ވިޔަފާރި

ދެ މަސްތެރޭ އެންމެ ގިނައިން ޓޫރިސްޓުން އައީ މިދިޔަ ހޮނިހިރު ދުވަހު

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް މާލޭގައި / ފޮޓޯ:ދެން އިމޭޖްސް

މިދިޔަ ދެ މަސް ތެރޭ ރާއްޖެއަށް އެއް ދުވަހެއްގެ މަތިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 7,241 ޓޫރިސްޓުން އައިސްފައިވެއެވެ. މިދިޔަ ދެ މަހަށް ބަލާއިރު އެވްރެޖުކޮށް ރާއްޖެއަށް ދުވާލަކު އަންނަނީ 5،000 މީހުންނެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،677،812 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެއީ 316،803 ފަތުރުވެރިންނާ އެކު ޖުމްލަ ޒިޔާރަތްކުރި މީހުންގެ 19.2 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 239،167 ފަތުރުވެރިންނާ އެކު 14.5 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން 124،652 ފަތުރުވެރިން (7.6 އިންސައްތަ) ވަނީ ޒިޔާރަތްކޮށްފައެވެ. ޖަރުމަނުވިލާތުން 107،479 ފަތުރުވެރިން (6.5 އިންސައްތަ) ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިޓަލީވިލާތުން 100،924 ފަތުރުވެރިން (6.1 އިންސައްތަ) ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގައި މިހާރު ޖުމްލަ 68،083 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. އެގޮތުން އޮޕަރޭޝަންގައިވާ އެނދުގެ 66 އިންސައްތަ އަކީ ރިސޯޓުތަކެވެ. އަދި 25 އިންސައްތަ އަކީ ގެސްޓްހައުސްތަކެވެ. މީގެ އިތުރުން ސަފާރީ އުޅަނދުތަކުން 5 އިންސައްތަ ހިއްސާކުރާއިރު، ހޮޓާތަކުން ހިއްސާކުރަނީ 4 އިންސައްތައެވެ.

Ads by HDC