އިދިކޮޅުގެ އެއްވުމުގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށާއި އެމަނިކުފާނަށް ދޭ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުން މިއަދު އެއްވީ އެމަނިކުފާނު ޝަރީޢަތަށް ހާޒިރުކުރި ވަގުތާ ދިމާކޮށެވެ. ކްރިމިނަލް ކޯޓު ސަރަޙައްދު ބަންދު ކޮށްފައި އޮތުމުން ސަޕޯޓަރުން ދެން ތިބީ ބޮޑުތަކުރުފާނު މަގުން މާރުކޭޓު ކައިރީގައެވެ.
ޕީޕީއެމް/ޕީއެންސީ ގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ މިއަދުގެ ސުލްހަވެރި އެއްވުމުގެ ތެރެއިން ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، ހައްޔަރު ކޮށްފައިވަނީ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސް އަޙްމަދުގެ އިތުރުން އާންމު މެންބަރެއް ކަމަށްވާ އަހްމަދު އިލްހާމް ކަމަށެވެ. އެ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ކަސްޓޯޑިއަލްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މިއަދު ބާއްވާފައި ވަނީ މި ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމެކެވެ.
ރައީސް ޔާމީން ގެ މައްޗަށް މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.