަން ކަށަވަރުވެފައިވާ ކަމަށާއި، ރާއްޖެއަށް ދަރަނި ދޫކުރާ ފަރާތްތަކަށް 'ޓްރިޕަލް-އޭ' ރޭޓިންގ އެޖެންސީތަކުން އިންޝުއަރެންސް ކަވަރޭޖް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިތުރު 150 މިލިއަން ޑޮލަރު ހޯދުމަށް އެކި ފަރާތްތަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ކޮޅެއްގައި ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
2018 ވަނަ އަހަރު އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ދޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި އެ ބޮންޑުގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށް މަޝްވަރާ ކުރެވި، އެކަމުގެ ފަންނީ އެއްބަސްވުންތަކަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ އާއި އެ ފަންޑާ ދެމެދު އާދެވިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭޕްރީލް މަހު މުއްދަތު ހަމަވާ ސުކޫކު ދެއްކުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރައްޔިތުންނަށާއި ދައުލަތުގެ ޚަޒާނާއަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި މީގެ ސަބަބުން ދައުލަތުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުވެ، އެސް.ޑީ.އެފް އާއި ރަސްމީ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

