ދުނިޔެ

އިންޑިއާގެ ދިފާޢީ ހަތިޔާރުތައް ބޭރުގެ މާކެޓަށް: ހަތިޔާރު އެކްސްޕޯޓުކުރާ މިންވަރު އިންތިހާއަށް އިތުރުވުން

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ފާއިތުވި މަހު ސިންގަޕޫރުގައި ބޭއްވި ޝަންގްރިއްލާ ޑައިލޮގްގައި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންގް ވިދާޅުވީ، ވިއެޓްނާމާއެކު "ބްރަހްމޯސް" ސުޕަރސޮނިކް ކްރޫޒް މިސައިލް ވިއްކުމުގެ އެއްބަސްވުމެއްގައި އިންޑިއާއިން ސޮއިކޮށްފައިވާ ކަމަށެވެ. އަދި އިންޑޮނޭޝިއާއެކު ވެސް ހަމަ މިފަދަ އެއްބަސްވުމެއްގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިންޑިއާއިން މިހާރު ކުރަމުންދާ ގިނަ ދިފާޢީ މުޢާމަލާތްތަކުގެ ތެރެއިން މަދު މިންވަރެކެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިއަށް ޖެހިލާއިރު، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ފިލިޕީންސުން ވަނީ އިންޑިއާގެ ފުރަތަމަ ބްރަހްމޯސް އެކްސްޕޯޓް ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ. ރޮއިޓަރސްއިން ރިޕޯޓުކުރާ ގޮތުގައި 375 މިލިއަން ޑޮލަރުގެ މި އެއްބަސްވުމުގެ ދަށުން އައްސޭރިފަށުގެ ދިފާޢީ ނިޒާމުގެ ތިން ބެޓެރީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ފުރަތަމަ ބެޓެރީ 2024 ގެ އޭޕްރީލްގައި ފޯރުކޮށްދީފައިވާއިރު، ދެވަނަ ބެޓެރީ 2025 ގެ އޭޕްރީލްގައި ވަނީ ފޯރުކޮށްދީފައެވެ. އަދި ތިންވަނަ ބެޓެރީ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ވިއެޓްނާމާއެކު ވެފައިވާ 629 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި، އައްސޭރިފަށުގެ ދިފާޢީ މިސައިލް ބެޓެރީތަކާއި، އޮޕަރޭޓަރުންނަށް ތަމްރީނު ދިނުމާއި، ދިގު މުއްދަތުގެ ލޮޖިސްޓިކްސް ސަޕޯޓް ހިމެނެއެވެ.

ދިފާޢީ ވުޒާރާގެ ބަޔާނެއްގައިވާ ގޮތުން، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ގުޅިގެން ރިސާޗްކުރުން ފަދަ ކަންކަން ހިމެނޭހެން ޖޮއިންޓް ޑިފެންސް އިންޑަސްޓްރީ ކޯޕަރޭޝަން ކޮމިޓީއެއް އެކުލަވާލުމަށް އިންޑިއާއިން ހުށަހެޅި ހުށަހެޅުމަށް އިންޑޮނޭޝިއާއިން ވަނީ މަރުހަބާ ކިޔާފައެވެ. މި އެއްބަސްވުން ފައިނަލް ވެއްޖެނަމަ، އިންޑޮނޭޝިއާ ވެގެންދާނީ އާސިއާންގެ ޤައުމުތަކުގެ ތެރެއިން ބްރަހްމޯސް ބޭނުންކުރާ ތިންވަނަ ޤައުމަށެވެ.

އިންޑިއަން އާމީގެ ނޮދަން ކޮމާންޑްގެ ކުރީގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ދީޕެންދްރަ ސިންގް ހޫޑާ ވިދާޅުވާ ގޮތުގައި، ގަންނަ ފަރާތްތައް އިތުރުވަމުން ދިއުމަކީ އިއްތިފާޤަކުން ވާކަމެއް ނޫނެވެ. "މިއަދު ބްރަހްމޯސް، އާކާޝް، ޕިނާކާ، ރާޑަރު އަދި އާޓިލަރީ ފަދަ ނިޒާމުތަކުގެ ސަބަބުން އިންޑިއާގެ ހަތިޔާރު އެކްސްޕޯޓަށް އިތުބާރު ލިބިފައިވޭ. އަދި ދިފާޢީ އެކްސްޕޯޓް އިތުރުކުރުމަށް އިންޑިއާއަށް ފުރުސަތުތަކެއް އެބައޮތް،" އޭނާ ވިދާޅުވިއެވެ.

1998 ވަނަ އަހަރު އިންޑިއާގެ ޑީއާރުޑީއޯ އާއި ރަޝިއާގެ އެންޕީއޯ ގުޅިގެން އުފެއްދި ބްރަހްމޯސް މިސައިލަކީ އާދަޔާޚިލާފު ބާރުމިނެއްގައި (މެކް 2.8) ދަތުރުކުރާ މިސައިލެކެވެ. ބްރަހްމޯސް އޭރޯސްޕޭސްއިން މަޢުލޫމާތުދޭ ގޮތުގައި، 200 އާއި 300 ކިލޯގްރާމާ ދެމެދުގެ ބަރުދަނުގެ ގޮވާތަކެތި އުފުލުމުގެ ޤާބިލުކަން ލިބިފައިވާ މި މިސައިލްގެ އެންމެ ޒަމާނީ މޮޑެލްތަކަށް 450 ކިލޯމީޓަރުގެ ދުރުމިނަށް ހަމަލާދެވޭނެއެވެ.

ދިފާޢީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2013-14 ވަނަ އަހަރު އިންޑިއާގެ ހަތިޔާރު އެކްސްޕޯޓް ހުރީ 686 ކްރޯޑް ރުޕީސްގައެވެ. ނަމަވެސް 2025-26 ގެ މާލީ އަހަރު މި ޢަދަދު ވަނީ 38,424 ކްރޯޑް ރުޕީސްއަށް އަރައި ރެކޯޑް މުގުރާލާފައެވެ. މިއީ އޭގެ ކުރީ އަހަރުގެ 23,622 ކްރޯޑާ އަޅާބަލާއިރު 62.66 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު ފާއިތުވި ދިހަ އަހަރުތެރޭ އެކްސްޕޯޓް ވަނީ 56 ގުނަ އިތުރުވެފައެވެ. މިހާރު 80 އަށްވުރެ ގިނަ ޤައުމަށް އިންޑިއާއިން ހަތިޔާރު ވިއްކާއިރު، އެކްސްޕޯޓްކުރާ ކުންފުނިތަކުގެ ޢަދަދު 145 އަށް އަރައެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ދައުލަތުގެ ދިފާޢީ ކުންފުނިތަކުންނެވެ. އެ ކުންފުނިތަކުގެ އެކްސްޕޯޓް 151 އިންސައްތަ އިތުރުވެ 21,071 ކްރޯޑަށް އެރިއިރު، އަމިއްލަ ކުންފުނިތަކުގެ އެކްސްޕޯޓް ވަނީ 14 އިންސައްތަ ކުރިއަރައި 17,353 ކްރޯޑަށް އަރާފައެވެ.

ދިފާޢީ އުފެއްދުންތަކުގެ ތަޖުރިބާކާރު މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ސަންޖީވް ކަންނާ ވިދާޅުވާ ގޮތުގައި، "އެންމެ ފުރަތަމަ އައީ ސިޔާސަތު، އޭގެ ފަހުން އުފެއްދުންތައް ފެންނަން ފެށީ" އެވެ. މީގެ އެންމެ ރަނގަޅު މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ 155 އެމްއެމްގެ ބަޑިއެވެ. 1986 ގައި ބޯފޯސް ބަޑި ގަތުމަށްފަހު، އާޓިލަރީގެ ނިޒާމު ޒަމާނީކުރުން އޮތީ ހުއްޓިފައެވެ. ނަމަވެސް މިއަދު އިންޑިއާއިން ދަނީ "އޭޓޭގްސް" (ATAGS) އާޓިލަރީ ބަޑި އެކްސްޕޯޓްކުރަމުންނެވެ. ޑީއާރުޑީއޯ، ބާރަތު ފޯޖް އަދި ޓާޓާ ގުޅިގެން އުފެއްދި މި 155އެމްއެމް/52 ކެލިބަރގެ ބަޑި ވަނީ ޕޯކްރާންގައި ކުރި ތަޖުރިބާތަކުގައި 48.07 ކިލޯމީޓަރުގެ ދުރުމިނަށް ކާމިޔާބުކަމާއެކު ހަމަލާދީފައެވެ. ބާރަތު ފޯޖުން 2023 ވަނަ އަހަރު އާމީނިއާއަށް މީގެ 6 ޔުނިޓް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޕިނާކާ އަދި އާކާޝް-1އެސް މިސައިލްވެސް ދީފައިވާއިރު، 2026 ގެ ކުރީކޮޅު ޔެރެވާންގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި މި ހަތިޔާރުތައް ވަނީ ދައްކާލާފައެވެ.

އިންޑިއާގެ ހަތިޔާރު ގަންނަ ޤައުމުތަކަށް ބަލާއިރު ޖިއޮގްރަފީގެ ގޮތުން ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފިލިޕީންސް، ވިއެޓްނާމް އަދި އިންޑޮނޭޝިއާއަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއާއެކު މައްސަލަތަކެއް އޮތް ޤައުމުތަކެކެވެ. އާމީނިއާ އޮތީ ތުރުކީ، އަޒަރުބައިޖާން އަދި ޕާކިސްތާނުގެ ގުޅުމާ ދެކޮޅަށް ހުށިޔާރުވެފައެވެ. މެއި 2026 ގައި ސައިޕްރަސްގެ ރައީސް ނިކޯސް ކްރިސްޓޮޑޯލިޑްސް ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ 2026-2031 އަށް ދިފާޢީ ގޮތުން އެއްބާރުލުން ދިނުމުގެ މަގުޗާޓެއްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން، ރޮއިޓަރސްއިން ބުނާގޮތުގައި ޔޫއޭއީއިން ވެސް ދަނީ ބްރަހްމޯސް މިސައިލާއި ބާރަތު އިލެކްޓްރޯނިކްސްއިން އުފައްދާފައިވާ އާކާޝްތީރު ނިޒާމު ހޯދުމަށް އިންޑިއާއާއެކު ބާރުމިނެއްގައި މަޝްވަރާކުރަމުންނެވެ.

