ރާއްޖޭގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ރާއްޖޭގައި ދޭން އުޅުނު ޓެރަރިސްޓު ހަަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ މިހަމަލާއާ ގުޅިގެން ކުރިން ހަައްޔަރުކުރި ފަސް މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށާއި މިތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.
ރާއްޖޭގައި ދޭން އުޅުނު ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިއްޔެ ދެމީހަކު ހައްޔަރު ކުރީ ތ. ތިމަރަފުށިން ނެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މިހަމަލާއާ ގުޅޭގޮތުން ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާކަން ހާމަ ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ.
ޓެރަރިސްޓު މިހަމަލާއާ ގުޅޭގޮތުން މައުލޫމާތު ލިބިގެން މީގެ ކުރިން ފަސް މީހަކު ހައްޔަރުކުރީ މާލެއިން ނެވެ.
މިތުހުމަތާ ގުޅިގެން އިއްޔެ ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެދެމީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މިދެމީހުންގެ ތެރެއިން އެކަކީ އެރަށު ސްކޫލުގައި މަސައްކަތް ކުރާ މީހެކެވެ. ދެން ހުރި މީހާ މަސައްކަތް ކުރަނީ އެއާޕޯޓުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ މާލެ އާއި އަތޮޅުތެރޭގެ ކަނޑުމަތީގައި އާއި ތިމަރަފުށީގައި އޮަޕަރޭޝަނެއް ފަށާފައިވާކަން އިއުލާނު ކޮށްފައެވެ.
މިހަމަލާ ދޭން އުޅުނީ ރާއްޖޭގެ ކޮން ހިސާބެއްގައި، ކިހިނެއް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.