ދުނިޔެ

ކުވޭތާއި އިންޑިއާގެ ވިޔަފާރިއާއި ސަގާފީ އަދި ސިޔާސީ ގުޅުން އިތުރަށް ފުޅާވަނީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ނިއުދިއްލީ (15 އޮގަސްޓް 2026) - އިންޑިއާގެ 80 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ނިއުދިއްލީގެ ރިޔާސީ ގަނޑުވަރުގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން، އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ކުވޭތުގެ ސަފީރު މިޝާލް އަލް-ޝިމާލީ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އިންޑިއާގެ ރައީސާ ދްރައުޕަދީ މުރުމޫގެ ދައުވަތަކަށް ސަފީރު އަލް-ޝިމާލީ ބައިވެރިވެވަޑައިގެންނެވި މި ހަރަކާތުގައި، އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި، އެކި ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ އިތުރުން ވިޔަފާރިއާއި ސަގާފީ އަދި އިޖުތިމާއީ ދާއިރާތަކުގެ ފާހަގަކޮށްލެވޭ ފަރާތްތަކުން ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވަމުން، ސަފީރު ވަނީ އެ ގައުމުގެ ރައްޔިތުން މިނިވަންކަމާއި ތަރައްގީއާއި ފާގަތިކަމަށް ކުރި ދަތުރަށާއި، ޒަމާންތަކެއް ވަންދެން އިންޑިއާއިން ދައްކުވައިދީފައިވާ ގިނަގުނަ ސިފަތަކަށް ތައުރީފުކުރައްވާފައެވެ. މީގެ އިތުރުން، 1960 ގެ އަހަރުތަކުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުވުމުގެ މާކުރިން ފެށިގެން، ވިޔަފާރިއާއި ސަގާފީ އަދި އިންސާނީ އެހީތެރިކަމުގެ ރޮނގުން އޮތް ތާރީހީ ބަދަހި ގުޅުން ސަފީރު ފާހަގަކުރެއްވިއެވެ.

ކުވޭތާއި އިންޑިއާއާ ދެމެދު އޮތް މި އުޖާލާ ތާރީހީ ގުޅުން ސިޔާސީ، އިގުތިސާދީ އަދި އިންވެސްޓްމަންޓްގެ ދާއިރާތަކުގައި މިހާރުވެސް ދަނީ ކުރިއަރަމުންނެވެ. އަދި ކުވޭތުގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަކީ ދެ ގައުމުގެ ގުޅުން ބަދަހިކޮށްދޭ މުހިންމު ފާލަމެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަރާތްތަކުގެ މުހިންމު ދައުރު ސަފީރު ފާހަގަކުރެއްވިއެވެ.

މިއަހަރަކީ ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 65 އަހަރު ފުރޭ މުނާސަބަތުކަން ފާހަގަކުރައްވައި، އަލް-ޝިމާލީ ވިދާޅުވީ ދެ ގައުމުގެ ވެރިންގެ އިރުޝާދުގެ ދަށުން، މިހާރު އޮތް އެއްބާރުލުމާއި ސްޓްރެޓީޖިކް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުވޭތުން އަބަދުވެސް އިސްކަންދޭ ކަމަށެވެ. އަދި ދެ ގައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި، އިހުތިރާމާއެކު މި ގުޅުން އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. (ކޫނާ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!