ލާމާގެ އެންޓިބޮޑީއިން ކޮވިޑް-19 އަށް ފަރުވާ ލިބިދާނެ- ދިރާސާ
ކޮރޯނާވައިރަހަށް ފަރުވާ އެއް ނުވަތަ އެއިން ދިފާޢުވާނެ ވެކްސިނެއް އުފައްދަން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ސައިންޓިސްޓުންނާއި ސިއްޙި ދާއިރާގެ ފަންނީ މީހުން ރެއާއި ދުވާލު މަސައްކަތް ކުރަނީއެވެ. ނަމަވެސް އެންމެ ފަހުން ހެދި ދިރާސާއިން ހާމަވި ގޮތުގައި މި ހުރިހާ ކަމެއްގެ ހައްލު މިއޮތީ ގޭ ދޮރުމަތީގައި ކަންނެތް ކަމާއެކު ކެރެޓް ކާށެވެ. ނުވިސްނުނު ދޯއެވެ. އެއީ ލާމާއެވެ.
މިދިޔަ ހަފްތާގައި ޖާރނަލް ސެލްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން ލާމާގެ ލޭގައި ހިމެނޭ އެންޓިބޮޑީ އިން ކޮރޯނާވައިރަސް އިން ދިފާޢު ވެވިދާނެއެވެ. ބޮޑެތި އެންޓިބޮޑީގެ އިތުރުން ލާމާގެ ގައިގައި ހުންނަ ކުދި އެންޓިބޮޑީތައް ކޮރޯނާވައިރަސް ފަދަ ވައިރަހުގެ ހަނި ދޭތެރެތަކަށް ވަދެ އެވައިރަސްގެ ބާރު ކަނޑުވާލައެވެ. އިންސާނުންގެ އެންޓިބޮޑިއަކީ މިގޮތަށް މިކަހަލަ ތަންތަނަށް ވަދެވޭ ވަރަށް ވުރެ ބޮޑެތި އެންޓިބޮޑީތަކެކެވެ. އުއްމީދު ކުރަނީ ލާމާގެ އެންޓިބޮޑީގެ ސަބަބުން ބަލި ނުޖެހި ހުރި މީހަކު ނަމަ މިވައިރަހުން ސަލާމަތް ކޮށްދޭނެކަމަށެވެ.
ބައިނަލްއަގްވާމީ ރިސާޗަރުންވަނީ ބެލްޖިއަމްގެ 4 އަހަރުގެ އަންހެން ލާމާއެއް ބޭނުންކޮށްގެން މިކަމަށް ތަހުލީލުތަކެއް ކޮށްފައެވެ. އޭގެ ނަތީޖާއިން ދެއްކި ގޮތުގައި ލާމާގެ އެންޓިބޮޑީގެ ސަބަބުން ސާރސް އަދި މާރސްޖެހުން ދުރުކޮށްދެއެވެ. އެހެންކަމުން ކޮވިޑ-19 ޖައްސާ ވައިރަސް އިންވެސް ދިފާޢު ވޭތޯ ކުރި ޓެސްޓްތަކުގެ އެދެވޭ ނަތީޖާލިބި، މިހާރު ކުރެވެމުން ދަނީ ކްލިނިކަލް ތަހުލީލުތަކެވެ.
ލާމާއަކީ މީގެ ކުރިންވެސް އެތައް އަހަރެއް ވަންދެން އެއިޑްސް ފަދަ އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމުގައި އެހީތެރިކަން ލިބިފައިވާ ޖަނަވާރެކެވެ. އެހެންކަމުން މިހާރު ކުރެވެމުންދަނީ މި އެންޓިބޮޑީ އިންސާނުންނަށް ބޭނުން ކުރެވިދާނެތޯ ބެލުމަށް ކުރެވޭ ތަޙުލީލުތަކެވެ.