ދުނިޔެ

އިންޑޮނޭޝިއާގެ ދިފާއީ ބާރު ޒަމާނީކުރުމުގައި އިންޑިއާއަށް ބޮޑު ދައުރެއް އަދާކުރެވޭނެ: އިންޑޮނޭޝިއާ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ނިއުދިއްލީ: ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ގައުމު ކަމަށްވާ އިންޑޮނޭޝިއާގެ ދިފާއީ ނިޒާމު ޒަމާނީކުރުމުގެ މަސައްކަތުގައި އިންޑިއާއަށް ވަރަށް ފުޅާ ދައުރެއް އަދާކުރެވިދާނެ ކަމަށް ނިއުދިއްލީގައި ހުންނަވާ އިންޑޮނޭޝިއާގެ ޗާޖް ޑި އެފެއާޒް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޖަކާޓާއިން ބޭނުންވަނީ ހަމައެކަނި ހަތިޔާރު ގަތުމުގެ ބަދަލުގައި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ގުޅިގެން އުފެއްދުންތައް އުފެއްދުމާއި، އަދި ގުޅިގެން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް ބިނާވެފައިވާ ދިގު މުއްދަތުގެ ބައިވެރިވުމެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ދެއްވި އިންޓަވިއުއެއްގައި، އިންޑޮނޭޝިއާގެ ޗާޖް ޑި އެފެއާޒް ޔޫދޯ ސަސޮންގްކޯ ވިދާޅުވީ، އިންޑޮނޭޝިއާގެ އަސްކަރިއްޔާ ޒަމާނީކުރަމުންދާ މި ދަނޑިވަޅުގައި އިންޑިއާގެ ކުރިއަރަމުން އަންނަ ދިފާއީ ސިނާއަތުގެ ސަބަބުން އެ ގައުމަކީ އެންމެ އެކަށީގެންވާ އެއް ބައިވެރިޔާ ކަމަށެވެ.

"އިންޑޮނޭޝިއާއިން ދަނީ އަސްކަރިއްޔާ ޒަމާނީ ކުރަމުން. ހަމައެކަނި ވިޔަފާރީގެ މުއާމަލާތްތަކެއް ކުރުމުގެ ބަދަލުގައި ހަގީގީ އެއްބާރުލުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ގުޅިގެން ތަކެތި އުފެއްދުމުގެ ތެރެއިން އެހީތެރިވެދެވޭނެ ބައިވެރިންނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. އިންޑިއާގެ ކުރިއަރަމުން އަންނަ އަދި ގާބިލު ދިފާއީ ސިނާއަތާއެކު، އެކި ދާއިރާތަކުން މިފަދަ ބައިވެރިއަކަށް ވުމުގެ ފުރިހަމަ ފުރުސަތު އިންޑިއާއަށް އެބައޮތް،" ސަސޮންގްކޯ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ގައުމުން ވެސް ދިފާއީ-ސިނާއީ ގުޅުން ފުޅާކުރުމަށާއި ގުޅިގެން ގާބިލުކަން ތަރައްގީކުރުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ފުޅާކުރުމުގެ ޖާގަ އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ތަފްސީލުތައް ކަނޑައަޅާނީ ދެ ގައުމުގެ ދިފާއީ އިދާރާތަކުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި ބްރަހްމޯސް މިސައިލް ގަތުމުގެ މުއާމަލާތާމެދު މަޝްވަރާކުރެވޭނެ ކަމަށް އޮތް ރިޕޯޓުތަކާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވުމަށް ސަސޮންގްކޯ ދެކޮޅުހެއްދެވިއެވެ. ނަމަވެސް އޭނާ ވަނީ ދެ ގައުމުގެ ދިފާއީ ގުޅުން ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އޭނާ ވިދާޅުވީ، ދިފާއީ ގުޅުމަކީ ދެ ގައުމުގެ ގުޅުމުގެ އެންމެ ވަރުގަދަ އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ތަނބު ކަމަށެވެ. މީގެ ތެރޭގައި ކަނޑުގެ ސިފައިންގެ ތަމްރީނުތަކާއި، މަޝްވަރާތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ގުޅިގެން ކުރާ ދިރާސާތަކާއި އަދި ދިފާއީ ޓެކްނޮލޮޖީ ގުޅިގެން އުފެއްދުން ހިމެނޭކަމަށް ވިދާޅުވިއެވެ.

