ދަގަނޑޭ ސެމީ ފައިނަލަށް: ފެނިގެން ދިޔައީ ދިވެހީންގެ އެއްބައިވަންތަކަން
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއިން ކުރިއަށް ގެންދާ ، އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލް ހޮވާ މުބާރާތުގައި “އޭއެފްސީ ބްރެކެޓް ޗެލެންޖު”ގެ ވާދަވެރި ކުއާޓާ ފައިނަލުގައި ވާދަކޮށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާޤު ދަގަނޑޭ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ދަގަނޑޭ ކުއާޓާ ފައިނަލުގައި ވާދަ ކުރީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމުގެ ކުޅުންތެރިޔާ ގުއެން ވެންކުއާ ދެކޮޅަށެވެ. ރާއްޖެއަކީ އާބާދީގައި ވިއެޓްނާމާ އަޅާވެސް ކިޔޭ ގައުމެއް ނޫނެވެ. އަދި މީގެ ކުރިންވެސް މި ޗެލެންޖުގައި ދަގަނޑޭ ވާދަ ކޮށްފައިވަނީ އާބާދީ ބޮޑެތި ގައުމުތަކުގެ ކުޅުންތެރިންނާއެވެ. އެގޮތުން ކުވައިތުގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްރާނީއާ ވާދަކޮށްވެސް ކާމިޔާބު ހޯދާފައެވެ.
ރާއްޖެ ގަޑިން މިއަދު 13:00 ގައި ނިމިގެން ދިޔަ މި ޗެލެންޖު ދަގަނޑޭ ކާމިޔާބު ކުރީ ކުޑަ ތަފާތަކުންނެވެ. އެގޮތުން ޗެލެންޖުގެ ވޯޓު ލުމުގެ ވަގުތު ހަމަވި އިރު ޕޯލްގެ ޖުމުލަ ނަތީޖާގައި ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތަ ވޯޓެވެ. އަދި ގުއެން ވެންކުއަށް ލިބިފައިވަނީ 48.55 އިންސައްތަ ވޯޓެވެ.
މި ޗެލެންޖުގައި ވާދަކުރުމަށް ހޮވާފައިވާ ދަގަނޑޭގެ ލަނޑަކީ ހިތްގައިމު ލަނޑެކެވެ. ދަގަނޑޭގެ ކޮއްޓުމުގެ މޮޅު ހުނަރު ހަމައެކަނި އެލަނޑުން ވެސް ސާބިތުވެގެން ދާނެއެެވެ. މި ލަނޑު އޭނާ ޖެހީ 2013 ވަނަ އަހަރު ނިއުރޭޑިއެންޓްގެ ޖާރޒީގައި އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށެވެ. އެ ޓީމުގެ މުޅި ޑިފެންސް ފޫ އަޅުވާލުމަށްފަހު މި ލަނޑު ދަގަނޑޭ ކާމިޔާބު ކުރީ ކީޕަރު ކައިރިން ވެސް ކަޓުވާފައެވެ. އެތައް ޑިފެންޑަރުންނެއް ކައިރީގައި ޖައްސާފައި ތިބި އިރުވެސް ނުހަނު ހަމަޖެހިލާފައި ފަހަރަކު ކުޅުންތެރިއެއްގެ ގާތުން ނައްޓާލާފައި ޖެހި މި ގޯލަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ގައިން ހީބިހި ނަގައިގެންދާ ގޯލެކެވެ. ކިތަންމެ ފަހަރަކު ބެލި ކަމުގައި ވިޔަސް ފޫއްސެއް ނުވާނެ ކަން ޔަގީނެވެ.
މި ޕޯލް މިއަދު 13:00ގައި ނިމުމާ ހަމައަށް ވެސް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ ކެމްޕޭންތައް ކުރިއަށް ގެންގޮސްފައެވެ. ދިވެހީންނަކީ އެއްބައިވަންތަ އެކުވެރި ބައެއްކަން ހާމަވެގެން ދަނީ މިފަދަ ކަންކަމުންނެވެ. ގައުމީ ލޯތްބަށް ޓަކައި، ދަގަނޑޭއަށް ދިވެހީންގެ ހިތްތަކުގައި އޮތް ލޯތްބަށް ޓަކައި އިރުއިރުކޮޅުން މި ޕޯލްގެ ނަތީޖާ ބަލާލަ ބަލާލާ ވެސް ގިނަ ބަޔަކު ތިއްބެވެ. ޕޯލްގެ ނަތީޖާތަައް ދޭތެރެ ދޭތެރެއިން ފެނިގެން ދިޔައީ މީސްމީޑިއާގައި ހިއްސާ ކުރަމުން ދިޔަ މަންޒަރެވެ. ރާއްޖޭގެ މީޑިއާތަކުން ވެސް އަބަދާއި އަބަދު ދަގަނޑޭއަށް ވޯޓު ދިނުމަށް ހަނދާން ކޮށްދެމުން ދިޔައެވެ. ފުޓުބޯޅައިން މި ފަސްގަނޑުގައި އެއްބައިވަންތަކަން ދިރުވައިފިއެވެ.
ކުރިއަށް އޮތީ މި ޗެލެންޖުގެ ސެމީ ފައިނަލެވެ. ކުއާޓާ ފައިނަލަށްވުރެ ފޯރި ގަދަވާނެ ކަން ޔަގީނެވެ. އެހެން ނަމަވެސް ދިވެހީންގެ އާބާދީ ކުޑަވި ނަމަވެސް، ޖަޒީރާ ރަށްތަކަކުން އުފެދިފައި ވީ ނަމަވެސް ދިވެހީންގެ އެއްބައިވަންތަކަން ދުނިޔޭގެ ކޮންމެ ގައުމެއްގެ މައްޗަށް ވެސް ކުރި ހޯދާނެ ކަން ގައިމެވެ. އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔާ ދަގަނޑޭއަށް މި ޗެލެންޖު ކާމިޔާބު ކޮށްދިނުމަށް އަތާއި އަތް ގުޅުވާލަމާ ހިނގާށެވެ.