ދުނިޔެ

ކޮވިޑް19: ބަލިޖެހުނު މީހުންގެ ޢަދަދު ދެމިލިއަނަށް، ކޮންޓްރޯލެއް ނެތި މީހުން މަރުވަނީ!

ދެން އެމްވީ ، ދެން އޮންލައިން

ބޭހެއް ، ފަރުވާއެއް އުފެއްދިފައި ނެތް ކޮވިޑް19 ޖެހުނު މީހުންގެ ޢަދަދު ދެމިލިއަނަށް އަރައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް19 ގެ ހިސާބުތައް ދައްކާގޮތުގައި މިބަލި މިހާތަނަށް 2,000,065 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އަދި މި ދެ މިލިއަން މީހުންގެ ތެރެއިން 126,753 މީހުން މަރުވެފައިވެއެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ބައްޔަށް ޝިފާ ލިބި ރަނގަޅުވި މީހުންގެ ޢަދަދު 484,573 އަށް އަރާފައިވާއިރު މިހާރުވެސް މިބައްޔަށްފަރުވާކުރާ1.3 މިލިއަން މީހުން ދުނިޔޭގައި އެބަތިއްބެވެ.

ކޮވިޑް19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެމެރިކާގައި މި ބައްޔަށް ޕޮސިޓިވް ވި މީހުންގެ ޢަދަދު 614,246 ވުރެ މައްޗަށް އަރައެވެ. އަދި އެގައުމުން 26,064 މީހުން ވަނީ ކޮވިޑް19ގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައެވެ.

މިހާރު މިބަލި އެންމެ ބޮޑަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ. އޭގެ ތެރޭގައި ސްޕޭނާއި އިޓަލީ އަދި ފްރާންސްގެ އިތުރުން ޖާމަނީ ހިމެނެއެވެ.

ކޮވިޑް19 ނުވަތަ ކޮރޯނާ ފުރަތަމަ ފެނުނީ ޗައިނާއިންނެވެ. ޗައިނާގެ ވުހާންއިން އުފެދުނު ވައިރަސް އެގައުމުގައި ހަލުވިކަމާއެކު ފެތުރުނު ނަމަވެސް ޗައިނާ ސަރުކާރުން އެޅި ހަރުކަށި އެތައް ފިޔަވަޅަކާއެކު އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ކޮވިޑް19އާއި ދެކޮޅަށް ޗައިނާއިން ހޯދި ކާމިޔާބީގެ އިސްމޭސްތިރިކަމަށްވާ ޑރ.ޒޮންގް ނަންޝަން ވަނީ ޔޫރަޕާއި އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑު ކިޔާފައެވެ.

ޑރ.ނަންޝަން ބުނެފައިވަނީ ގައުމުތައް ފުރަބަންދުކޮށްފައި އޮތްނަމަވެސް އެގައުމުތަކުގެ ތެރޭގައި އެއްވެ އުޅުން ހުއްޓިފައި ނުވާ ކަމަށާއި އެފަދަ ގައުމުތަކުގައި ޒުވާންކުދިން ޕާޓީކުރުންފަދަ އެތައްކަމެއް ހިނގާކަމަށެވެ. އަދި އެފަދަ ކަންކަން ހިނގާނަމަ އެއީ ލޮކްޑައުންއެއް ނޫންކަމަށް ވެސް ، ސާސް ރޯގާއާއި ދެކޮޅަށް ވެސް މަސައްކަތްކުރި ޑރ.ނަންޝަން ބުނެފައިވެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވަބާއާއެކު މި ބައްޔަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ 20 ގައުމެއްގެ ސައިންސްވެރިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ކާމިޔާބު މަސައްކަތެއް ކުރަމުންދަނީ އޮކްސްފޯޑް ޔުނިވަސިޓީގެ ރިސާޗް ޓީމުންނެވެ. އެ ޔުނިވަރސިޓީގެ ރިސާޗް ޓީމުގެ އެންމެ އިސްވެރިޔާއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިންސާނުންނަށް މި ވެކްސިން ދީގެން ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށާއި ސެޕްޓެމްބަރމަހު އާންމުކޮށް ނެރެވޭނެކަމުގެ 80 އިންސައްތަ ޔަގީން ކަން އެބައޮތް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!