ކޮވިޑް އިން އަރައިގަތުމަށް ޗައިނާ އިން އިންޑިއާ އަށް 500 މިލިއަން ޑޮލަރުގެ ލޯން އެހީތެރިކަމެއް
އޭޝިއަން އިންފްރާސްޓްރްކްޗަރ އިންވެސްޓްމެންޓް ބޭންކުން އިންޑިޔާއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެއްބަސް ވެއްޖެއެވެ.
މި ލޯނަކީ އިންޑިޔާގެ އާންމު ސިއްހަތުގެ ނިޒާމް ވަރުގަދަކޮށް، މުސްތަގުބަލުގައި ކޮވިޑް-19 ފަދަ ބަލިތަކުން ރައްކާތެރިވުމަށާ، އެފަދަ ބަލިތައް ފެތުރޭވަރު ކުޑަ ކުރުމަށް ކުރަން ޖެހޭ ކަންކަމަށް ޚަރަދު ކުރުމަށް، އިންޑިޔާ ސަރުކާރަށް ދޭ ލޯނެއް ކަމަށް މި ބޭންކުން ހާމަ ކުރެއެވެ. ވޯރލްޑް ބޭންކުންވެސް އެއްބައި ޚަރަދު ކުރާ ގޮތަށް ދެވޭ މި ލޯނުން ސިއްޙީ އާލާތް ގަތުމަށާ އެކަމަށް ބޭނުންވާ ރިސާޗް ހެދުމަށް ބޭނުން ކުރެވޭނެއެވެ.
މި ލޯނަކީ ކޮވިޑް-19 އާ ގުޅިގެން އާންމު އަދި އަމިއްލަ ފަރާތްތަކަށް ދިނުމަށް މި ބޭންކުން ކަނޑައެޅި 10 ބިލިއަން ޑޮލަރުގެ ތެރެއިން ދެވޭ ލޯނެއްކަމަށް ވެސް ބޭންކުން ހާމަ ކުރިއެވެ.
އޭޝިއަން އިންފްރާސްޓްރްކްޗަރ އިންވެސްޓްމެންޓް ބޭންކުގެ ވައިސް ޕްރެޒިޑެންޓް އޮފް އިންވެސްޓްމެންޓް އޮޕޮރޭޝަންސް ޑީ.ޖީ. ޕާންޑިއަން ހާމަ ކުރި ގޮތުގައި، "ރަނގަޅު ސިއްޙީ ފަރުވާދޭ ނިޒާމެއް ގާއިމްކޮށް، ކޮވިޑް-19 ގެ ބަލި މީހުނަށް އެކަށީގެންވާ ފަރުވާ ދެވި، ބަލި ފެތުރުން ކޮންޓްރޯލް ކުރުން އެއި އެންމެ އިސްކަންދޭ ކަންތައްކަމާ، މި ލޯނުގެ އެހީގައި މުސްތަގްބަލަށް ތައްޔާރުވުމަށް އިންޑިޔާއަށް ބޮޑު އެހީތެރިކަމެއް ލިބޭނެ'' އެވެ.
މި ލޯނާއި ގުޅިގެން، އޭ. އައި. އައި. ބީ އަށް ޝުކުރު ދަންނަވަމުން އިންޑިޔާގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެފެއަޒްގެ އެޑިޝަނަލް ސެކްރެޓަރީ ސަމީރު ކުމާރު ހާމަ ކުރި ގޮތުގައި، " މިލޯނުގެ ސަބަބުން، ސަރުކާރުން މި ފަދަ ވަބާ ތަކާއި ގުޅޭގޮތުން ކުރަމުންދާ ރިސާރޗްތައް ފުޅާކޮށް، އިޖްތިމާއީ ފެންވަރުގައި މި ފަދަ ބަލިތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަޝްވަރާ ކުރެވި އެހީތެރިކަން ލިބޭނެ ކަމަށާ، ކޮވިޑް-19 ފަދަ ބަލިތަކުން އަރައިގަތުމަށް މިހާރު ހުރި ކެޕޭސިޓީ އިތުރުކޮށް، އެކަންކަން ބެލެހެއްޓުމަށް އެހީއަކަށް ވާނެ" ކަމަށެވެ.