އަހަންނަކީ ހަމަ އޭރު ވެސް މިހާރު ވެސް އަހަންނެވެ.
ދުނިޔެއަށް އައީ އެކަނިމައި އެކަންޏެވެ. އެކަމަކު މި ދުނިޔޭގައި އެކަނިމައި އެކަނި ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ؟ ދުނިޔޭގެ ނިޒާމް ބިނާވެފައި ވަނީ އެކެއް އަނެކެއްގެ އެހީއަށް ބޭނުންވާނެ ގޮތަށެވެ. އެންމެ ގާތުން ތިމާގެ މީހުންނާއި ދުރުތިބީންގެ ވެސް މެއެވެ.
ދުނިޔޭގެ ހަޔާތަކީ އިމްތިހާނެއް ކަމުން އެ އިމްތިހާނާއި ކުރިމަތި ލާން ވެސް ޖެހެއެވެ. އެކަނި ނުއުފުލޭ ބުރަ އުފުލަން އާއިލާއާއި ރައްޓެހިންގެ ގޭގޭގެ ދޮރުގައި ޓަކި ޖަހަން ވެސް ޖެހެއެވެ. ނަމަވެސް ހިތާމަކީ އެ ދޮރު ހުޅުވާލައި ތިއައީ ކޮން ބޭނުމެއްގައިތޯ ކޮށްދޭންވީ ކޮންކަމެއްތޯ ހާލުކިހިނެތްތޯ އަހާލަނީ މަދު މީހެކެވެ.
ގިނަ ފަހަރު ޢާއިލާއާއި، ގާތް ތިމާގެ މީހުންނަށް ވެސް އަހަންނަކީ ދުނިޔޭގައި ހުރި މީހެއްކަން އިހްސާސް ވާނީ މަރުގެ ޚަބަރު ލިބޭ ދުވަހުއެވެ. ނޫނީ ބޮޑުކަމެއް އެމީހުންނަށް ޖެހޭ ދުވަހު އެކަންޏެވެ. އެދުވަހު އެމީހުން ވަރަށް ވެސް ހެޔޮ ވާނެއެވެ. ރައްޓެހިންގެ ހާލަކީ ވެސް ގިނަ ފަހަރު ހަމަ މިއެވެ. ކަން މިހެން އޮތަސް ޝަކުވާއެއް ނެތެވެ. މީ ދުނިޔެތާއެވެ. ދިރިހުރި ދުވަހު އުޅެން ޖެހޭނީ މި ކަހަލަ ގޮތަކަށެވެ.
ޝަކުވާއަކީ ދިރިހުރި ދުވަހު ގޭގެ އޮޅި ގިރާކޮށްލާ އުޅޭ ހާލެއް ބަލާ ނުލެވޭ މީހުންނަށް މަރުގެ ޚަބަރާއެކު ތި ލިބެނީ ކޮން ހިތްވަރެއް ކަން ނޭނގޭތީ ކުރެވޭ ޝަކުވާއެވެ. ފޮށި ތަންމަތި ބަނދެގެން މޫނު ދެކިލަން އަންނަންވީ ކަފުނުން މޫނު ނިވައި ކުރަން ވުމުން ހެއްޔެވެ؟ ދިރި ހުރި ދުވަހު މޫނު އަނެތް ފަރާތަށް އަނބުރާލަނީ ކަމަކު ކިޔައިފާނެތީ ހެއްޔެވެ؟ އަތުން އެއްޗެހިތަކެއް މަދު ވެދާނެތީ ހެއްޔެވެ؟
ލޯތްބާއި އަޅާލުން ބޭނުންވީ ވަގުތު ފުސްމޫނު ދައްކާ ދުރަށް ކޮށްޕާލާފައި، ފަސްތަނުން ބަނދެލާ ހަށިގަނޑު ފޮއްޓަކަށްލާ ދުވަހަކީ އަހަރެން ދެކެ ހަމައެކަނި ލޯބިވާން ޖެހޭ ދުވަސް ހެއްޔެވެ؟ އަހަރެން އެންމެ ބޭނުންވި ދުވަހު ކަލޭމެން ކޮބައި ހެއްޔެވެ؟ އަހަރެންގެ ފަރާތުން އުނދަގުލެއް ނުވާނެކަން ޔަގީންވީމާ ދެން އައިސް އަހަރެންގެ ސަންދޯކު ކޮޅުފިލާ ކައިރީ ހުރެ ދެއްކުންތެރި ކަމުގެ ކަރުނަ އޮހޮރުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟
ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރިޔަސް އަހަރެން އަބަދު ވެސް މާފު ދޭން ބޭނުމެވެ. އެކަމަކު އަހަންނަށް މާފަށް އެދޭ އަޑު ނީވޭނެ ދުވަހު ރޮއެ ރޮއެފައި މާފަށް އެދި އާދޭސް ކުރިޔަސް އަހަރެން މާފު ދޭނީ ވަކި ކިހިނެތް ހެއްޔެވެ؟ އަހަރެން ދެކެ ލޯބިވަންޏާ ހެޔޮ އެދެންޏާ އެ ވަގުތު ފާއިތުވުމުގެ ކުރިން ހެޔޮ އެދޭށެވެ. ލޯބިވާށެވެ. މާފަށްވެސް އެދޭށެވެ. އަހަރެންގެ ހަށިގަނޑު ހަމަ އިސްކޮޅަށް ބިމަށް ތިރިކުރުމުގެ ކުރިން އަހަރެންގެ އަތުގައި ހިފައި އަހަރެން ހަމަ އިސްކޮޅަށް ނަގައި ދޭށެވެ. އަހަރެންގެ ހިތް ވެސް ހެވެވެ. އަހަންނަށް ޓަކައި ވެސް ހިތް ހެޔޮ ކޮށްދޭށެވެ.