ގއ. ވިލިނގިލީގައި އެއާޕޯޓު އެޅިޔަނުދީ ބަދަލުކުރީ ރައީސް ނަޝީދު: ޤާސިމް

ގއ. ވިލިނގިލީގެ ފަޅުގައި އެއާޕޯޓް އެޅިޔަނުދީ އެ ނިންމުން ބަދަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އެ ރަށުގެ ދެކުނުގައި އޮންނަ ކޫއްޑޫގައި އެއާޕޯޓް އެޅުމަކީ ގޯސް ނިންމުމެއް ކަމަށާއި ނަމަވެސް ދެން ޖެހޭނީ ކޫއްޑޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ކަމަށެވެ.
އަދި ޖޭޕީގެ މެނިފެސްޓޯގައި ގއ. އަތޮޅު އަދި ގދ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރުން ހިމެނޭއިރު ޤާސިމް ވިދާޅުވީ ކޫއްޑޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރައްވާނެ ކަމަށާއި ވިލިނގިލީގެ ގިނަ މީހުން މީގެ ކުރިން ބޭނުންވީ އެ ރަށުގެ ފަޅު ހިއްކައިގެން އެއާޕޯޓެއް އެޅުމަށްކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ކޫއްޑޫގައި އެއާޕޯޓް އެޅުމަށް ފަހު ކޫއްޑޫ އާއި ވިލިނގިލި ބްރިޖަކުން ގުޅާލަން ނިންމިކަމަށާއި އެއީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެވެސް ވައުދެއްކަމަށް ޤާސިމް ވިދާޅުވިއެވެ.ޤާސިމް މިހެން ވިދާޅުވެފައިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިލިނގިލި ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ވަނިކޮށްކަން ފާހަގަކުރެވޭއިރު ޤާސިމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެންމެ ފުރަތަމަ ދިގުރަށް ކިޔާ ފަޅު ރަށެއްގައި އެ ސަރަހައްދުގެ އެއާޕޯޓު އެޅުމަށް ނިންމާފައިވަނިކޮށް ވިލިނގިލީ ފަޅު ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ވެސް ހިމެނުމަށް ލަފާ ދެއްވީ އެމަނިކުފާނު ކަމަށެވެ.
ރައީސް މައުމޫންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ޤާސިމް ހުންނެވިއިރު އޭރުގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު އަނެއްކާ ވެސް ނިންމުން ބަދަލުކޮށް އެހެން ރަށެއްގައި އެއާޕޯޓް އެޅުމަށް އިއުލާން ކުރެއްވި ކަން ވެސް ޤާސިމް ފާހަގަކުރެއްވިއެވެ. ކޫއްޑޫގައި އެއާޕޯޓް އަޅަން ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.
"މި ރަށުގެ އޭރު އިސްކޮށް އުޅުނު މީހުން އަޅުގަނޑާ ބައްދަލުކުރި ދިގުރަށުގައި އަޅަން އޮތް އެއާޕޯޓް މި ރަށުގައި އަޅަން. ފައިނޭންސް މިނިސްޓަރުގެ ހައުސިއްޔަތުން އަޅުގަނޑުގެ ބަސް ވިކޭތީ ރައީސް މައުމޫނުގެ އަރިހު ދެންނެވިން. ދެން ނިންމުން ބަދަލު ވެސް ކުރި،" ޤާސިމް ވިދާޅުވިއެވެ.
"އެއާޕޯޓް އެޅިޔަ ނުދީ ބަދަލު ކުރީ ރައީސް ނަޝީދު، އެއީ ވަރަށް ގޯސް ނިންމުމެއް، މި ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހުޅުވެން އޮތް ކަމެއް، މިހާރު މި ޖެހެނީ ވަޒީފާ އަދާކުރުމަށް ކަނޑު ދަތުރެެއް ކޮށްފައި ދާން،" ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ވިލިނގިލީގެ ފަޅު ހިއްކައިގެން އިންޓެގްރޭޓެޑް ޓުއަރިޒަމް ޕްރޮޖެކްޓެއް ހިންގައި، ވިލިނގިލި އާބަން ސިޓީއަކަށް ބަދަލުކުރައްވާނެކަމަށާއި އަދި އެ ރަށުގައި އިސްލާމިކް ސެންޓަރަކާއި، ޖޫނިއާ ކޮލެޖެއް ގާއިމު ކުރުމަށް ވެސް ވައުދުވެވަޑައިގަތެވެ.







ކޮމެންޓް