ދުނިޔެ

ނޯތު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ-އުންގެ މަރުގެ ޚަބަރު މިއަންނަ ހަފްތާގައި ރަސްމީކޮށް އިޢުލާން ކޮށްފާނެ

ދެން އެމްވީ ، ދެން އޮންލައިން

ނޯތު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ-އުން މަރުވި ކަމުގެ 99 އިންސައްތަ ޔަގީންކަން އެބަ އޮތްކަމަށާ، އޭނާގެ މަރުގެ ޚަބަރު މިއަންނަ ހަފްތާގައި ރަސްމީ ކޮށް އިޢުލާން ކޮށްފާނެކަމަށް، 2006 ވަނަ އަހަރު ފިލައިގެން ގޮސް މިހާރު ސައުތު ކޮރެޔާގައި ދިރިއުޅޭ ޖި ސެއޮންގ-ހޯ ބުނެފިއެވެ.

Ads by WAMCO

މުޅި ދުނިޔޭގެ މީޑީޔާގައި ނޯތު ކޮރެޔާގެ ލީޑަރުގެ މަރުގެ ޚަބަރު ދައުރުވަމުން ދިޔަ ނަމަވެސް އެގައުމުގެ ސަރުކާރުން ކޮންޓްރޯލް ކުރާ މީޑީޔާއިން، ކިމްގެ ފަހުގެ ފޮޓޯއެއްވެސް އާންމު ކޮށްފައެއް ނުވެއެވެ.

ޖި ސެންގ-ހޯ ހާމަ ކުރިގޮތުގައި މިހާރު ނޯތު ކޮރެޔާގެ ކަންކަން ބަލަހައްޓަނީ، ކިމް ގެ އަންހެން ކޮއްކޮއެވެ. 11 އޭޕްރީލްގެ ފަހުން އާންމު އެއްވެސް ތަނަކުން ފެނިފައި ނުވާ ކިމް، 15 އޭޕްރިލްގައި ބޮޑު އޮޕަރޭޝަނެއް ކުރި ކަމަށްވެސް އަޑު ފެތުރިފައިވެއެވެ. ކިމްގެ މަރުގެ އަޑުތައް އެންމެ ގަދަވީ، އޭނާގެ ކާފަގެ ޝަރަފުގައި ބޭއްވި ހަފްލާއަކުން ވެސް ކިމް ނުފެނުމުންނެވެ.
ދުނިޔޭގެ އެންމެ ބަންދުވެފައިވާ ގައުމު، ނޯތު ކޮރެޔާގެ ލީޑަރު ނުވަތަ އެ އާއިލާއާއި ބެހޭގޮތުން އިވޭ ޚަބަރެއް ޔަގީން ކުރުމަކީ އެއި ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ ކިމްގެ އާއިލާ އާ ބެހޭގޮތުން ވާހަކަ ދައްކާ މީހަކަށް ވެސް އެކަމުގެ ހަރުކަށި އަދަބު ލިބޭނެކަން އެ ގައުމުގެ އެންމެނަށް ވެސް އެނގޭތީއެވެ.

ނޯތު ކޮރެޔާގެ އަނިޔާވެރި ވެރިކަމަށް ކެތް ނުކުރެވިގެން އެގައުމުން ފިލައިގެން ދިޔަ އެހެން މީހުންގެ ވެސް މި ވާހަކައިގެ ހަގީގަތް ބަލަން ބޭނުންވެއެވެ. އެ ގޮތުން ފިލައިގެން ދިޔަ އެކަކު ކަމުގައިވާ ލީ ސޫން-ހީ ބުނީ، ނޯތު ކޮރެޔާގައި ތިބި އޭނާގެ އާއިލާއަށް މި ފެތުރިފައިވާ އަޑުތަކުގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވާ ކަމަށެވެ.

މި ޚަބަރާއި ގުޅިގެން ދުނިޔޭގެ ބައެއް ލީޑަރުން ވާހަކަދައްކާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ"ނޯތު ކޮރެޔާގައި ކަންތައް ވަމުންދާ ގޮތް އެނގޭ، ނަމަވެސް މިވަގުތު އެކަމާގުޅޭ ގޮތުން ވާހަކަ ދެއްކޭކަން ނެތް" ކަމަށެވެ. ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ހާމަ ކުރި ގޮތުގައި، އޭނާއަށްވެސް ކިމްގެ މަރާ ބެހޭގޮތުން ރިޕޯޓްތައް އިވޭ ކަމަށާއި، އިތުރު ތަފްޞީލްތައް ލިބޭތޯ ވަރަށް ގާތުން އެކަން ބަލަމުންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!