ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެއް: ޑރ. މުއްތަލިބު

ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެއް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ތިލަމާލެ ބްރިޖާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
އެގޮތުން ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެއްކަން ފާހަގަކުރައްވާ ޑރ. މުއްތަލިބު ވިދާޅުވީ ރާއްޖޭގައި ބްރިޖް އަޅަން މިޖެހެނީ ވަރަށް އޮއި ގަދަ ކަނޑުއޮޅިތަކެއްގައި ކަމަށެވެ. އަދި ބޮޑެތި ރާޅުތަކާ އެއްޗެހި އައުމާއި ބިމުގެ އަޑީގައި ހުންނަ ހާލަތު ވެސް އެހެން ޤައުމުތަކާއި އެއްގޮތެއް ނޫން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ހަމަ އެހެންމެ މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ބްރިޖު އެޅުމުގެ ސީދާ ތަޖުރިބާ ނެތް ބަޔަކަށް ވެއްޖެނަމަ މަސައްކަތް ކުރަންޖެހޭ ގޮތް ދަސްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.
މިގޮތުން މިހާތަނަށް ބެލި ބެލުމުން މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން ނޭނގި އެފްކޮންސްއިން މަސައްކަތް ފެށީ ވަރަށް ފަސޭހަ ކޮށްލައިގެން ކަމަށް ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތް މިހާރު ކުރިއަށްދާގޮތުން ނިންމަންޖެހޭ ތާރީހަށް މަސައްކަތް ނިންމޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް ޑރ. މުއްތަލިބު ވިދާޅުވިއެވެ.
މީގެ އިތުރުން ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމާ ސަރުކާރާއި ހަވާލުކުރަން ކަނޑައެޅިފައިވާ މުއްދަތަށް ބަދަލު އައިނަމަވެސް ޕްރޮޖެކްޓްގެ އަގަށް ބަދަލު ނާންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިގޮތުން މި މަޝްރޫޢުއަށް ޚަރަދުވާނީ 500 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ތިލަމާލެ ބްރިޖާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ސަރުކާރާއި ހަވާލުކުރުން އޮތީ 30 ސެޕްޓެންބަރު 2026 ވަނަ އަހަރު ކަމަށް ވިދާޅުވެފައެވެ.






ކޮމެންޓް