ދުނިޔެ

ޔޫއޭއީގެ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ޔޫއޭއީގެ ހުރިހާ ރައްޔިތުންނާއި އެ ޤައުމުގައި ވަޒަންވެރިވެގެން އުޅޭ ހުރިހާ މީހުން، ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޑުބާއީ އިން ތައްޔާރުވެއްޖެކަމަށް، ބްލޫމްބާރގް ނޫހުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި މަރޗް ފަހުކޮޅުން ފެށިގެން ޔޫއޭއީ ގެ އެކި ހިސާބުތަކުގައި ޓެސްޓިން ސެންޓަރުތަކެއް ހެދިގެން ވަރަށް ފުޅާކޮށް މިކަން ދިޔައީ ކުރެވެމުންނެވެ. އެގޮތަށް ޑުބާއީ ހިމެނެނީ ޑްރައި-ތުރޫ ޓެސްޓިން ސެންޓަރުތައް ޤާއިމު ކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައެވެ.

ޔޫއޭއީގެ ހެލްތު ސެކްޓަރ ގެ ތަރުޖަމާނު ފަރިދާ އަލްހޮސައިނީ ހާމަކުރި ގޮތުގައި މިދިޔަ 24 ގަޑި އިރުގެ ތެރޭގައިވެސް 25،795 މީހަކު ޓެސްޓް ކުރެވި 484 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. މިގައުމުން މިހާތަނަށް ޖުމްލަ 7،265 މީހަކަށް މިބަލި ޖެހި 43 މީހަކު ވަނީ މަރުވެފައެވެ. ޔޫއޭއީ އިން ވަނީ އެ ގައުމުގެ ސިޓީތަކުގެ މެދުގައި ދަތުރުފަތުރު ކުރުން ކޮންޓްރޯލްކޮށް، މޯލްތައް ބަންދުކޮށް، ރެސްޓޯރެންޓްތައްވެސް ހަމަ އެކަނި ޑެލިވަރީ އަށް ހުޅުވާ، ވައިގެ ދަތުރުތައް ވަރަށް ބޮޑަށް މަދު ކޮށްފައެވެ.

މިގައުމުން ވަނީ، އަބުދާބީ ޓެކްނޮލޮޖީ ކޮމްޕެނީ ގްރޫޕާއި ބީ.ޖީ.އައި އާއި ގުޅިގެން، ކޮވިޑް-19 އަށް ޚާއްސަކޮށް ވަރަށް ބިޔަ ލެބޯޓަރީ އެއް ޤާއިމްކޮށްފައެވެ. އަދި މިހާރެކޭ އެއްގޮތަށް ޑްރައިވް-ތުރޫ ޓެސްޓިންގ ސެންޓަރު ތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށްގެން ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން އަބޫދާބީގެ ސިނާޢި ސަރަޙައްދުގައި ޓެސްޓް ކުރުމަށް ޚާއްސަ ދެ މަރުކަޒެއްވަނީ ޤާއިމް ކޮށްފައެވެ.

މިނިސްޓްރީ އޮފް ހެލްތް އެންޑް ޕްރިވެންޝަންގެ ޑރ. ޢާދިލް ސަޖްވާނީ ވަނީ ގިނަ ބަޔަކު ޓެސްޓްކުރެވި، ބަލިޖެހިފައިވާ މީހުން ދެނެގަނެ އަވަހަށް އެމީހުން އެކަހެރި ކުރެވޭނަމަ މިކަންވާނީ ގުދު ފަތި ކުރަން ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށް ހާމަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ޔޫ. އޭ. އީ އިން މި ބަލި ކޮންޓްރޯލް ކުރެވޭނެކަމުގެ އުއްމީދު ކުރައްވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އެހެން ގައުމު ތަކެކޭ އެއްގޮތަށް ޔޫއޭއީ ގައިވެސް އަދިވެސް މީހުން ބޭރަށް ނިކުމެ އެއްވެ އުޅޭކަން ފާހަގަ ކުރެވެއެވެ.

9.36 މިލިއަން މީހުން އުޅޭ ޔޫއޭއީގެ ރައްޔިތުންގެ ތެރެއިން 89 އިންސައްތައަކީ އެހެން ގައުމުތަކުން އައިސް ޔޫއޭއީގައި ވަޒަންވެރި ވެގެން އުޅޭ މީހުންނެވެ. އެގައުމުގެ އަސްލު ދަރިކޮޅުގެ އިންސައްތައަކީ އާބާދީގެ 11 އިންސައްތައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!