ދުނިޔެ

ޕާކިން އޭރިޔާގެ ތެރޭގައި ވިހޭ ކުއްޖެއްގެ ފުރާނަ ސަލާމަތްވީ ފޭސްމާސްކެއްގެ ސަބަބުން

ދެން އެމްވީ ، ދެން އޮންލައިން

ކެންޓަކީގެ ދެމަފިރިންނަށް ދިމާވި މިހާދިސާވަނީ ނިއުޔޯކް ޕޯސްޓް އާ ހިއްސާ ކޮށްފައެވެ. 34 އަހަރުގެ ސާރާ އަދި 29 އަހަރުގެ ޕެޓްރިކް ގެ 3 ވަނަ ދަރިފުޅު ހޮސްޕިޓަލެއްގެ ޕާކިންގ އޭރިޔާގައި ވިހެއީ ސިއްހީ އެއްވެސް އެހީތެރިއަކާ ނުލާ އެދެމަފިރިން އެކަނި ތިބެއެވެ.

Ads by Sosun Fihaara

މިމަހުގެ ނުވަ ވަނަ ދުވަހު ދަންވަރު ސާރާގެ ބަނޑުގައި ރިއްސަން ފެށިއެވެ. ދޮށީ ދެކުދިން އެކުދިންގެ މާމަ ގާތުގައި ބޭތިއްބުމަށް ފަހު ކާރުގައި ބެޕިސްޓް ހެލްތު ލުއީވިލް ހޮސްޕިޓަލަށް ދިއުމަށް ނިކުތެވެ. އޭރު ގަޑިން ދަންވަރު ތިނެއް ޖެހީއެވެ. އެމީހުން ގޮސް ހޮސްޕިޓަލަށް ވަންނަން ބަލާލި އިރު ހޮސްޕިޓަލް ހުރީ ތަޅުލާފައެވެ. ބޭރުގެ ހޫނުމިން 30-40 ޑިގްރީގައި ހުއްޓެވެ. އޭރު ސާރާގެ ފެންދުލި ފަޅައިގެން ގޮސްފިއެވެ. ހަދާނެ އެއްވެސް ގޮތެއް އެމީހުނަކަށް ނުވިސްނުނެވެ. އެމީހުން ތިބީ ޕާކިން އޭރިޔާގައެވެ. ސާރާގެ ގައިން ވަރު ދޫވެގެން ވެއްޓެން ދިއުމުން ޕެޓްރިކް އޭނާގެ ފައިމަތީގައި ސާރާ ބޭއްވިއެވެ.

ޕެޓްރިކަކީ ޑޮކްޓަރެއް ނޫނެވެ. އަންހެނުން ބަނޑުގައި ރިއްސާވަރުން ތެޅިފޮޅެނީއެވެ. ސާރާއަށް އެހީތެރިވާން ބޭނުން ވިޔަސް އެކަން ކުރާނެ ގޮތެއް ޕެޓްރިކަކަށް ނުވިސްނުނެވެ. ހާސްވެފައި ހުރި ޕެޓްރިކް 911 އަށް ގުޅިއެވެ. އަދި ކަންތައް ވެގެން އުޅޭގޮތް ކިޔައިދިނެވެ. އިމަރޖެންސީ ނަންބަރުން ފޯނު ނެގިމީހާ އިރުޝާދު ދިން ގޮތަށް ސާރާގެ ޖަނގިޔާ ބޭލުމަށްފަހު ވިހޭނެހެން ސާރާ ބޭއްވިއެވެ. އަދި ފޯން ސްޕީކަރަށް ލާފައި ބެހެއްޓުމުން އެމީހުން ދައްކާ ވާހަކަ ސާރާއަށް ވެސް އިވެއެވެ. ސާރާ ވޭންވަރަށް ހިފަމުން، މިހާރު ދަރިފުޅު ވިހަނީ ކަމަށް ގޮވަމުން ދިޔައެވެ. ޕެޓްރިކް ބަލާލިއިރު ކުއްޖާގެ ބޯ ނިކުންނަނީ އެވެ. ޕެޓްރިކްގެ ލޮލުގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ވެސް ނުކުރެވުނެވެ. ދަރިފުޅުގެ ތިންބައިކުޅަ އެއްބައި އޮތީ ބޭރުގައެވެ. ކުއްލިއަކަށް އެއްކޮށް ދަރިފުޅު ބޭރަށް ނިކުމެއްޖެއެވެ. ސާރާ ފިރިހެން ކުއްޖަކު ވިހައިފިއެވެ.

911 އިން އިރުޝާދުދިން ގޮތަށް ކުއްޖާގެ އަނގައާއި މޫނު ފޮހެލުމަށް ފަހު ލެދަރ ޖެކެޓްގެ ތެރެއަށް ލިއެވެ. ނަމަވެސް ފޫޅުދަނޑި އައްސަން އެއްޗެއް ހޯދަން ބުނުމުން އެމީހުނަށް ގޮތް ހުސްވިއެވެ. ބޫޓެއްގެ ނާޑުވާ އެއްވެސް ނެތެވެ. ކުއްލިއަކަށް ހަނދާންވީ އާއިލާގެ އެންމެނަށް މާމަ ފޭސް މާސްކް ހަދައިދިން ކަމެވެ. އެތަނުން މާސްކެއް އޮޅާލުމަށްފަހު ބާރަށް ފޫޅު ދަނޑީގައި އެއްސިއެވެ. އެގޭ އިރު ކޮޅެއްފަހުން ނަރުހުންނާއި އެކު އެމްބިއުލަންސް އައިސް ސްޓްރެޗަރ އަކަށް ލައިގެން ސާރާ އާއި ތުއްތު ދަރިފުޅު ގެންދިޔައެވެ.

911 ގެ އިރުޝާދާއެކު ސާރާ ވިއްސުމުގެ ކަންތައް ޕެޓްރިކް ގެންދިޔަލެއް ފުރިހަމަކަމަށްޓަކައި ޕެޓްރިކްއަށް ޑޮކްޓަރުން ތަޢުރީފް ކުރިއެވެ. ސާރާގެ މަސް ތުރަވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ކުއްޖާގެ ބަރުދަނުގައި 6 ޕައުންޑް 13 އައުންސް ހުއްޓެވެ. މިކުއްޖާގެ ނަކަމަށް ދިނީ ނަވީ އެވެ. މިއީ ހިބްރޫ ބަހުން ނަބީންގެ ނަންފުޅެވެ.

ހޮސްޕިޓަލް ބަންދުކޮށްފައި ހުރުމުން އެކަމާ ޕެޓްރިކް އަދި ސާރާގެ އެއްވެސް ހިތް ބުރަ ކަމެއް ނެތެވެ. ނަމަވެސް ހޮސްޕިޓަލްގެ އޮފިޝަލަކު ބުނީ މިކަމުން ވަރަށް ބޮޑު ޢިބުރަތެއް ލިބިއްޖެ ކަމަށާ، އެކަން ރަނގަޅު ކުރާނެކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!