130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އިސްކޮށް ހުރި ކަމަށް ތުހުމަތުވާ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

ކަންނެލި ދޯންޏަކުން ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އިސްކޮށް ހުރިކަމަށް ތުހުމަތުވާ ހއ. ހޯރަފުށި/ ވައިލެޓްވިލާ އަހުމަދު މޫސާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މިމަހުގެ 12 ވަނަ ދުވަހު ހިންގި އެއޮޕަރޭޝަންގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ވަނީ އާއްމު ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
ރާއްޖެއަށް މިމަސްތުވާތަކެތި އެތެރެކުރުމުގައި ހަރަކާތްތެރިވިކަމަށް ފުލުހުން އަހުމަދު މޫސާގެ އިތުރުން ތުހުމަތު ކޮށްފައިވަނީ ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް ގެ މައްޗަށެވެ.