ލޮކްޑައުން ތަކުގެ ސަބަބުން، ސަރޮގޭޓް ކޮށްގެން ވިހޭ ދަރިން ބަލާ ބެލެނިވެރިންނަށް ނުދެވޭ މައްސަލަ ޔޫކްރޭންގައި ބޮޑުވަނީ
އެކި ގައުމުތަކުގެ މީހުން ބޭނުންވެގެން ޔޫކްރޭންގެ މައިން ލައްވާ ސަރޮގަސީ ހަދައިގެން ވިއްސި ކުދިން ބަލާދިއުމަށް، ލޮކްޑައުންގެ ސަބަބުން އެކުދިންގެ ބެލެނިވެރިންނަށް ދަތުރުފަތުރު ނުކުރެވޭ މައްސަލަ ޔޫކްރޭންގައި ބޮޑުވެއްޖެއެވެ. މިގޮތަށް ވިހެފަހުން ބަލާ ނާދެވިވާ ކުދިންނަކީ އެމެރިކާ އަދި ޔޫރަޕްގެ އެހެން ގައުމުތަކުގެ މީހުންގެ ދަރިންނެވެ. އެހެން ކަމުން މިކަމަށް ޙައްލެއް ގެނެސް މިކުދިންގެ މައިން އައިސް މިކުދިންނާ ހަވާލުވުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާ ދިނުމަށް ކަމާބެހޭ އިދާރާތަކުގައި، އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ އެދެމުންނެވެ.
މިކަމާ ގުޅިގެން ވާހަކަ ދެއްކި ޔުޑްމިލާ ޑެނިސޯވާ ހަމަ ކުރިގޮތުގައި، " ދަރިމައިވާ ފަރުވާދޭ މަރުކަޒު ތަކުގައި ސަތޭކަ އެއްހާ ކުދިން އެކުދިންގެ ބެލެނިވެރިންގެ އިންތިޒާރުގައި އެބަ އޮތްކަމަށާ، ނަމަވެސް ލޮކްޑައުން މިހެން ދެމިގެން ދާނަމަ މި އަދަދު ހާހަކަށް އަރާނެ" ކަމަށެވެ. ޑެނިސޯވާ އިތުރަށް ހާމަ ކުރިގޮތުގައި މިކަމާގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުވެސް ފޮރިން މިނިސްޓްރީ ގެ ބޭފުޅުންނާ ބައްދަލު ކުރެވުނު ކަމަށާއި ވަރަށް އަވަހަށް މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރަށް އޮތް ހައްލަކީ މިގޮތަށް ދަރިންނާއި ހަވާލުވުމަށް އަންނަން ބޭނުންވާ ބެލެނިވެރިން އެކަން ބަޔާންކޮށް ޑެނިސޯވާގެ އޮފީހަށް ސިޓީއެއް ހުށައެޅުމުން، އެސިޓީ އާއި އެކު ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެގައުމަށް އެތެރެވުމަށް އޮތް މަގެވެ. ސަރުކާރުން ބުނީ އެކަމަށް އެދޭ ބެލެނިވެރިންގެ ތެރެއިން ހުއްދަ ދެވޭނީ، އެމީހަކު ނިސްބަތްވާ އެމްބަސީ މެދުވެރިކޮށް ސިޓީ ފޮނުވާ މީހުނަށް އެކަނި ކަމަށެވެ.
މި މައްސަލަ ފެންމަތިވެގެން މިއުޅެނީ، ޔޫކްރޭންގައި ސަރޮގޭޓް ކުރުމުގެ ކަންތައް އެންމެ ފުޅާކޮށް ކުރަމުންދާ ބަޔޯޓެކްސްކޮމް އިން، އެތަނުގެ ފަރާތުން މީހުން ބައިތިއްބަން ނަގާފައިވާ ހޮޓަލެއްގެ ކޮޓަރިއެއްގައި ވަރަށް ގާތްގާތުގައި ތުއްތު ކުދިން ވަށިގަނޑުތަކުގައި ބައިތިއްބާވައިވާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ކުރުމާއި ގުޅިގެންނެވެ. މި ކުންފުނިން ހާމަ ކުރި ގޮތުގައި މިގޮތަށް ކުއްޖަކު ވިހާދޭ މަޔަކަށް 15-17 ހާސް ޑޮލަރު ލިބެއެވެ.
ސްޕެއިންގެ ރަފާ އަކީ ލޮކްޑައުން ތައް ފެށުމުގެ ކުރިން ޔޫކްރޭންއަށް އޭނާގެ ދަރިފުޅު ކާރިއަށް އާދެވުނުމީހެކެވެ. ނަމަވެސް ފްލައިޓްތައް ކެންސަލް ކުރުމުގެ ސަބަބުން ތުއްތު ދަރިފުޅު ގޮވައިގެން ފުރޭނެ ގޮތެއް ނުވެ އަދި ވެސް ހުރީ ތާށިވެފައެވެ. ނަމަވެސް ތުއްތު ދަރިފުޅުގެ މަންމަ އަށް ޔޫކްރޭނަށް ނުދެވި، އެހާ ތުއްތު ކުއްޖަކާ އެކު ބައްޕަ ހުންނަން ޖެހުމުން ހާސްކަން ވަނީ އިތުރުވެފައެވެ. ރާފާ ބުނި ގޮތުގައި " ކޮންމެ ދުވަހަކު އަންހެނުންނަށް ވީޑިއޯ ކޯލް ކޮށްގެން އެތައް ގަޑިއިރަކު ހުންނަންޖެހޭ. މިއީ ވަރަށް އުނދަގޫ ޙާލަތެއް"ކަމަށެވެ. ނަމަވެސް އެހޮޓަލުގައި މަސައްކަތްކުރާ ނަރުހުންނާއި ސިއްޙީއެހީތެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަމަށް ރަފާ ހާމަ ކުރިއެވެ.
ޔޫކްރޭންއަކީ ސަރޮގޭޓްކޮށްގެން ވިހެއުން އެންމެ ބޮޑަށް އިތުރުވަމުންދާ ގައުމެވެ. އަދި މި ގައުމަކީ ގާނޫނުން ހުއްދަކޮށްގެން، ބޭރު ގައުމުތަކުގެ މީހުންގެ ދަރިންވެސް މިގޮތަށް ވިހާ ގައުމެއްކަން ވެސް ފާހަގަ ކުރެވެއެވެ. 50 ހަކަށް ކްލިނިކްގައި ސަރޮގަސީގެ ކަންތައް ކުރަމުންދާއިރު އަންހެނުން މިކަމަށް ކުރިމަތިލަނީ، މި ގައުމުގެ އިގްތިސާދު ދަށްވުމުގެ ސަބަބުން އާމްދަނީ ހޯދުމަށެވެ. ބަޔޯޓެކްސްކޮމް އިން އަންނަނީ، ކުދިންގެ ބެލެނިވެރިންނަށް އާދެވެންދެން އެކުދިން އެންމެ ރަގަޅު ގޮތުގައި ބަލަހައްޓަމުންދާކަން ކަށަވަރު ކުރަމުންނެވެ. މިގައުމުން މިހާރު ނިންމާފައި އޮތީ މި މޭމަހުގެ 22 ވަނަ ދުވަހާ ހަމައަށް ބޯޑަރުތައް ބަންދުކޮށްފައި ބެހެއްޓުމަށެވެ.