ކޮވިޑް-19 އާއެކު ގިނަ ވެގެން ދިޔަ ގެވެށި އަނިޔާ ، ލާއިންސާނީ އެތައް އަނިޔާތަކެއް
ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ލޮކްޑައުންގައި ތިބެން ޖެހެމުން، ހުރިހާ ގައުމެއްގައިވެސް މާރާމާރީ އާ ވައްކަމާ މީހުންމެރުންފަދަ ކުށްތައް ވަނީ އޮޓޮމެޓިކުން މަދުވެފައެވެ. ނުވަތަ ހުއްޓިފައެވެ. ނަމަވެސް އިތުރުވެގެން ދިޔަ އެއް މައްސަލައެއް ފާހަގަ ކޮށްލެވެއެވެ. އެއީ ގެވެށި އަނިޔާގެ މައްސަލަތަކެވެ.
ބޭރުގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮރޯނާ ވައިރަހާއި ގުޅިގެން އެންމެން ގޭގައި ތިބެން ޖެހުމާއެކު ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް އިމަޖެންސީ ކޯލް ސެންޓަރުތަކާއި ހަވާލާދީ ބުނެފައިވެއެވެ. އެގޮތުން އެމެރިކާގެ އިމަރޖެންސީ ކޯލް ސެންޓަރަށް ގުޅާފައި އެކަކު ރިޕޯޓް ކުރި ގޮތުގައި، އޭނާ އެއް ފަހަރުވެސް ކެއްސާލައިފި ނަމަ މަގުމައްޗަށް އެއްލާލާނެ ކަމުގެ އިންޒާރު ފިރިމީހާ އަންނަނީ ދެމުންނެވެ. އަދި ދެވަނަ އަށް ރިޕޯޓް ކުރި މީހާ ބުނީ ފިރިމީހާ ކަރުގައި ހިފާ މަރާލަން އުޅުނު ކަމަށާއި، ނަމަވެސް ކަރަށް ލިބުނު ގެއްލުމަށް ފަރުވާ ކުރަންވެސް ހޮސްޕިޓަލަށް ދާން ޖެހިލުން ވާކަމަށެވެ. ތިންވަނަ އަށް އައީ ފިރިހެނެއްގެ ކޯލެކެވެ. އެމީހާ ބުނީ ގޭގައި ގެންގުޅޭ ހުރިހާ ސެނެޓައިޒަރ ފަދަ ސާފު ކުރާ ސާމާނު އަންހެނުން ފޮރުވައިގެން ގެންގުޅޭކަމަށާއި، އަންހެނުން ބޭނުންވަނީ އޭނާއަށް ކޮރޯނާވައިރަސް ޖެހިގެން މަރުވާން ކަމަށެވެ.
ގެވެށިއަނިޔާއަކީ ބޮޑަށް ދެމަފިރިން ނުވަތަ އެކީގައި ދިރިއުޅޭ މީހުންގެ މެދުގައި ހިނގާ ކަމެކެވެ. މިގޮތުން ހިނގަމުން މިދާ ލޮކްޑައުންގެ ދުވަސްވަރު ހިނގާފައި ހުރި ގެވެށި އަނިޔާގެ ބައެއް މައްސަލަތައް ފާހަގަ ކޮށްލާނަމެވެ.
ޗައިނާގެ ލިލީ (26 އަހަރު)
ޗައިނާގެ އިރުމަތީގެ ޕްރޮވިންސެއްކަމަށްވާ އަންހުއި ގައި ދިރިއުޅޭ ލިލީ އަށް ލޮކްޑައުންވާން ޖެހުނީ އޭނާގެ އަނިޔާވެރި ފިރިމީހާއާއި އެކުގައެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއް އެ ބިރުވެރި ކަމުގައި ހޭދަ ކުރަމުން ގޮސް މަރޗް 1 ވަނަ ދުވަހު ކުރި ޒުވާބެއް ހޫނުވެގެންގޮސް ގޮނޑިއަކުން އޭނާގައިގައި ތަޅައިގަތީ 11 މަހުގެ ތުއްތު ދަރިފުޅު އުރައިގެން އިންދައެވެ. އެގޮތަށް އިންދާ ލިލީގެ ގައިގައި ގޮޑިންޖެހީ ކިތައް ފަހަރު ކަންވެސް ނޭގެއެވެ. ފައިން އިހުސާސް ކެނޑޭވަރު ވުމުން ލިލީ ވެއްޓުނު އިރުވެސް އުރުގައި ދަރިފުޅު އިނެވެ. ފަހުން ލިލީ ނަގާފައިވާ ފޮޓޯއަކުން ފެންނަނީ ގޮނޑި އެއްކޮށް ކުދިކުދި ވެފަ އޮއްވަ އެވެ. ދަގަނޑުން ހަދާފައިވާ ގޮނޑީގެ ދެފައިވެސް ވަނީ ވަކިވެފައެވެ. އަނެއް ފޮޓޯގައި ފެންނަނީ ލިލީގެ ފައެވެ. ޒަޚަމް ނުވާ އެންމެ އިންޗިއެއް ވެސް ނެތެވެ. ކުޑަކަޅުވާ އޮތީ އެއްކޮށް ނޫފައި ގަނެފަ އެވެ. ލިލީ ހާމަ ކުރި ގޮތުގައި 6 އަހަރުވީ ކައިވެނީގައި ކޮންމެ ދުވަހަކު އޭނާގެ ފިރިމީހާގެ ކޮންމެވެސް އަނިޔާއެއް ލިލީ އަށް ލިބެއެވެ. ނަމަވެސް ލޮކްޑައުން އަކީ ލިލީގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކެވެ. ކުރިން ވިއްޔާ ރުޅި އައިސްފިނަމަ ކޮންމެވެސް އެކަކު ބޭރަށް ވެސް ނިކުމެލާނެއެވެ. ވަޒީފާއަށް ދިއުމާއި ކުދިންގެ ސްކޫލުގެ ކަންކަމުގައި މިގޮތަށް ތަޅާފޮޅުމަށް ދާނެ ފުރުސަތު ކުޑަވާނެއެވެ.
