ކޮވިޑް-19: ސްކޫލްތަކުގައި ގްރޭޑް 8،7 ގެ ކިޔެވުން ވެސް އަލުން ފަށަނީ
ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައި އޮތުމަށްފަހު، މިމަހު ގްރޭޑް 8،7 ކިޔެވުން ވެސް ވަރަށް އަވަހަށް އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެމިނިސްޓްރީން މިއަދު މާލެ ސިޓީ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން، މިހިނގާ އޮކްޓޯބަރު މަހުގެ 19 އިން ފެށިގެން މާލެ ސިޓީގެ ސްކޫލު ތަކުގައި ގްރޭޑް 8 ގެ ކިޔެވުން އަލުން ފެށުމަށް އެމިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން މިމަހުގެ 25 އިން ފެށިގެން މާލެ ސިޓީގެ ސްކޫލު ތަކުގައި ގްރޭޑް 7 ގެ ކިޔެވުން ވެސް އަލުން ފެށުމަށް ނިންމާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
މާލެ ސިޓީ ސްކޫލްތަކުގެ ގްރޭޑު 8 އާއި 7 ގެ ކިޔެވުން ވެސް މިމަހު އަލުން ފެށުމަށް ނިންމާފައިވާއިރު، މިދިޔަ ސެޕްޓެމްބަރ މަހުގެ 28 ން ފެށިގެން ގްރޭޑް 10 އަދި 9 ގެ ދަރިވަރުންނަށް ވެސް ވަނީ ސްކޫލް ތަކުގައި އަލުން ކިޔަވައިދޭން ފަށާފައެވެ.