ނުރައްކަލުގެ އިތުރު ރަނގަބީލެއް، ވުހާންގައި އަނެއްކާވެސް ކޮވިޑް ފެތުރެން ފަށައިފި
ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކުޑަކުރަމުން ގޮސް، އެންމެ ފުރަތަމަ ބަލި ފެތުރެން ފެށި ވުހާންގައި އޮތް ލޮކްޑައުން ނެގިފަހުން، ވުހާންގައި ކޮވިޑް-19 ފެތުރެން ފަށާ، ފުރަތަމަ ކްލަސްޓަރ މިއަދު ރިޕޯޓް ކޮށްފިއެވެ.
މިއަދު އަލަށް ރިޕޯޓްކުރި ކޭސްއަކީ އެއް އެޕަރޓްމަންޓް ކޮމްޕްލެކްސްގައި އުޅެމުން އައި 5 މީހަކަށް މިބަލި ޖެހިގެން ރިޕޯޓްކުރި ކޭސްތަކެކެވެ. މިތަނުން އެކަކީ، މީގެ މަހަކަށް ވުރެވެސް ކުރިން މިބަލިޖެހިގެން ރިޕޯޓްކުރި 89 އަހަރުގެ މީހެއްގެ އަންހެނުންނެވެ. ނަމަވެސް މިމީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެއެވެ.
ހަ ލައްކަ މީހުން އުޅޭ ޝުލާން ސިޓީވެސް ވަނީ މިދިޔަ ހަފްތާ ބަންދުގައި ލޮކްޑައުން ކޮށްފައެވެ. މިސިޓީއިން ބަލިޖެހިފައިވާ 13 މީހުން ފެނުމާއެކު މިހާރު މިސިޓީވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ޝުލާން އިން މިބަލި ރިޕޯޓް ކުރިފަހުން ޖިލިން ޕްރޮވިންސް އިންވަނީ 12 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓް ކޮށްފައެވެ. މި މީހުންނަކީވެސް ޝުލާން ކްލަސްޓަރ އާ ގުޅޭ މީހުނެވެ. ޝުލާންގެ ކޭސްތައް ފެށިފައިވަނީ އެތަނުގެ ޕަބްލިކް ސެކިއުރިޓި ބިއުރޯގެ ލޯންޑަރީގައި މަސައްކަތް ކުރާ 45 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ. މިމީހާގެ ފަރާތުން 11 މީހަކަށް މިބަލި ޖެހުނު އިރު މީގެތެރޭގައި އޭނާގެ ފިރިމީހާއާ އެއްބަނޑު ތިން އަންހެނުންގެ އިތުރުން ޅިޔަނަކު ހިމެނެއެވެ. މި ކޭސްތަކާއެކު ޝުލާން ވެފައި ވަނީ ޗައިނާގައި މިހާރު އޮތް ހަމަ އެކަނި "ހައި ރިސްކް" ސަރަހައްދަށެވެ.
ޗައިނާގައި އަލުން ބަލި ފެތުރެން މި ފެށީ އެގައުމުގެ މީހުން ބޭރަށް ނިކުމެ ކުޅިވަރު ކުޅެއުޅެން ހުއްދަ ދޭން ތައްޔާރުވަމުން ދަނިކޮށެވެ. ވުހާން އަދި ޝުލާންގައި މި ފެނުނު އިތުރު ކޭސްތަކާއެކު، އެގައުމުން އިގްތިޞާދު ހުޅުވާ، ވަޒީފާތަކަށް މީހުން ނިކުތުމުގައި އިތުރަށް ސަމާލުވާން ވަނީ ޖެހިފައެވެ. މިހާރު ޒަރޫރީ ބޭނުމުގެ ސާމާނު ގަންނަން ވެސް ދެވޭނީ ގެ އަކުން އެންމެ މީހަކަށެވެ. ބައެއް ސްކޫލްތައް ހުޅުވިފައިވީ ނަމަވެސް އަލުން ސްކޫލްތައް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. އަދި ގޭގެއަށް ޒިޔާރަތް ކޮށްގެން ބައްޔަށް ޝައްކު ކުރެވޭމީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް މިސިޓީގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.