މެކްސިކޯގެ 'ފެންޓަނީލް ރަސްގެފާނު' ގެ ގޮތުގައި ތުހުމަތުކުރެވޭ ޗައިނާގެ ގްރެޖުއޭޓް
އެމެރިކާގައި ޝަރީއަތުގެ އިންތިޒާރުގައި ހުރި ޗައިނާގެ ރައްޔިތެއް ކަމަށްވާ ޒޭންގް ޒިޑޮންގް އަކީ މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއަކާއި މަނީ ލޯންޑަރިންގެ ތުހުމަތުކުރެވޭ މީހެކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ކުށްވެރިންގެ ނެޓްވޯކް ކަމަށްވާ މެކްސިކޯގެ ސިނަލޯއާ ކާޓެލްގެ އިސް ކޯޑިނޭޓަރެއް ކަމަށްވާ، އަސްލު ނަން ސިއްރުކޮށް "އެންރީކޭ" ގެ ނަމުން މައުލޫމާތު ދިން މީހަކު ބުނާ ގޮތުގައި "ބްރަދަރ ވާންގް އަކީ އެމީހުންގެ މެދުގައި އެންމެ އިސް، އަދި އެންމެ މުހިންމު މީހާ" އެވެ. ޗައިނާގެ ކާރުޚާނާތަކުން މެކްސިކޯގެ ލެބޯޓަރީތަކަށް ފެންޓަނީލް އުފައްދާ ކެމިކަލްތައް ގެނައުމުގެ ވިއުގަ ގާއިމުކުރީ އޭނާ ކަމަށް ކާޓެލްގެ މެމްބަރުން ގަބޫލުކުރެއެވެ.
ކުށްވެރިންގެ ދުނިޔޭގައި "ފެންޓަނީލްގެ ރަސްގެފާނު" (އަދި ބްރަދަރ ވާންގް، މިސްޓަރ ޓީ ފަދަ ނަންނަމުން) މަޝްހޫރުވެފައިވާ މީހާގެ އަސްލު ނަމަކީ ޒޭންގް ޒިޑޮންގް ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނެއެވެ. އުމުރުން 39 އަހަރުގެ މި މީހާ 2024 ވަނަ އަހަރު މެކްސިކޯއިން ހައްޔަރުކުރުމަށްފަހު ފިލައިގެން ދިޔައެވެ. ނަމަވެސް 2025 ވަނަ އަހަރު އޭނާ އަލުން ހައްޔަރުކޮށް، އެމެރިކާއާ ވަނީ ހަވާލުކޮށްފައެވެ.
ފެންޓަނީލް އަކީ ހެރޮއިންއަށްވުރެ 50 ގުނަ ގަދަ ސިންތެޓިކް އޯޕިއޮއިޑެކެވެ. ލޮނުކޮޅެއްހާ ކުޑަ މިންވަރަކުންވެސް ފުރާނަ ނުރައްކަލަށް ހުށަހެޅޭ މި މަސްތުވާތަކެތީގެ ސަބަބުން އެމެރިކާގައި ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މަރުވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފެންޓަނީލް ވިއްކާ މީހުންނަކީ "ނާކޯ-ޓެރަރިސްޓުން" ގެ ގޮތުގައި ސިފަކުރައްވައި، މިއީ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި ޗައިނާ، މެކްސިކޯ އަދި ކެނެޑާއިން ނަގާ ޓެރިފް ބޮޑުކުރުމަށްވެސް މިކަން ސަބަބެއްގެ ގޮތުގައި ވަނީ ބޭނުންކުރައްވާފައެވެ.
2025 ވަނަ އަހަރު ނިއުޔޯކްގެ ކޯޓަކަށް ޒޭންގް ހާޒިރުކުރެވުނުއިރު، އޭރުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލް ޓޮޑް ބްލާންޗް ވަނީ އޭނާއަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ސްމަގްލަރު ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަކީ ގިނަ އަދަދެއްގެ ކޮކެއިން، ފެންޓަނީލް، އަދި މެތަމްފެޓަމީން އެމެރިކާއަށް އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ އެތައް މިލިއަން ޑޮލަރެއް ލޯންޑަރކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ މީހެއްކަމަށް ތުހުމަތުކުރެއްވިއެވެ. ޒޭންގް ވަނީ މި ދައުވާތަކަށް އިންކާރުކޮށްފައެވެ.
