ފިރިހެނުންގެ ދަރިފަނިން ވެސް ކޮރޯނާވައިރަސް ފެނިއްޖެ
ފިރިހެނުންގެ "ސީމަން" އިންވެސް ކޮރޯނާ ވައިރަސް ފެންނަ ކަމަށް، ޗައިނާއިން ހެދި ދިރާސާއަކުން ބުނެފިއެވެ.
38 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާ ހެދީ ޗައިނާގައި މި ވައިރަސް އެންމެ ގަދައަށް ފެތުރެމުން ދިޔަ ދުވަސްވަރު ކަމަށްވާ ޖެނުއަރީ އަދި ފެބްރުއަރީ މަހުއެވެ. މި ދިރާސާގައި ބައިވެރިކުރި މީހުން ތެރެއިން 16 އިންސައްތަ މީހުންގެ ސީމަންއިން ވަނީ ކޮރޯނާވައިރަސް ފެނިފައެވެ. ޖާމާ ނެޓްވޯކް އޯޕަންގައި ހާމަކޮށްފައިވާ މި ރިޕޯޓް ބުނާ ގޮތުން މި ދިރާސާގެ ބައިވެރިންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބަޔަކީ ބަލީގެ މެދުތެރޭގައިވާ މީހުންނެވެ، އަދި ނުވައިންސައްތަ އަކީ ރަނގަޅު ވަމުން ދިޔަ މީހުންނެވެ.
މި ދިރާސާގެ ނަތީޖާ މިގޮތަށް އައުމުން، ކޮވިޑް-19 އިން މީހަކު ރަނގަޅު ވުމަށްފަހުވެސް އެމީހެއްގެ ސީމަންގައި މި ވައިރަސް ހުރެދާނެކަމަށް ވަނީ ހޯދިފައެވެ. އެހެން ކަމުން ޖިންސީ ގުޅުމުގެ ޒަރީއާއިންވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން އެކަމުގެ ބިރު ވަނީ ބޮޑު ވެފައެވެ. ބެއިޖިންގައި ހުންނަ ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އަރމީ ޖެނެރަލް ހޮސްޕިޓަލެގެ ފަރާތުން ޑަޔަންގގެންގް ލީ، ލިޔެފައިވާ މި ރިޕޯޓްގައި ވަނީ، " ފިރިހެނުންގެ ރީޕްރޮޑްކްޓިވް ނިޒާމުގެ ތެރޭގައި މި ވައިރަސް އާލާ ނުވާނެ، ނަމަވެސް ދިރި ހުންނާނެ." ކަމަށެވެ.
ކޮރޯނާވައިރަސް މި ގޮތަށް ފިރިހެނުންގެ ސީމަން އިން ފެނުން މިއީ އެހާ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެބޯލާ އަދި ޒިކާ ވައިރަސް ވެސް، ބަލި ފަސޭހަވާތާ އެތައް މަހެއް ފަހުންވެސް ސީމަންގައި ހުންނަކަން ވަނީ ކުރިން ހޯދިފައެވެ. ފިރިހެނުންގެ ސީމަން އިން ކޮރޯނާވައިރަސް ފެނުން ނަމަވެސް ޖިންސީގުޅުމުން މިބަލި ފެތުރޭނެކަމަށް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް އެގޮތަށް ފެތުރޭނަމަ މި ވައިރަސް ކޮންޓްރޯލް ކުރުންވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށްކަން މި ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.