ވިޔަފާރި

ރާއްޖޭގެ އިމްޕޯޓް 26.8 އިންސައްތަ އިތުރު ވެއްޖެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
މާލޭގެ ވިޔަފާރި ބަނދަރުގައި އެމްޕީއެލްގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ / ފޮޓޯ:ދެން އިމޭޖްސް

މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 26.8 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުން ދައްކާގޮތުގައި، 2025ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 2 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާ އިރު، 2026ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 2,549.0 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. އަދި ހަމައެކަނި ޖުލައި މަހަށް ބަލާއިރު ވެސް، 2025ވަނަ އަހަރުގެ ޖުލައި މަހު 290.4 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރުގެ ޖުލައި މަހު ވަނީ 339.3 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައެވެ. މިއީ 16.8 އިންސައްތަ ކުރިއެރުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ދެ ޤައުމު ކަމަށްވާ ޗައިނާ އާއި އިންޑިއާ އިން އެތެރެކުރި މުދަލުގެ ނިސްބަތަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ.

މި އަހަރުގެ ޖަނަވަރީން ޖުލައިގެ ނިޔަލަށް ޗައިނާއިން 381.9 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެކުރި 297.4 މިލިއަން ޑޮލަރާ އަޅާބަލާއިރު 28.4 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާ އެކު، އިންޑިއާއިން މިއަހަރުގެ ޖުލައިގެ ނިޔަލަށް 347.5 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކުރި 306.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 13.3 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޭޝިއާ ބައްރުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި އޭޝިއާ ސަރަޙައްދުން އެކަނި ވެސް 2,145.1 މިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫރަޕުން 262.2 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، އުތުރު އެމެރިކާއިން އެތެރެކޮށްފައި ވަނީ 64.3 މިލިއަން ޑޮލަރުގެ މުދަލެވެ.