ޒޭންގް އަކީ ޗައިނާގެ އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީ ކަމަށްވާ ޕޭކިންގް ޔުނިވަރސިޓީން 2010 ވަނަ އަހަރު ސްޕެނިޝް ބަހުން ޑިގްރީ ހާސިލްކުރި މީހެކެވެ. އޭގެ އަހަރެއް ފަހުން އޭނާ މެކްސިކޯއަށް ދިޔައީ 2011 ގައި ޗައިނާގެ މައިނިންގް ކުންފުންޏެއްގެ ވަޒީފާއަށެވެ. އޭނާއާއެކު ކިޔަވައި، އަދި އެއް ކުންފުންޏެއްގައި މަސައްކަތްކުރި "އެލެކްސް" (އަސްލު ނަމެއް ނޫން) ބުނާ ގޮތުގައި، ޒޭންގް އަކީ މީހުންނާ މުއާމަލާތްކުރުމަށް މޮޅު، ކޮންމެ މާހައުލަކަށްވެސް ފަރިތަވެގަންނަން އެނގޭ، އަދި ފުރިހަމައަށް ސްޕެނިޝް ބަހުން ވާހަކަދައްކަން އެނގޭ މީހެކެވެ. މެކްސިކޯގެ ކުށްވެރިންގެ ނެޓްވޯކްތަކާ ގުޅުން ބަދަހިކުރަން ޒޭންގްއަށް ފަސޭހަވީ މި ސަބަބާ ހުރެއެވެ.
2013 ވަނަ އަހަރު މައިނިންގް ކުންފުނި ބަނގުރޫޓުވުމުން އެލެކްސް އެނބުރި ޗައިނާއަށް ދިޔަނަމަވެސް ޒޭންގް މަޑުކުރީ މެކްސިކޯގައެވެ. އޭގެ ފަހުން ވީޗެޓް މެދުވެރިކޮށް ޑޮލަރު މާރުކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ. އެލެކްސް ގަބޫލުކުރާ ގޮތުގައި އެއީ މަނީ ލޯންޑަރ ކުރުމުގެ ފެށުމެވެ. ކާޓެލްގެ މެމްބަރު އެންރީކޭ ބުނާ ގޮތުގައި، ކާޓެލްގެ އިސްވެރިއެއްގެ އާއިލީ އަންހެނަކާ ޒޭންގް ލޯބީގެ ގޮތުން ގުޅުމަކީ އެ ނެޓްވޯކްގެ އެންމެ އެތެރެއަށް ވަނުމަށް އޭނާއަށް ލިބުނު ފުރުސަތެކެވެ. އެމެރިކާގެ ކޯޓު ލިޔެކިޔުންތައް ބުނާގޮތުން ޖޫން 2016 އިން ފެށިގެން އޭނާ ދިޔައީ ބޮޑު ޑްރަގް ނެޓްވޯކެއް ހިންގަމުންނެވެ.
ކާޓެލްގެ އެހެން މެމްބަރެއް ކަމަށްވާ "ލުއިސް" ބުނާ ގޮތުގައި، 2019 ވަނަ އަހަރު ޒޭންގް ވަނީ ފެންޓަނީލް އުފެއްދުމަށް ބޭނުންވާ ކެމިކަލްތައް ކާޓެލްއަށް ވިއްކަން ފަށާފައެވެ. އެއާއެކު ލުއިސް އަކީ ސިއްރު ލެބޯޓަރީއެއްގައި ފެންޓަނީލް ތައްޔާރުކުރާ މީހަކަށް ބަދަލުވިއެވެ. ރައްކާތެރިކަމުގެ ހެދުމުގެ ތެރެއިން ކެމިކަލްތައް ވަދެ، އޭނާގެ ކުރިމަތީގައި މަދުވެގެން ފަސް މީހުން މަރުވެފައިވާ ކަމަށް ލުއިސް ބުންޏެވެ.
