ވިޔަފާރި

ރާއްޖެ އަންނަ ޓޫރިސްޓުންގެ ފުރަތަމަ އިހްތިޔާރަކީ ރިސޯޓު

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުގައި

ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ މަންޒިލްތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ ރިސޯޓުތަކަކީ އަދިވެސް ދުނިޔޭގެ ހުރިހާ ބައްރަކުން އަންނަ ފަތުރުވެރިންގެ ވެސް އެންމެ މަގުބޫލު އިޚްތިޔާރެވެ. ނަމަވެސް، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރިއަށް ބައެއް ގައުމުތަކުން ބޮޑު ސަމާލުކަމެއް ދެމުންދާކަން ފާހަގަކުރެވެއެވެ.

މި އަހަރުގެ ޖޫން 3ގެ ނިޔަލަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރެއިން ގިނަ ގައުމުތަކުގެ %70 އަށްވުރެ ގިނަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ޔޫކޭ އާއި ސްވިޒަލޭންޑް މީހުންގެ %86 ތިބެނީ ރިސޯޓުތަކުގައެވެ.
ރިސޯޓުތަކަށް އެންމެ ބޮޑު ލޯތްބެއް ސާބިތުކޮށްދީފައިވަނީ އިނގިރޭސިވިލާތް އާއި ސްވިޒަލޭންޑުގެ ފަތުރުވެރިންނެވެ. ޔޫ.ކޭ އިން އައި ފަތުރުވެރިންގެ %86.5 އަދި ސްވިޒަލޭންޑުން އައި މީހުންގެ %86.0 މީހުން ވަނީ ރިސޯޓުތަކުގައި ރޫމްތައް ބުކްކޮށްފަ އެވެ. މީގެ އިތުރުން ޖަރުމަނުވިލާތް (%79.1)، ރަޝިއާ (%78.1) އަދި އޮސްޓްރޭލިއާ (%77.4)އަކީ ވެސް ރިސޯޓުތަކަށް ބޮޑު އެއްބާރުލުމެއް ދޭ ގައުމުތަކެވެ.

ގެސްޓްހައުސްތަކަށް ޗައިނާ އަދި އިޓަލީގެ ބޮޑު ތަރުހީބެއް އޮތް ކަމަށް ދައްކައެވެ. ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ މާކެޓަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ރާއްޖޭގެ ނަންބަރު ވަން މާކެޓް ކަމަށްވާ ޗައިނާއެވެ. ޗައިނާ އިން އައި 145,702 ފަތުރުވެރިންގެ ތެރެއިން %30.9 މީހުން (ގާތްގަނޑަކަށް 45،000 އެއްހާ ފަތުރުވެރިން) ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ.

މި ލިސްޓުގެ ދެވަނައިގައި އުޅެނީ އިޓަލީއެވެ. އިޓަލީން އައި ފަތުރުވެރިންގެ %29.4 މީހުން ގެސްޓްހައުސްތައް އިޚްތިޔާރުކޮށްފައިވާއިރު، އިންޑިއާގެ %19.5 އަދި ރަޝިއާގެ %19.1 މީހުން ވެސް ވަނީ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ތިބެފައެވެ. މިކަމުން ދޭހަވަނީ ލޯކަލް ޓޫރިޒަމްގެ މާކެޓް ފުޅާކުރުމަށް މި ގައުމުތަކަށް އަމާޒުކޮށް މާކެޓިންގް ވަރުގަދަކުރަންޖެހޭކަމެކެވެ.

ލިވަބޯޑް ނުވަތަ ސަފާރީ އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރުމަށް އެންމެ ޝައުގުވެރި ވަނީ ފަރަންސޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ގައުމުން އައި މީހުންގެ %6.2 ސަފާރީތަކަށް ގޮސްފައިވާއިރު، އެމެރިކާގެ %4.7 މީހުންވެސް ސަފާރީތައް އިޚްތިޔާރުކުރިއެވެ. ވަކިން ހިންގާ ހޮޓާތަކަށް އެންމެ ގިނައިން ގޮސްފައި ވަނީ އޮސްޓްރޭލިއާ ފަތުރުވެރިންނެވެ. އެއީ އެގައުމުން އައި މީހުންގެ %4.7އެވެ.

Ads by Allied Insurance