ދުނިޔެ

ކޮވިޑް-19 ގެ ސަބަބުން ސިކުނޑީގައި ލޭގަނޑުވެ ސްޓްރޯކް ޖެހޭކަމުގެ ބިރު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ފަރުވާދޭ ޒުވާނުންނަށް ސްޓްރޯކް ޖެހޭ އަދަދު ވަރަށް ބޮޑަށް މަތިވެފައިވުމުން، މިއީ ކޮވިޑް-19 ގެ އާ އަލާމާތަކަށް ވުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ހާމަކޮށްފިއެވެ.

Ads by WAMCO

އެމެރިކާގެ ނިއުޔޯކް އަދި ފިލަޑެލްފިޔާގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މިދިޔަ 3 ހަފްތާގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި މި މަރުކަޒު ތަކުގައި ސްޓްރޯކް ޖެހުނު މީހުންގެ ތެރެއިން ސާޅިސް އިންސައްތައަކީ ކޮވިޑް-19 އަށް ފަރުވާދެމުންދާ 50 އަހަރުން ދަށުގެ މީހުނެވެ.
މީގެ އިތުރުން ޗައިނާގެ ވުހާންގެ 3 ހޮސްޕިޓަލަކުން މައުލޫމާތު ނަގައިގެން ހެދި ދިރާސާއަކުން ދައްކާގޮތުން އެ ދިރާސާގައި ބެލި މީހުންގެ ތެރެއިން 36 އިންސައްތަ މީހުންނަށް، ހޭނެތުމާއި ސިކުނޑީގައި ލޭގަނޑުވުމުގެ މައްސަލަތައް ދިމާވިއެވެ. މި ރިޕޯޓަކީ އިތުރަށް ރިވިއު ކުރަން ޖެހޭ ރިޕޯޓެއް ނަމަވެސް މި ރިޕޯޓާއި އެކު، ކޮވިޑް-19 ޖެހޭމީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވާކަމަށް ބެލެވުނު ބެލެވުމުން އިތުރަށް ވަރުގަދަ ވިއެވެ.

މިބަލި ޖެހޭމީހުންގެ އުނަގަނޑުން ތިރި ލޭގަނޑުވާން ފަށާ، އެކަން ފުއްޕާމެއަށް ގޮސް ފުއްޕާމޭގެ ނާރުތައް ބެދުމަކީ ބަލި ޖެހޭމީހުންގެ ފަރާތުން އާންމުކޮށް ފެންނަ ކަމެކެވެ. މިގޮތަށް ހިތުގެ ކައިރީގައިވާ ނާރުތަކުގައި ލޭ ގަނޑުވާނަމަ ހިތް ހުއްޓިގެން މަރުވުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަން މިހެންވަނީ ކިހިނެތްކަން ސައިންޓިސްޓުންނަށް ޔަގީން ނުވި ނަމަވެސް ބައެއް ސައިންޓިސްޓުން ހާމަ ކުރާ ގޮތުގައި މިއީ ދިފާޢި ނިޒާމަށް ދިމާވާ "އޯވަރރިއެކްޝަނެއްގެ" ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ.

ފިލަޑެލްފިޔާގެ ޓެމްޕަލް ޔުނިވަރސިޓީގެ ފަރާތުން ޑޮކްޓަރު ޖެމީ ގަރފީލްޑް ހާމަ ކުރި ގޮތުގައި، މިގޮތަށް ލޭ ގަނޑުވުމުގެ ސަބަބުން ލޭނާރުތައް ހަލާކުވެ ސްޓްރޯކް ޖެހެން މެދުވެރި ވެއެވެ. އެހެން ކަމުން މިހާ ގިނަ އަދަދަކަށް މީހުން މަރުވަމުން ދާ ސަބަބަކީ މިއީ ކަމަށް ވުން ގާތް ކަމަށް ޑރ. ގަރފީލްޑް ހާމަ ކުރިއެވެ.

މި ވައިރަސް ލޭނާރުތަކަށް ޙަމަލާދެނީ ކިހިނެތްކަން ހޯދިފައި ނުވިނަމަވެސް، ވުހާންގެ ޖާމާ ކާޑިއޮލޮޖީގެ ފަރާތުން 25 މާރޗް ގައި ތައްޔާރު ކުރި ލިޔުމެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، އެތަނުގައި ފަރުވާދިން ބަލި މީހުންގެ ތެރެއިން 20 އިންސައްތަ މީހުންގެ ހިތަށް ގެއްލުން ވެފައިވެއެވެ. އަދޮ ތްރޮމްބޮސިސް ރިސާރޗްގައި ވާ ދިރާސާއަކުން ދައްކާގޮތުން، ނެދަރލެންޑްގެ އައި.ސީ.ޔޫގައި ފަރުވާ ދިން 38 އިންސައްތަ މީހުނަށް ލޭގަނޑުވުމުގެ މައްސަލަ ދިމާވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!