އެންރީކޭ ކިޔައިދިން ގޮތުގައި، ޒޭންގް ޗައިނާއިން ކެމިކަލްތައް ހޯދައި، ވައިގެ މަގުން ނުވަތަ ކަނޑުމަގުން މެކްސިކޯއަށް އެތެރެކުރެއެވެ. އެއަށްފަހު އެންރީކޭގެ ނެޓްވޯކުން އެ ތަކެތި ލުއިސް ފަދަ މީހުންނާ ހަވާލުކުރެއެވެ. ފެންޓަނީލް އޯވަރޑޯޒްވެގެން އެންރީކޭގެ އާއިލާ މީހަކުވެސް މަރުވެފައިވާއިރު، މިކަމާ ދެރަވޭތޯ އެހުމުން އޭނާ ބުނީ މިއީ އާމްދަނީ ހޯދަން ކުރާ މަސައްކަތެއް ކަމަށާއި އެހެން ގޮތެއް ނޭނގޭ ކަމަށެވެ. އަދި ލެބޯޓަރީގެ މަސައްކަތް ހުއްޓާލަން ލުއިސް އުޅުމުން، އޭގެ ބަދަލުގައި ހަތިޔާރު އަޅައިގެން ހަނގުރާމައަށް ނުކުތުމަށް އޭނާގެ ބޮސް މަޖުބޫރުކުރި ކަމަށް ލުއިސް ބުންޏެވެ.
މެކްސިކޯގެ ސަލާމަތީ އިދާރާތަކުން ބުނާގޮތުގައި ޒޭންގްގެ ޣައިރުގާނޫނީ ވިޔަފާރި އެމެރިކާ ބައްރުން ފެށިގެން ޔޫރަޕް، ޗައިނާ އަދި ޖަޕާނަށް ފެތުރިފައިވެއެވެ. އިންސައިޓް ކްރައިމްގެ ރިސާޗަރެއް ކަމަށްވާ ވިކްޓޯރިއާ ޑިޓްމާރ ވިދާޅުވާ ގޮތުގައި، ޗައިނާގެ ކެމިކަލް އުފައްދާ ފަރާތްތަކާއި މެކްސިކޯގެ ކާޓެލްތައް ގުޅުވާލަދިން މައިގަނޑު މެދުވެރިއަކީ ޒޭންގްއެވެ. އަދި އެމެރިކާގެ މާކެޓުގައިވެސް އޭނާގެ ނުފޫޒު އޮންނައިރު، މި ތިން ސަރަހައްދު އެކަކު ގުޅުވާލުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއްކަން އޭނާ ފާހަގަކުރިއެވެ.
މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި 1,000 ކިލޯގެ ކޮކެއިން، 1,800 ކިލޯގެ ފެންޓަނީލް އަދި 600 ކިލޯގެ މެތަމްފެޓަމީން އެކްސްޕޯޓްކޮށް، އަހަރަކު 150 މިލިއަން ޑޮލަރުގެ މުއާމަލާތް ޒޭންގް ހިންގައެވެ. އަދި އެމެރިކާގައި 100 އަށްވުރެ ގިނަ ޝެލް ކުންފުނި މެދުވެރިކޮށް އޭނާ މަނީ ލޯންޑަރކުރި ކަމަށް ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނެއެވެ.
ޗައިނާއަކީ ސިންތެޓިކް ޑްރަގް އުފެއްދުމަށް ބޭނުންވާ ކެމިކަލް އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއް ގައުމެވެ. އެ ގައުމުގައި 160,000 ކެމިކަލް ކުންފުނި ހިންގާއިރު، އެކަން މޮނިޓަރކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީން ބުނީ، 2019 ވަނަ އަހަރުން ފެށިގެން ފެންޓަނީލްއާ ގުޅުންހުރި ހުރިހާ ބާވަތެއް ޗައިނާއިން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާ އެއް ގައުމަކީ ޗައިނާ ކަމަށެވެ.