ރަޝިއާ ގައި ކޮވިޑް19 އާ ދެކޮޅަށް ހަނގުރާމަ ކުރާ ޑޮކްޓަރުން ހޮސްޕިޓަލް ބެލްކަނީ އިން ވެއްޓި މަރުވާ މައްސަލަ އިތުރުވަނީ
ފާއިތުވި ތިން ދުވަހު ރަޝިއާ ގައި ކޮންމެ ދުވަހަކު 10،000 ވުރެ ގިނަ މީހުން ކޮވިޑް19 އަށް ފައްސިވެ މުޅި ގައުމު އޮތީ ބިރުވެރިކަމެއް ގެ ތެރޭގައެވެ. މިހާތަނަށް އެގައުމުން 1,55,000 ވުރެ ގިނަ މީހުނަށް ވަނީ ވައިރަސް ޖެހިފައެވެ.
ރަޝިއާގެ ހާލަތު މިފަދަ ހާލަތެއްގައި އޮއްވާ މުޅި ގައުމަށް ސިހުން ގެނެވީ ފާއިތު ވި ދެ ހަފްތާ ތެރޭގައި ދެ ޑޮކްޓަރުން މަރުވުމުންނެވެ. އަދި އިތުރު އެއް ޑޮކްޓަރަކު ވެސް މި ފަދަ ހާދިސާ އަކާ ކުރިމަތި ލާން ޖެހުމެވެ. ތިން ޑޮކްޓަރުންނަކީ ވެސް ރަޝިއާގައި ކޮވިޑް19 އަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނެވެ.
ތިން ޑޮކްޓަރުން ގެ ހާދިސާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ އެ ޑޮކްޓަރުން މަސައްކަތް ކުރާ ހޮސްޕިޓަލުގެ ކުޑަދޮރުން ވެއްޓުމުންނެވެ. އަދި މިހާތަނަށް މި ހާދިސާ ދިމާވެފައިވަނީ 3 ޑޮކްޓަރުންނަށެވެ. މީގެ ތެރެއިން ދެ ޑޮކްޓަރުން ވަނީ މަރުވެފައެވެ. އަނެއް ޑޮކްޓަރު ގެ ހާލު ވެސް ވަރަށް ސީރިއަސްއެވެ.
މީގެ އިތުރުންވެސް ފާހަގަކޮށްލަން ޖެހޭ އިތުރު ކަމަކީ ކުޑަދޮރުން ވެއްޓި ހާލު ސީރިއަސް ވި ޑޮކްޓަރު މީގެ ހަފްތާއެއް ވަރު ކުރިން އާންމުކުރި ވީޑިއޯކެވެ. މި ވީޑިއޯ ގައި ހޮސްޕިޓަލުން އޭނާ އަށް އޮފް ޝިފްޓް އެއް ދޭން ދެކޮޅު ހަދާ މަސައްކަތް ކުރުމަށް މަޖުބޫރު މަންޒަރު ފެނިގެންދެއެވެ. ނަމަވެސް ހޮސްޕިޓަލުން ވަނީ މިކަން ދޮގުކޮށް އޭނާ އަށް އޮފް ދީފައިވާނެ ކަމަށް ބުނެފައެވެ.
ފުރަތަމަ މަރުވި ޑޮކްޓަރަކީ ވެސް ރައްކާތެރިކަމަށްބޭނުންވާ ޕީޕީއީ ނެތުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި އިތުރަށް ކޮވިޑް19 ބަލި މީހުން ހަސްފަތާލު ކުރުމަށް ދެކޮޅު ހެދި ޑޮކްޓަރެކެވެ.
މިހާތަނަށް ރަޝިއާގައި ކޮވިޑް19 އާއި ސަރުކާރުގެ އިހުމާލުތަކުގެ ސަބަބުން 80 އަށް ވުރެ ގިނަ ޑޮކްޓަރުން ވަނީ މަރުވެފައެވެ.