ދުނިޔެ

އެޕަލް އިން 6 ހާސް ރުފިޔާއަށް ވިއްކާ އައިފޯނެއް ބާޒާރަށް ނެރެފި

ދެން އެމްވީ ، ދެން އޮންލައިން

އެޕަލް އިން އެ ކުންފުނީގެ އާ އުފެއްދުމެއް ކަމަށް އައިފޯނު އެސް އީ ބާޒާރަށް ނެރެފިއެވެ. މި ފޯނަކީ އެޕަލް ގެ އެހެން ފޯނުތަކާއި އަޅާބަލާއިރު އަގުހެޔޮ ފޯނެކެވެ. މި ފޯނުގެ 64 ޖީބީ ފޯނުގެ އަގަކީ 399 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 6،152.58 ރުފިޔާއެވެ.

Ads by Sosun Fihaara

ބަލާބެލުމަށް އައިފޯނު 8 ކާ ވައްތަރު މި ފޯނުގެ އިންނާނީ 4.7 އިންޗިގެ ސްކްރީނެކެވެ. އަދި އެޕަލް ގެ ކުރީގެ ފޯނުތަކާއި އެއްގޮތަށް ހޯމް ބަޓަން ވެސް އިނދެއެވެ. މި ފޯނުގެ ކެމެރ އާއި ޕްރޮސެސާ އައިފޯނު 8 އަކަށް ވުރެ ފުރިހަމަ ވާނެ ކަމުގައި އެޕަލް އިން ބުނެއެވެ. އެގޮތުން މި ފޯނުގައި އެޕަލްގެ އޭ13 ބައޮނިކް ޗިޕް ހިމެނޭނެއެވެ. މިއީ އެޕަލް އިން އެންމެ ފަހުން ނެރެނު 11 އާއި 11 ޕްރޯ ގައި ވެސް ހިމެނޭ ޗިޕެވެ.

އައިފޯނުގެ 6 ގެ ޑިޒައިނާއެކު ނެރޭ 5 ވަނަ ފޯނަށް މި ފޯނު ވެގެންދާއިރު އައިފޯނު 8 ވުރެ އައިފޯނު އެސްއީ ގެ ލައިފްސްޕޭން ދިގު ވާނެ ކަމުގެ ޔަގީން ކަން އެޕަލް އިން ދީފައިވެއެވެ.

ކަޅާއި ހުދާއި އަދި ރަތް ކުލައިން މި ފޯނު ނެރެން ހަމަޖެހިފައިވާއިރު 17 އޭޕްރިލް ވާ ހުކުރު ދުވަހު މި ފޯނު ޕްރީއޯޑަރަށް ހުޅުވާލާނެއެވެ. އަދި ފޯނު ޝިޕް ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮވިޑް އާ ގުޅިގެން މީގެ ކުރިން އައިފޯން ޝިޕް ކުރުމަށް ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. ނަމަވެސް ޗައިނާގެ ބާޒާރު ހުޅުވާލުމުން ކޮންމެވެސް ވަރަކަށް މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!