ކޮވިޑް-19ގެ ގެއްލުމުގެ ބަދަލު ހޯދުމަށް ޖަރުމަނުން 149 ބިލިއަން ޔޫރޯގެ ބިލެއް ޗައިނާއަށް
ފަހުގެ ތާރީޚެއްގައި މުޅި ދުނިޔޭގެ އިޤްދިޞާދަށް އެންމެ ބޮޑު ގެއްލުމެއް ލިބި އެންމެ ގިނަ ބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅުނު ކޮވިޑް-19 އިން، ޖަރުމަނަށް ލިބުނު ކަމަށް އަންދާޒާ ކުރާ 149 ބިލިއަން ޔޫރޯގެ ގެއްލުމުގެ ބަދަލު ޗައިނާ އަތުން ހޯދަން ޖެހޭނެ ކަމަށް ބުނެ ޖަރުމަނުގެ މަޝްހޫރު ނޫހަކުން ބިލެއް އާންމުކޮށްފިއެވެ.
އެ ނޫހުން އާންމުކުރި މި ބިލުގައި، ޓޫރިޒަމުން ލިބުނު ގެއްލުމުގެ ގޮތުގައި 27 ބިލިއަން، މުނިފޫހިފިލުވުމުގެ ދާއިރާއިން ލިބުން ގެއްލުމުގެ ގޮތުގައި 7.2 ބިލިއަން، ޖަރުމަނުގެ ގައުމީ އެއަރލައިނަށް ލިބުނު ގެއްލުމުގެ ގޮތުގައި 1 ބިލިއަން އަދި ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ 50 ބިލިއަން ޔޫރޯ ހިމަނާފައިވެއެވެ. މި ނޫހުގެ އެޑިޓަރު ހާމަކުރިގޮތުގައި މިއީ ކޮވިޑް-19 ގެ ސަބަބުން ޖަރުމަނަށް ލިބުނު ގެއްލުމަށް ޗައިނާއިން ޒިންމާ ވާންޖެހޭތޯ ސުވާލު އުފައްދާ އާންމުކޮށްފައިވާ ބިލެކެވެ.
މި ބިލަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ބުނީ މިއީ ވަކި ބަޔަކު ދަށްކޮށް ވަކި ގައުމެއް މޮޅުކަން ދެއްކުމުގެ ގޮތުން ހިންގާފައިވާ ޢަމަލެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19 އަށް ޗައިނާއިން ޒިންމާވާން ޖެހޭނެކަން ފާޅުކަން ބޮޑު ގޮތެއްގައި ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރި ގޮތުގައި، މިއީ ނޭގި ހިނގި ކަމެއް ނަމަވެސް މިއީ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި، އެނގިގެން ވީ ކަމެއްނަމަ މިކަމުގެ ސަބަބުން މުޅި ދުނިޔެއަށް ލިބުނު ގެއްލުމުގެ ޒިންމާ ޗައިނާއިން އުފުލަން ޖެހޭނެ ކަމަށެވެ.
ކޮރޯނާ ވައިރަހަކީ ޖަނަވާރުން ޖެހުނު އެއްޗެއް ނޫން ކަމާއި ޗައިނާއިން އުފެއްދި އެއްޗެއް ކަމަށް ޝައްކުކޮށް އެކަމާއި ގުޅޭ ސިއްރު މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް އެމެރިކާއިން ދަނީ ކުރަމުންނެވެ. އަދި މި ތަހުގީގު ތަކުގައި އިނގިރޭސިވިލާތުން ވަނީ ބައިވެރިވެފައެވެ.
ކޮވިޑް-19 ގެ މައްސަލާގައި ދުނިޔޭގެ ގިނަ ގައުމުތަކެއް ދަނީ ޗައިނާއަށް އިނގިލި ދިއްކުރަމުންނެވެ. އެންމެ ފަހުން ޖަރުމަނު ވެސް މި ލިސްޓަށް އެރިއިރު އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ފަދަ ގައުމުތަކުން ވަނީ ޗައިނާއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށްފައެވެ.