ދުނިޔެ

މަންމަގެ ފަހުނޭވާ ދޫކުރި މަންޒަރު ވީޑިއޯ ކޯލަކުން ބަލަން ހުންނަން ޖެހުނު ދަރިފުޅުގެ އިޙްސާސް

ދެން އެމްވީ ، ދެން އޮންލައިން

ބީ.ބީ.ސީގެ ޕްރޮޑިއުސަރ އެންޑްރޫ ވެބްގެ މަންމަ ހޮސްޕިޓަލްގައި ހޭދަ ކުރި އެންމެ ފަހު ވަގުތުކޮޅު މަންމަ ގާތުގައި ހުރުމަށް ހޮސްޕިޓަލަށް ދިއުމުގެ ހުއްދައެއް ނެތެވެ. މަންމަގެ ހަރަކާތްތައް ބަލާ މަންމަގެ ވާހަކަ އަޑުއަހާ އަދި މަންމަ އަށް ހިތްވަރުދީ ހަދަން ޖެހުނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ. މަންމަ އެންމެ ފަހު ނޭވާ ދޫކުރީވެސް ހަމަ އާއިލާއިން އެ ހިތްދަތި މަންޒަރު ބަލަން ތިއްބައެވެ. އެންޑްރޫގެ މި ހިތްދަތި ތަޖުރިބާ އޭނާވަނީ ކިޔުންތެރިންނާ ޙިއްސާ ކޮށްފައެވެ.

Ads by Sosun Fihaara

އެންޑްރޫގެ މަންމަ ކެތުލީން ވެބްއަށް ހާޓްއެޓޭކް އެއް ޖެހުނީ، ބައްޕަ އާ މަންމަގެ ކައިވެންޏަށް 50 އަހަރު ފުރުން ފާހަގަ ކުރަން އޮތް ދުވަހުއެވެ. އޭގެ ހަފްތާއެއް ކުރިން ވެސް އާއިލާއިން ތިބީ ކޮރޯނާވައިރަސްގެ ބިރަށް މިއަހަރު އެއްވެސް ކަމެއް ފާހަގަ ނުކުރަން ނިންމައިގެންނެވެ. މަންމަ އާ ބައްޕަގެ ސަލާމަތަށްޓަކައި، މީހުން އެއްވާނެ ކަމެއް ނުކުރުމަށް ނިންމާ ހުރިހާ ތައްޔާރީތަކެއް ވަނީ ކެންސަލްކުރެވިފައެވެ. އޭރު އިނގިރޭސި ވިލާތުގައި އިޖްތިމާޢީ ގައިދުރުކުރުމުގެ އަމުރު ތަންފީޒުކުރަން ނުވެސް ފަށައެވެ.

މަންމައަކީ 2019 ވަނަ އަހަރު ގޮހޮރުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ މީހެކެވެ. ހާޓް އެޓޭކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި ބޭއްވިފަހުން، މި މައްސަލަ އިތުރަށް ގޯސްވެ، މަންމަ މަރުވެގެން ދިޔައީ ގޮހޮރު ފަޅައިގެން ގޮސްގެނެވެ. މަންމަ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދިން ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ކާއެއްޗަކުން މަންމައަށް އެއްވެސް އަސަރެއް ނުކުރެއެވެ. ކޮރޯނާވައިރަސްގެ ބިރަށް ހޮސްޕިޓަލަށް ޒިޔާރަތްކުރުން ވަނީ މަނާކޮށްފައެވެ. ފުރަތަމަ ކޮޅުގައި ރައްކާތެރިކަމުގެ ހެދުން އަޅައިގެން ބައްޕައަށް ވަދެވެއެވެ. އެހެން މީހުނަށް މަންމަ ދެކެން ޖެހެނީ ޓެކްނޮލޮޖީގެ އެހީގައެވެ.

ބައްޕަ ހޮސްޕިޓަލަށް ގޮސް ވީޑިއޯ ކޯލް ކުރުމުން ލަންޑަން އަދި ހޮންގކޮންގ ގައި ތިބި އާއިލާގެ މީހުންވެސް މަންމަ އާ ވާހަކަ ދައްކައެވެ. ކުއްލިއަކަށް، ކޮރޯނާވައިރަސް ޖެހިދާނެކަމުގެ ބިރަށް މަންމަ އައިސޮލޭޝަން ވޯޑަކަށް ބަދަލުކުރިއެވެ. އެ ހިސާބުން ބައްޕައަށް ވެސް މަންމަ ފެންނަ ވަރެއް ނުވެއެވެ.
އަނެއްކާވެސް އާ ޓެކްނޮލޮޖީއެއް ހޯދަން ޖެހުނީއެވެ.

އާއިލާއިން ގުޅިޔަސް މަންމަގެ ބަލިހާލަތުގެ ސަބަބުން ފޯނު ނެގޭ ވަރެއް ވެސް މަންމަ ގައިގައި ނުހުރެއެވެ. ހަމަ އެ ދުވަސްކޮޅާ ދިމާކޮށް މަންމަ އަތުގައި އޮތް ފޯނަށް އެހެން މައްސަލަތަކެއްވެސް ޖެހުނެވެ. އެހެން ކަމުން އާއިލާއިން އާ ފޯނެއް ގަނެ، އޮޓޯ އިން ފޯނަށް ޖަވާބުދެވޭ ކަހަލަ ކޯލިން އެޕެއް އަޅާ، އަދި އެހެން ފޯނަކުންވެސް މަންމަ ގެ ފޯނުގެ ސްކްރީނާ ކުޅެވޭނެ އިތުރު އެޕެއް އެޅުމަށްފަހު ފޯނު ހޮސްޕިޓަލަށް ގެންދިޔައެވެ.

ބަލިހާލުގައިވާ މަންމަ ގާތަށް ނުދެވުނަސް މަންމަ ދެކިލާ މަންމަ އާ ވާހަކަ ދައްކާލެވެން އޮތިއްޔާ އޮތް ގޮތެއް ދަރިން ދިޔައީ ބަލަމުންނެވެ.
ނަރުސް ކުދިންވެސް ވަރަށް އެހީތެރިވެދިނެވެ. ގުޅާލުމުން މަންމަ ފެންނަ ގޮތަށް މަންމަ ގާތަށް ފޯނު ގެންގޮސްދެއެވެ. މި ހާލަތުގައި މަންމަގެ "ލައިފް ސަޕޯޓަކީ" ފޯންކަމަށް އެކުދިންވެސް ގަބޫލު ކުރެއެވެ. މިހެންވެ ގުޅާލުމުން އޮޓޯއިން ޖަވާބު ދެވޭގޮތަށް ހަދާފައި މަންމަ ފެންނަ ގޮތަށް ފޯނު ހަރުކުރިއެވެ.މަންމަ އަށް ވާހަކަ ނުދެއްކުނަސް ދަރިންނަށް މަންމަ ފެނެއެވެ.

މަންމަގެ އެންމެ ފަހު ވަގުތު ކޮޅު އެންމެނަށް އަލްވަދާޢު ކީ ފޯނުންނެވެ. މަންމަގެ ދަރިންނަށާއި މަންމަގެ މާމަ ދަރިންނަށް ވަކި ވަކިން ގޮވާލިއެވެ. އެނޑްރޫގެ އެންމެ 6 އަހަރުގެ ދަރިފުޅަށް ވެސް ގޮވާލިއެވެ. އެއީ އެމެރިކާގެ ކެލިފޯނިޔާގައި އުޅޭ ކުއްޖެކެވެ. މަންމަގެ ގާތް ރަހްމަތްތެރިންގެ ނަމުންވެސް ގޮވާ ސަލާމް ކުރިއެވެ.

ނަމަވެސް ޙާލަތު ނިޔާކުރި ގޮތުން އެ މަންމަގެ ގާތަށް އެއްވެސް މީހަކަށް ދެވޭކަންނެތެވެ.
މަންމަގެ އެންމެ ފަހު ރޭ އެންޑްރޫ ގުޅިއިރުވެސް މަންމަގެ ގާތްމީހުނަށް ގޮވަމުންދިޔައެވެ. އެންޑްރޫވަކިން ހޮސްޕިޓަލަށް ގުޅާ ނަރުސް ކުދިންނަށް އެކަން އެންގިއެވެ. މަންމަގެ ގައިގާ އަޅާވޭނަށް ކެތްނުވެގެން މަންމަ ރޯއަޑު އިވުނެވެ. ނަރުސްކުރިން އައިސް ތަދު ކަނޑުވާ ބޭސް ދިނުމުން މަޑުމަޑުން އާއިލާގެ އެންމެނާ ސަލާމްކުރުމަށް ފަހު ނިދެމުން ދިޔަތަން ބަލަން ދަރިން ތިއްބެވެ. އެއީ މަންމަގެ އެންމެ ފަހުގެ ވަގުތު ކޮޅެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!