ދުނިޔެ

108 އަހަރުގެ މި އަންހެން މީހާއަށް ކޮރޯނާ ވައިރަސް އާއި ސްޕެނިޝް ފްލޫއާވެސް ހަނގުރާމަކޮށް ޝިފާ ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ނިއުޖާޒީގެ މުސްކުޅިން ބައިތިއްބާ ގެއެއްގައި ހުރި 108 އަހަރުގެ ސިލްވިޔާ ގޯލްޑްޝޮލް އަށް ކޮރޯނާވައިރަސް ޖެހިގެން އެކަހެރި ކުރެވިފައިވާ ކަން އޭނާގެ އާއިލާއަށް އެންގުމުން އެމީހުން ވަރަށް ކަންބޮޑުވިއެވެ. ސަބަބަކީ މިބަލީގައި އެންމެ ގިނައިން މަރުވަނީ ދުވަސް ވީ މީހުން ކަމަށްވެފައި، މުސްކުޅިން ބަލަހައްޓާގެތަކުގައި އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ބަޔަކު މަރުވަމުންދާ ޚަބަރު ކޮންމެ ދުވަހަކު ނޫސް ތަކުން ފެންނާތީއެވެ.

Ads by Sosun Fihaara

ނަމަވެސް އޭގެ ދެ ހަފްތާފަހުން އާއިލާ އަށް ގުޅާފައި ސިލްވިޔާއަށް ކޮވިޑް-19 އިން ޝިފާ ލިބިއްޖެކަމަށް ބުނުމުން އާއިލާއަށް ގަބޫލުކުރަން ވެސް ދަތި ވިއެވެ. ސިލްވިޔާއަކީ މިބަލިން ސަލާމަތްވި އެންމެ ދުވަސްވީ މީހުންގެ ތެރެއިން އެކެކެވެ. މިއީ ނިއު ޖާޒީއަށް ބެލިޔަސް ވަރަށް ތަފާތު ކޭސް އެކެވެ. ނިއު ޖާރޒީއަކީ ނިއުޔޯކް ފިޔަވައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ސްޓޭޓެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ގައުމުން 9،946 މީހަކު މަރުވެފައިވެއެވެ. މީގެތެރެއިން ގާތްގަނޑަކަށް ދެބައި ކުޅަ އެއް ބަޔަކީ މިގޮތަށް ދުވަސްވީ މީހުން ބަލަހައްޓާ ގެތަކުގައި މަރުވެފައިވާ މީހުންނެވެ.

ސިލްވިޔާ ހާމަކުރިގޮތުގައި މިގޮތަށް ކޮންމެ އުނދަގޫ ކަމަކުން އަރައިގަނެވެނީ، އެކަމަށް އޮންނަ ގަދަ ޢަޒުމަކުންނެވެ. މީހުން ބަލަހައްޓާގެއިން މައުލޫމާތު ދިން ފަރާތުން ހާމަ ކުރި ގޮތުގައި ސިލްވިޔާއަށް ކޮވިޑް-19 ޖެހުނު ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެން ނުވަތަ ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭކަން ނުޖެހެއެވެ. ސިލްވިޔާގެ ދިފާޢީ ނިޒާމް އެއަށްވުރެ މާ ރަނގަޅެވެ. ދެން އޭގެ އިތުރުން މިބަލިން އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭނާގެ އާއިލާގެ ލޯބިކަމަށް ސިލްވިޔާ ހާމަ ކުރިއެވެ. ސިލްވިޔާ އަކީ ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ އޭރުގައި ފެތުރުނު ސްޕެއިންގެ ފުލޫގެ ވަބާއިންވެސް ސަލާމަތް ވެފައިވާ މީހެކެވެ.

ސިލްވިޔާއަކީ ބުކްކީޕާރ އެއްގެ ވަޒީފާގައި އުޅުނު މީހެކެވެ. ދުވަހަކުވެސް ކައިވެނިކޮށްފައެއް ނުވެއެވެ. މީގެ 20 އަހަރު ކުރިން މީހުން ބަލަހައްޓާ ގެއަށް ބަދަލުވުމާއި ހަމައަށް ސިލްވިޔާ ދިރިއުޅުނީ އޭނާގެ އެންމެ ތުއްތުދުވަސްތައް ހޭދަ ކުރި ގޭގައެވެ. މީހުން ބަލަހައްޓާ ގޭގައި ސިލްވިޔާ އަކީ މީހުންނާ ވާހަކަ ދައްކާހިތްވާ، ގިނަ މީހުންގެ ދައްތަ ކަމަށް ހެދިގެން އުޅޭ މީހެކެވެ. ލޮލުގެ ފެނުން ދަށްވެ، އަޑު އިވުމުގައި އުނދަގުލެއް ހުރި ނަމަވެސް، ގޮނޑީގައި އިނދެގެންވެސް ވީވަރަކުން ހަރަކާތްތެރިވެއުޅެއެވެ. އެއްވެސް ވަގުތެއް އެކަނި ހޭދަ ކުރުމަށް ސިލްވިޔާ ނުރުހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!