ސަލްމާން ޚާން ކައިވެނި ކުރާނެ ދުވަސް ފާލުބަލާ މީހަކު ބުނުމުން، ލިބުނީ ޝޮކެއް!
ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި، ސަލްމާން ޚާން ކައިވެނި ކުރާނެ ދުވަސް ފާލުބަލާ މީހަކު ހާމަކުރުމުން، އޭނައަށް ކުއްލި ޝޮކެއް ލިބިއްޖެއެވެ.
އުމުރުން މިހާރު 50 އަށްވުރެ ގިނަ ދުވަސްވީ ސަލްމާން ޚާން، އަދި އަލަށް ވެސް މީހަކާއި ނުއިނދެ ހުރުމަކީ އެތައް ބަޔަކު ކަންބޮޑުވެ، އޭނާގެ ފޭނުން ވެސް ވަރަށް ގިނައިން ސުވާލު ކޮށްފައިވާ ކަމެކެވެ. އަދި އެސުވާލުތަކަށް ސަލްމާން ޚާން ސީދާސީދަލަށް ގިނަފަހަރަށް ޖަވާބު ދީފައެއް ވެސް ނުވެއެވެ.
ސަލްމާން ޚާން ހޯސްޓުކުރާ ބިގްބޮސް 14 ގެ އެއް އެޕިސޯޑަށް ޚާއްސަ މެހެމާނެއްގެ ގޮތުގަައި ދިޔައީ ފާލުބަލާ މީހެކެވެ. އޭނާ ގެންދިޔައީ ބިގްބޮސްގެ ވާދަވެރިންގެ މިޒާޖާއި އެފަދަ ކަންކަން ދެނެގަތުމަށް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ބިގްބޮސް ގެ ވާދަވެރިންނާއި ބެހޭގޮތުން ވާހަކަ ދައްކާ ނިމުމުން ފާލުބަލާ މީހާ ކައިރީގައި އެހީ ސަލްމާން ޚާން މީހަކާއި އިންނާނެ ދުވަހަކާއިމެދު ގައެވެ.
އޭގެ ޖަވާބުގައި އިރުކޮޅެއް ފަހުން ފާލުބަލާ މީހާ ބުނީ އެއީ ދުވަހަކުވެސް ވާންހުރި ކަމެއް ނޫން ކަމުގައެވެ. އެމީހާގެ ޖަވާބު ލިބުނު ގޮތުން ސަލްމާން ޚާނަށް ސިހުމެއް ލިބުން ކަމުގައިވިޔަސް، އިރުކޮޅެއްފަހުން އޭނާ ވަރަށް ބޮޑަށް ހޭން ފަށައެވެ. އަދި ބުނީ ކައިވެނި ކުރަން ހުރި ހުރިހާ ފުރުސަތެއް ދެން ނިމުނީ ކަމަށެވެ.
ގިނަ ރިޕޯޓުތަކުން ބުނާ ގޮތުގައި ސަލްމާން ޚާން އާއި އެކްޓްރެސް ކެޓްރީނާ ކެއިފް އުޅެނީ އަނެއްކާވެސް ލޯބީގެ ގޮތުން ގުޅިގެންނެވެ. އެކަން އެދެމީހުން ޔަގީން ކޮށްދީފައި ނުވިނަމަވެސް، އެދެމީހުންގެ ޖޯޑަކީ ގިނަ މީހުންނަށް ވަރަށް މަގުބޫލު ޖޯޑެކެވެ.
ފާލު ބެލުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ބޮޑު މުންކަރާތެކެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً) رواه مسلم في صحيحه: 2230
މާނައީ: "ފާލުބަލާމީހެއް ކައިރިއަށް އައިސް ކަމަކާއި ބެހޭގޮތުން ސުވާލުކޮށްފިނަމަ (އެބަސް ޤަބޫލުނުކުރިކަމުގައި ވާނަމަ)، އެމީހެއްގެ ނަމާދު ސާޅީސް ދުވަސްވަން ޤަބޫލުނުކުރެއްވޭ ހުއްޓެވެ."