ޚަބަރު

ކޮވިޑް ސާމްޕަލް ނެގި މީހާއަށް އިކުރާމް ހަމަލާދިން ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި އަންހެން ކުއްޖަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް މީހަކު ހަމަލާ ދިން މައްސަލައެއް ރޭ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިތުހުމަތުތައް އިކުރާމް ވަނީ މީސް މީޑިއާ މެދުވެރިކޮށް ރޭގެ ވަގުތެއްގައި ދޮގު ކުރައްވާފައެވެ. އިކުރާމް ވިދާޅުވީ ސާމްޕަލް ނެގި މީހާއަށް ހަމަލާ ނުދޭ ކަމަށާއި ނަމަވެސް އެވަގުތު ވީތަދުން، އެހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ބައިތިއްބަން ނުވާނެކަމަށް ބުނެވުނު ކަމަށެވެ.

"ނޭފަތު ތެރެއަށް ސާމްޕަލް ނަގާ އެތި ލައްވާފަ ތަޅުވައިގަތީމަ ތަދުވިވަރުން އެކަފަ ބުރު ނެރުމަށް މޫނާއި ކައިރީގައި އޮތް އޭނަގެ އަތް ދުރަށްލިން. އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބަން ނުވާނެ ކަމަށް. އަދި އޭނައަށް ކިޔަނީ ކޮން ނަމެއްތޯ ވެސް އެހުނު. މިއަށްވުރެ ބޮޑު ކަމެއް ނުހިނގާ" އިކުރާމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިކުރާމް ވިދާޅުވެފައިވަނީ، އެތަނުގައި ކެމެރާ ހުރިނަމަ، ކަން ހިނގިގޮތް ކެމެރާއިން ބެއްލެވުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!