އައިޖީއެމްއެޗުން ޕެރަމެޑިކްގެ ހިދުމަތް ތައާރަފްކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)އިން ކުއްލި ހާލަތުގައި އަވަސް ފަރުވާދޭ ޕެރަމެޑިކްސް ގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.
އައިޖީއެމްއެޗް ޕެރަމެޑިކްސްގައި އިސްކޮށް ހަރަކާތްތެރިވާޑރ. އަޙްމަދު ޒިޔާން ”ދައުލަތުގެ މީޑިއާ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެން އައިޖީއެމްއެޗް އެންބިއުލޭންސާއެކު އަވަސް ފަރުވާދޭނެ މުވައްޒަފެއް ދާނެ ކަމަށެވެ. އަދި އެންބިއުލޭންސަށް ގުޅުމުން ޖަވާބުދާރީ ވާނީ ވެސް ޕެރަމެޑިކް މުވައްޒަފެއް ކަމުގައި ވެސް އޭނާ ބުންޏެވެ.
އޭނާ ވިދާޅުވީ ވަގުތުން ވަގުތުން ޢަމަލުކުރަން ވީގޮތުގެ އިރުޝާދު ގުޅާ ފަރާތަކަށް ފޯނުންވެސް ދެވޭނެ ކަމަށާއި ޕެރަމެޑިކްސްއަށް ނުދެވުނު ނަމަވެސް ފޯން ކޯލްއިން މަޢުލޫމާތު ސާފު ކުރުމަށްފަހު ޕެރަމެޑިކް ސްޓާފް ދާންޖެހޭ ފަދަ ކުއްލި ޙާލަތެއްނަމަ ދާނީ އެކަމަށް ހާއްސަ ޕެރަމެޑިކް އެންބިއުލޭންސް ކަމަށެވެ.
އަދި މީގެ ކުރިން އެންބިއުލޭންސްއިން އަވަސް ފަރުވާ ނުލިބޭތީ އާންމުން ކަންބޮޑުވުން ފާޅުކުރާ ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އަލަށް މި ފެށި ހިދުމަތާއެކު ކުއްލި ފަރުވާ ދިނުމަށް އެހޮސްޕިޓަލުންދާ ޓީމު ވަރުގަދަ ވާނެކަމަށެވެ.
އައިޖީއެމްއެޗުގައި ޕެރަމެޑިކްގެ ޚިދުމަތް މިފެށީ އެކަމަށް ޚާއްސަ 3 އެމްބިއުލާންސާއި 12 މުވައްޒަފުންނާއެކުގައެވެ.