ކޮރޯނާވައިރަސް ފެތުރުނީ ވަލުޖަނަވާރު ވިއްކާ މާރުކޭޓަކުން ނޫން ، މާރުކޭޓަށް ވައިރަސް ގެންދިޔައީ ބަލިޖެހިފައިވާ މީހެއް – ޗައިނާ
ކޮރޯނާވައިރަސް ފެތުރެން ފެށީ ކިހިނެއް ކަމާމެދު ކުރެވޭ ބަހުސް ފުޅާވެ، އެއީ ވަލުޖަނަވާރު ވިއްކާމާރުކޭޓަކުން ފެތުރެންފެށި އެއްޗެއް ކަމަށް ބުނާ މީހުންގެ އަޑުގަދަވެފައި ވަނިކޮށް އެކަން ބެލުމަށް، ޗައިނާގެ ބަޔޮލިޖިސްޓުންގެ ޚާއްސަ ބަޔަކު ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، މިވައިރަސް އަކީ ވަލު ޖަނަވާރު ވިއްކާ މާރުކޭޓުން ފެތުރެން ފެށި އެއްޗެއް ނޫނެވެ. ބަޔޮލިޖިސްޓުންނަށް ބެލެވޭ ގޮތުގައި މިއީ ބަލިޖެހިފައި ހުރި މީހެއްގެ ޒަރީއާއިން މާރުކޭޓަށް ފެތުރިފައިވާ ވައިރަހެކެވެ. ދެން ފަހުން މާރުކޭޓުން އެހެން މީހުނަށް ވެސް މިވައިރަސް ޖެހިފައި ވާ ކަމަށް މިހާތަނަށް ހޯދި ހޯދުމުން ވަނީ ސާބިތުވެފައިކަމަށް އެމީހުން ބުނެފައިވެއެވެ.
މި ތަހުލީލުތައް ކުރުމުގައި އެންމެ އިސްކޮށްހުރި އަލީނާ ޗަން ހާމަ ކުރިގޮތުގައި، އާންމުންގެ ތެރެއިން މި ފެންނަ ވައިރަހަކީ އެއް ނަޞްލުން އަނެއް ނަޞްލަށް ވާސިލްވެވޭގޮތަށް ހުރި ވައިރަހެއް ނޫނެވެ. ނަމަވެސް ބައިނަލްއަގްވާމީ އިދާރާތަކުން މި ވައިރަސް ފެތުރެން ފެށިގޮތް ބަލާ ތަހުގީގު ކުރަން ބޭނުންވާތީ މިކަމުގެ އެންމެ އަޑިއަށް ފީނާ ބެލުމަކީ މުހިންމު ކަމެއް ކަމަށް، ފޮރިން އެފެއަޒް ސިލެކް ކޮމިޓީގެ މެމްބަރު ބޮބް ސީލީ ވަނީ ހާމަ ކޮށްފައެވެ. މިވައިރަހަށް ފަރުވާއެއް ހޯދުމާއި ވެކްސިނެއް އިޖާދު ކުރުމުގައި އެންމެ މުހިންމު މައުލޫމާތަކަށް ވާނީ މި ވައިރަސް ފެތުރެން ފެށި ގޮތެކެވެ.
އެމެރިކާއިން ވަނީ މި ވައިރަހަކީ، ޗައިނާގައި ވާލުގެ ޒަރީއާއިން ޖެހޭ ބަލިތައް ތަހުލީލު ކުރާ ލެބޯޓަރީއަކުން ދޫވި ވައިރަހެއް ކަމަށް ބުނެފައެވެ. ޗައިނާއިން ވަނީ މިވައިރަސް ފެތުރުނީ ޗައިނާގައި އޮތް ކުޅިވަރު ހަރަކާތެއްގައި ބައިވެރިވުމަށް އައި އެމެރިކާގެ އަސްކަރިއްޔާގެ ބަޔަކުގެ ކިބައިން ކަމަށް ދަޢުވާ ކޮށްފައެވެ. ޗައިނާގެ ސިއްޙީ އިދާރާތަކަށް ވެސް އެންމެ ބޮޑަށް ގަބޫލު ކުރެވުނީ މިއީ ވުހާން ގެ ހުއާނަން މާރުކޭޓުން ފެތުރެން ފެށި ވައިރަހެއް ކަމަށެވެ. މިކަން ފާހަގަވިތާ އެއް ދުވަސް ތެރޭގައި މާރުކޭޓް ބަންދުކޮށް މުޅި ސަރަހައްދު ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.
ޗައިނާއިން ވަނީ މާރުކެޓްގައި ތިބި ޖަނަވާރުންގެ ސާމްޕަލް ވެސް ނަގާފައެވެ. ނަމަވެސް 4 މަސްވެގެން ދިޔަ އިރުވެސް މި ސާމްޕަލްތައް ބޭނުންކޮށްގެން ހެދި ޓެސްޓެއްގެ ނަތީޖާ ބޭރުގައުމެއްގެ ސައިންޓިސްޓަކާ ޙިއްސާ ކޮށްފައެއް ނުވެއެވެ. ޗައިނާއިން ކަމެއް ފޮރުވަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރެވެނީ މިސަބަބާ ހުރެއެވެ. އަދި މިކަމާއި ގުޅުވައި ، މިހާރު ދެން އެ ތަހުގީގް ނުކުރެވޭނެ ކަމަށާއި، ކުށުގެވެށި ވަނީ އެއްކޮށް ހަލާކު ކޮށްލާފައި ކަމަށް ހޮންގކޮންގ ޔުނިވަރސިޓީގެ ތަޖުރިބާކާރު ގުއަން ޔީ ވަނީ ހާމަ ކޮށްފައެވެ.