އެއްވެސް އަސްކަރީ ބާރަކުން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް: ޑރ. ޝަހީމް

އެއްވެސް އަސްކަރީ ބާރަކުން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިނަމަ، ތިބި އަދަދާއި ތިބޭ ސަބަބު ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތު ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމުގައެވެ.
"އެއްވެސް އަސްކަރީ ބާރަކުން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް" ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
"އިންޑިއާ އައުޓު" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުންގެ ފަރާތްތަކުންނާއި ގިނަ ދިވެހި ރައްޔިތުން އަންނަނީ ޝުޢޫރު ފާޅުކޮށް، އިންޑިއާ ސިފައިން މިޤައުމުގައި ތިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެޤައުމުގެ ސިފައިން ރާއްޖޭގައި ތިބޭ ސަބަބެއް އަދި ތިބި އަދަދެއް ވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.