ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް އުފުލިއްޖެ- އެމްއެމްއޭ

ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް އުފުލިފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހެދި ސާވޭ "ކުއާޓަލީ ބިޒްނަސް ސާވޭ" އިން ދައްކައިފިއެވެ.
އެމްއެމްއޭ އިން މިއަހަރުގެ ޖުލައި، އޯގަސްޓު އަދި ސެޕްޓެމްބަރު މަހަށް ބަލައި ހަދާފައިވާ ސާވޭ އިން އަންދާޒާ ކޮށްފައިވާ ގޮތުގައި އަހަރުގެ ފަހު ތިން މަހުގައި، އިމާރާތް ކުރުމުގެ ސިނާއަތުގެ އަގުތައް ފިޔަވައި އެހެން ސިނާއަތްތަކުގެ އަގުތައް މަތިވެގެން ދާނެއެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިން ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުގެ ހާލަތުގެ ދެވަނަ ކުއާޓަރ އަށްވުރެ ތިންވަނަ ކުއާޓަރގައި ގޯސްވެފައިވާ ކަމަށް ވެސް އެ ސާވޭގައި ބުނެފައިވެއެވެ.
މި ސާވޭއިން ދައްކާ ގޮތުގައި މިއަހަރުގެ 3 ވަނަ ކުއާޓާގައި، ފަތުރުވެރިކަމުގެ ސިނާއަތާއި، އިމާރާތް ކުރުމުގެ ސިނާއަތާއި، އަދި ހޯލްސޭލް އާއި ރީޓެއިލް ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކާއި އަދި ވިޔަފާރީ ހިންގުމަށް ގަންނަ ތަކެތީގެ އަގު ވަނީ އުފުލިފައެވެ.
ބޯޑަރު ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން އަލުން ގެންނަން ފަށާފައި ވީ ނަމަވެސް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް މަދެވެ.މިހެން ވުމުގެ ސަބަބުން ރާއްޖޭއަށް ޑޮލަރު ލިބުމުގެ ދަތިކަން ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރުގެ ދުވަހެއް ދުވަހަކަށް ދަނީ އުފުލެމުންނެވެ.