ލައިފްސްޓައިލް

އަަހަރެންނަށް ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު ކަލޭމެން ކޮބައި ހެއްޔެވެ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަަހަރެންގެ މަރުގެ ޚަބަރު އިވުމުން ސިއްސައިގެން ދާ މީހުންނާއި، އެކަމާމެދު ދެރަވެ ރޯ މީހުންނާއި އަދި އަހަރެންގެ ފޮޓޯ އާންމުކޮށް ހިތާމަ ކުރާ ވާހަކަ ހިއްސާ ކުރާ މީހުން އުޅޭނެއެވެ. އެހެނަސް އެދުވަހުން އެ އެއްޗެހި ބަލާކަށް އަހަންނެއް ނުހުންނާނެއެވެ. އަހަރެން ދިރި ދުނިޔޭގައި އަހަރެންނާ ދިމާލަށް އިސް އުފުލާ ބަލާނުލި މީހާ ވެސް އެދުވަހުން ކޮންމެ ވެސް ތަނަކުން އަހަރެންގެ ފޮޓޯއެއް ހޯދައި އާންމުކޮށް ދެރަވާކަން އިއުލާން ކުރާނެއެވެ.

Ads by STELCO

އަހަރެން ދުނިޔޭގައި އުޅެމުން ދިޔަ ވަގުތުތަކުގައި އަހަރެންނަކީ އެއްވެސް ބޭނުމެއް ނެތް އަދި ގިނަވެފައިވާ މީހެއްކަން އަހަރެންގެ އަމިއްލަ ނަފުސަށް ވިސްނައިގަންނަން މަޖުބޫރުވީ ވެސް ހަމަ ކަލޭމެން އަހަރެންނާ މެދު ކަންތައް ކުރި ގޮތުގެ ސަބަބުންނެވެ. އޭރު އަހަރެންނަށް އެހީތެރިކަމާއި އަޅާލުން ބޭނުންވީމެވެ. އެހެނަސް އަހަރެން މަރުވުމުން ދެން ތިޔަ ކުރަނީ ކޮން ހިތާމައެއް ހެއްޔެވެ؟

މިއަދު އަހަރެންގެ މޫނު ބަލަން ކަލޭމެން ތިޔަ އަންނަނީ، އަހަރެން ދެން ކަލޭމެންނަށް އުނދަގޫ ކުރަން ނާންނާނެކަން އެނގުމުން ހެއްޔެވެ؟ އަހަރެން ދުނިޔޭގައި ހުރިއިރު ގަދަރު ކުރި އެތައް އެކުވެރިންނެއް އަހަރެންނަށް ޤައްދާރުވީ އިރު ވެސް ހަނު ހުރީ ދުވަހެއް އަންނާނެކަން އެނގޭތީއެވެ. މިއަދު އަހަރެން ކަލޭމެންނާއެކު ނުހުންނާނެއެވެ. އެހެނަސް އެންމެން އެއްކޮށް ބައްދަލު ކުރެވޭ ދުވަހެއް އަންނާނެ ކަން ކަލޭމެން ހަނދާން ބަހައްޓާށެވެ.

އަހަރެން ދެކެ ކަލޭމެން ލޯބިވާ ހަމަ އެކަނި ދުވަހަކީ އަހަރެން ހުދު ފޮތިގަނޑަކުން ބަނދެލައި، ފަސްތަނުން ބަނުމަށް ފަހު، ފޮށްޓަކަށް ލާ، ފަސްގަނޑު ދަށަށް ލާ ދުވަހެވެ. އެހެން ނަމަވެސް އަހަރެން ބޭނުންވާ ގޮތަކީ މިއީއެއް ނޫނެވެ. އަހަރެން ދެކެ ކަލޭމެން އެންމެން ވެސް ލޯބިވާނަމަ އެކަން އިހުސާސު އަހަރެން ކުރަން ބޭނުންވެއެވެ. ކަލޭމެންނާއެކު އަހަރެން ވެސް އުފާވެރި އަދި މަޖާ ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. އެފަދައިން ކަންތައް ނުވާނަމަ، އަހަރެން މަރުވާ ދުވަހު އަހަރެންގެ މޫނު ބަލާ، ރޯން ނަޔަސް އަހަންނަށް ހެވެއެވެ.

މާދަމާ ވެސް އަހަރެންގެ މަރުގެ ޚަބަރު ނުލިބޭނެ ކަމެއް އެނގެނީ ފަހެ ކާކަށް ހެއްޔެވެ؟ ވަގުތީ މި ފާލަމުގައި ދާއިމަށް ހަރުލާނެ އެއްވެސް މަޚުލޫގެއް ނެތެވެ. އަހަރެން ދެކެ ލޯބި ވާނަމަ އެކަން އަހަރެން ދިިރި ދުނިޔޭގައި އަހަރެންނަށް ދައްކާށެވެ. އަހަރެންނަށް އެ އުފާވެރިކަން އިހުސާސް ކުރުމުގެ ފުރުސަތެއް ހޯދައިދޭށެވެ. "މަގޭ އެންމެ ގާތް ރައްޓެހިންނަކީ ކަލޭމެން" އޭ ބުނުމުގެ ފުރުސަތެއް އަހަރެންނަށް ހޯދައިދޭށެވެ. އާދޭހާއެކު ބުނަމެވެ. އަހަރެންނަށް ކަލޭމެންގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު ލިބެން ނެެތްނަމަ، އަހަރެން މަރުވުމުން އަހަރެންގެ މޫނު ބަލަން ނާންނާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!