ސްޕެންގެ އާނާ
ސްޕެއިންގެ އަންހެނުންގެ ޙައްގުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާއަކުން ގެވެށި އަނިޔާ ތަހައްމަލު ކުރަމުންދާ މީހުނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ތެރެއިން ދިމާވި އާނާގެ ވާހަކަވެސް ގައިން ހީބިހި ނަގާވަރުވެއެވެ. އާނާ އާއި އޭނާގެ ބައިވެރިއެއް އެޕާޓްމަންޓެއްގައި އެކީގައި އުޅޭއިރުވެސް ބައިވެރިޔާ އަބަދު އާނާއަށް ޝައްކު ކުރެއެވެ. އެއްވެސް ތަނެއްގެ ދޮރެއް ތަޅުލުން މަނަލެވެ. ފާޚާނާގެ ދޮރުވެސް ހުންނަން ޖެހެނީ ހުޅުވާފައެވެ. އަންހެނަކަށް ވީތީ ކޮންމެވެސް ވަރެއްގެ އަމިއްލަ ވަގުތު ކޮޅެއް ވެސް ބޭނުންވެއެވެ. އެކަން ވެސް އާނާއަށް ވަނީ ބޮޑު އަނިޔާއެއްގެ ފެށުން ކަމަށެވެ. ތަނެއްގެ ދޮރެއް ތަޅުލައިފިއްޔާ ހުޅުވަންދެން ދޮރުގައި ތަޅާނެއެވެ. ހުޅުވި އިރަކުން ދޮރު ތަޅުލިކަމުގެ އަދަބު ލިބިގަންނަން ޖެހެނީ ޖިސްމާނީ އަނިޔާއިންނެވެ.
ޗައިނާގެ އެން.ޖީ.އޯ އަކުން ހާމަ ކުރިގޮތުގައި ޗައިނާގައި ގެވެށި އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެހީތެރިކަން ހޯދުމަށް ފެބްރުއަރީ މަސް ފެށުނު ހިސާބުން ކޯލްތައް ލިބެން ފެށިއެވެ. އެއީ ޗައިނާގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު ހޫބޭ ޕްރޮވިންސް ބަންދުކުރި ހިސާބެވެ.
ފްރާންސްގެ ޕޮލިހުން ހާމަ ކުރި ގޮތުގައި ލޮކްޑައުން އާއި ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރާ އަދަދު ވަނީ 30 އިންސައްތަ އިތުރު ވެފައެވެ. އެހެންކަމުން އިންޓީރިއަރ މިނިސްޓަރ ކްރިސްޓޯފް ކެސްޓާނަރ ވަނީ، ގެވެށި އަނިޔާގެ ކޯލްތަކަށް އަވަހަށް ޖަވާބު ދެވޭ ވަރަށް ތައްޔާރީ ޙާލަތުގައި ތިބުމަށް ފުލުންނަށް އަންގާފައެވެ.
އިޓަލީއަކީ ގެވެށި އަނިޔާ އެންމެ ފުރަތަމަ އިތުރުވެގެން ދިޔަ ގައުމެވެ. ނަމަވެސް މިގޮތަށް އަނިޔާ ލިބޭމީހުން ގެންގޮސް ލާން ހުރި ތަންތަނުގައި ބަލި ފެތުރޭ އަދަދު ގިނަ ކަމުން އެގައުމުގައި އެގޮތަށް އެކަން ކުރެވޭކަށް ވެސް ނެތެވެ.
ސްޕެއިންގައި މަރޗް 14 ގައި ލޮކްޑައުން އިޢުލާން ކުރުމުން އޭގެ އެންމެ 3 ދުވަސް ތެރޭގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރަން ފެށިއެވެ.