ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރަކު ބަންދު ކުރިފަހުން ޚަބަރެއް ނުވެގެން ހިއުމަށް ރައިޓްސް ވޮޗުން ކަންބޮޑުވުން ފާޅުކޮށްފި
ސައުދީ އަރަބިޔާގެ ކުރީގެ ރަސްގެފާނު ޢަބްދުﷲގެ ދަރިކަލުން ޕްރިންސް ފައިޞަލް ބިން ޢަބްދުﷲ އަލްސަޢުދު، މިދިޔަ މަރޗްމަހުގެ ފަހުކޮޅު ހައްޔަރު ކުރެވުނު ފަހުން، އެބޭފުޅާގެ އެއްވެސް ޚަބަރެއް ނުވެގެން، ހިއުމަން ރައިޓްސް ވޮޗް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމްޢިއްޔާއިން ހާމަ ކުރެއްވި ގޮތުގައި، ސަރުކާރުގެ ސަލާމަތީ ބާރުތަކުން ޕްރިންސް ފައިސަލް ހައްޔަރު ކުރެވިފައިވަނީ، ރިޔާޟްގެ އިރު އުތުރުގައި ހުރި ގެއެއްގައި އާއިލާ އާއި އެކު ކަރަންޓީނު ވެގެން ހުންނަވަނިކޮށެވެ.
ކަރަޕްޝަންގެ މައްސަލަތަކަކަށް ތުހުމަތުކޮށް، ޝާހީ އާއިލާގެ ބަޔަކު 2017 ވަނަ އަހަރު ރިޔާޟްގެ އަގުބޮޑު ހޮޓަލެއް ކަމަށްވާ ރިޒް ކާލްޓަންގައި ބަންދު ކުރެވުނެވެ. އެތަނުގައި ވެސް ހިމެނުނު ޕްރިންސް ފައިސަލް ފަހުން ވަނީ ދޫކޮށްލާފައެވެ. ސައޫދީ ރެޑް ކްރެސެންޓްގެ އިސްވެރިއަކަށް ހުރި ފައިޞަލްގެ ޚަބަރެއް ނުވެގެން އިންސާނީ ހައްގުތަކާ ބެހޭ ޖަމްޢިއްޔާއަކުން ކަންބޮޑުވުން ފާޅު ކުރިނަމަވެސް މިކަމާ ގުޅިގެން ސައުދީ ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކްރައުން ޕްރިންސް މުޙައްމަދު ވަނީ، ޝާހީ އާއިލާގެ އިސްވެރިންނާ ސަލާމަތީ ބާރުތަކަށް ނުރައްކާވެދާނެ ފަދަ ފަރާތްތައް އެއްފަރާތް ކުރައްވާނެ ކަމަށް މި ދިޔަ މާރޗްމަހުގެ ކުރީކޮޅު ވިދާޅުވެފައެވެ. ޕްރިންސް ފައިޞަލް ހައްޔަރު ކުރެވުނީ ކޮންކަމަކާ ގުޅިގެންކަމެއް ސާފެއް ނުވެއެވެ.
2018 ގައި މަރާލި ޖަރނަލިސްޓް ޖަމާލް ޚަޝޯޤީގެ މަރާއި ، އަންހެނުންގެ ހައްޤުތަކަށް ގޮވާލާ އެތައް ބަޔަކު ހައްޔަރު ކުރި މައްސަލައިގައިވެސް ސައުދީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒު ވެފައެވެ.
ހިއުމަށް ރައިޓްސް ވޮޗްއަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރި ގޮތުގައި، 2017 ގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލިފަހުން، ޝާހީ އާއިލާއަށް ފާޅުގައި ފާޑު ކިޔުން ފައިޞަލް ވަނީ ހުއްޓާލާފައެވެ. ހައްޔަރު ކުރެވުނު ޕްރިންސް ފައިޞަލްގެ ހިތުގެ މައްސަލައެއް ހުންނާތީ، އޭ ބޭފުޅާގެ ސިއްޙި ހާލަތާއި މެދު އާއިލާ އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.