ފުޅާ ދާއިރާއެއްގައި އޮތް ސްޓްރެޓީޖިކް ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަސޮންގްކޯ ވަނީ، އާސިއާންގެ މައިގަނޑު ދައުރަށް އިންޑޮނޭޝިއާއިން ދޭ އަހަންމިއްޔަތުކަން ތަކުރާރުކުރައްވާފައެވެ. އަދި އާސިއާންގެ އެއްބައިވަންތަކަމަށާއި އާސިއާންގެ މުހިންމުކަމަށް އިންޑިއާއިން އަބަދުވެސް ދެމުން އަންނަ ތާއީދަށް އިންޑޮނޭޝިއާއިން ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އާސިއާންގެ އިންޑޯ-ޕެސިފިކް އައުޓްލުކް އާއި އިންޑިއާގެ އިންޑޯ-ޕެސިފިކް އޯޝަންސް އިނިޝިއޭޓިވްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އަމަލީ މަސައްކަތްތަކެއްގެ ތެރެއިން އާސިއާން-އިންޑިއާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕް އިތުރަށް ފުންވެގެންދާތަން ދެކެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރަހައްދުގެ އެންމެ ބޮޑު ދެ ޑިމޮކްރެސީގެ ހައިސިއްޔަތުން، އިންޑޮނޭޝިއާއިން އިންޑިއާ ދެކެނީ ހަމައެކަނި އާސިއާންގެ ބައިވެރިއެއްގެ ގޮތުގައި ނޫން. އެއީ މުޅި އިންޑޯ-ޕެސިފިކް ސަރަހައްދު ބައްޓަންކުރުމުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި. އަޅުގަނޑުމެން ގަބޫލުކުރާ މައިގަނޑު އުސޫލަކީ، ސަރަހައްދީ ކޮންމެ އޮނިގަނޑަކުން ވެސް އާސިއާންގެ މައިގަނޑު ދައުރު އިތުރަށް ވަރުގަދަވާންޖެހޭނެ ކަމާއި، އެ ދައުރު ހީނަރުވެގެން ނުވާނެކަން،" ސަސޮންގްކޯ އިތުރަށް ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ (އެމްއީއޭ) އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 6 އިން 8 އަށް އިންޑޮނޭޝިއާއަށް ދަތުރުފުޅެއް ކުރައްވާނެއެވެ. މިއީ ބޮޑުވަޒީރު އިންޑޮނޭޝިއާއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ. އަދި 2018 ވަނަ އަހަރުގެ މެއި މަހު ދެ ގައުމުގެ ގުޅުން ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕެއްގެ ދަރަޖައަށް މަތިކުރި ފަހުން ކުރައްވާ ފުރަތަމަ ދޭދޭ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ބޮޑުވަޒީރު، އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯއާއެކު ދޭދޭ މަޝްވަރާތައް ބާއްވަވައި، ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތައް މުރާޖައާ ކުރައްވާނެއެވެ. އަދި ޖަކާޓާގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ތަގުރީރުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއާއި އިންޑޮނޭޝިއާއާ ދެމެދު ތާރީހީ ގޮތުންނާއި ރައްޔިތުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. މި ހާއްސަ ގުޅުންތަކާ ގުޅިގެން، ބޮޑުވަޒީރު މޯދީ އިންޑޮނޭޝިއާގެ ޔޮގްޔަކާޓާގައި ހުންނަ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއް ކަމަށްވާ ޕްރަމްބަނަން ފައްޅިއަށް ވެސް ޒިޔާރަތްކުރައްވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!