މިއީ ސީދާ ޗައިނާ ނުވަތަ އީރާނާ ދެކޮޅަށް ރާވައިގެން ކުރާ ކަމެއްތޯ އުފެދޭ ސުވާލަށް، ގިނަ ތަޖުރިބާކާރުން ދެއްވަނީ ނޫނެކޭ މި ޖަވާބެވެ. އެހެންނަމަވެސް މިއީ ހަމައެކަނި އިއްތިފާޤެއް ނޫންކަމަށް އެބޭފުޅުން ޤަބޫލުކުރައްވައެވެ. އޯއާރްއެފްގެ ރާހުލް ރާވަތު ވިދާޅުވީ މިއީ "ދުނިޔޭގެ ހަތިޔާރުގެ ބާޒާރުގައި ޑިމާންޑާއި ސަޕްލައި ދިމާވުން" ކަމަށެވެ. "އިންޑިއާގެ މަގުސަދަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ނުފޫޒު ފުޅާކުރުން،" ކަމަށް އޭނާ ވިދާޅުވިއެވެ. ލެފްޓިނެންޓް ޖެނެރަލް ހޫޑާ އަދި މޭޖަރ ޖެނެރަލް ކަންނާ ވެސް ދެކިވަޑައިގަންނަވާ ގޮތުގައި މިއީ ސީދާ ޗައިނާއާ ދެކޮޅަށް ކަނޑައަޅާފައިވާ ސިޔާސަތެއް ނޫނެވެ. އިންޑިއާއިން ހަތިޔާރު ވިއްކަނީ އެމެރިކާ އަދި ފަރަންސޭސިވިލާތް ފަދަ 80 އަށްވުރެ ގިނަ ޤައުމަށްކަން ކަންނާ ފާހަގަކުރެއްވިއެވެ.

މެއި 2025 ގައި އިންޑިއާއިން ހިންގި "އޮޕަރޭޝަން ސިންދޫރު" ގެ ސަބަބުން އިންޑިއާގެ ހަތިޔާރުތަކަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މެއި 12، 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއަން އެއަރފޯސްގެ ޑިރެކްޓަރ ޖެނެރަލް އޮފް އެއަރ އޮޕަރޭޝަންސް، އެއަރ މާޝަލް އޭކޭ ބާރްތީ ވިދާޅުވީ، ޕާކިސްތާނުން ފޮނުވާލި ޑްރޯންތަކާއި މިސައިލްތައް ވައްޓާލުމުގައި އާކާޝް ނިޒާމުން ދައްކުވައިދިނީ ވަރަށް ފުރިހަމަ ނަތީޖާއެއް ކަމަށެވެ. މޭޖަރ ޖެނެރަލް ކަންނާ ވިދާޅުވި ގޮތުގައި، "އޮޕަރޭޝަން ސިންދޫރުގެ ސަބަބުން އިންޑިއާގެ ހަތިޔާރުތަކަށް އޮތް އިތުބާރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ" އެވެ. މަނިޕާލް ޔުނިވަރސިޓީގެ ޕްރޮފެސަރ މާދަވް ނަލަޕަތު ވެސް ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ މައިދާނުގައި މި ހަތިޔާރުތަކުގެ ކާމިޔާބީ ފެނުމާއެކު، އެފްރިކާ، ލެޓިން އެމެރިކާ، އަދި ޔޫރަޕުން ވެސް ދަނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

އިންޑިއާއިން ހަތިޔާރު ވިއްކުމުގައި މުޅިން ކަނޑައެޅިފައިވާ ޚާއްސަ ސިޔާސަތެއް (ޑޮކްޓްރިންއެއް) އަދި ނެތްކަމަށް ތަޖުރިބާކާރުން އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ޑިފެންސް ސެކްރެޓަރީ ސިންގް ވިދާޅުވި ގޮތުގައި، ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ހިއްސާކުރަނީ އިންޑިއާއާއެކު އިތުބާރު އޮންނަ، އަދި ސްޓްރެޓީޖިކް ގުޅުންތައް ބަދަހި ޤައުމުތަކާއެކުގައެވެ. މޭޖަރ ޖެނެރަލް ކަންނާ ވިދާޅުވި ގޮތުގައި، "އިންޑިއާގެ ދިފާޢީ އެކްސްޕޯޓްތަކަކީ އެއްވެސް ތަރުތީބެއް ނެތި ކުރާ ކަމެއް ނޫން، އެކަމަކު މިއީ މުޅިން ކަނޑައެޅިފައިވާ ވަކި ސިޔާސަތެއް ކަމަކަށް ނުބުނެވޭނެ،" އަދި މިއީ ފަހިވާ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!