ބެލްޖިއަމްގެ ސިއްޙީއެހީތެރިންގެ ހިމޭން މުޒާހަރާ، ބޮޑުވަޒީރަށް ދިނީ ފުރަގަސް
ބެލްޖިއަމްގެ ބޮޑުވަޒީރު އެގައުމުގެ ހޮސްޕިޓަލަކަށް ޒިޔާރަތް ކުރުމުން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިއްޙީއެހީތެރިން ބޮޑުވަޒީރަށް ވަރަށް ވަރުގަދަ މެސެޖެއް ދީފިއެވެ.
ސިއްޙީއެހީތެރިން ކުރި ހިމޭން މުޒާހަރާގައި، ބޮޑުވަޒީރުގެ ކާރު އައުމުން ކޮންމެ މީހަކުވެސް ބޮޑުވަޒީރަށް ދިނީ ފުރަގަހެވެ. މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ގެންގުޅޭ އުސޫލު ތަކާއި ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހޭކަން ހާމަކުރުމުގެ ގޮތުން ސިއްޙީ މަސައްކަތްތެރިން ހިންގި އަމަލެކެވެ. ޚިދުމަތަށް ބުރޫ ނާރުވާ މިފަދަ ގޮތަކަށް މިވަރުގެ މުހިންމު މެސެޖެއް ދިނުމުން ގިނަ ބަޔަކުވަނީ ސިއްހީ އެހީތެރިންނަށް ތަޢުރީފްކޮށްފައެވެ.
ސިއްޙީއެހީތެރިންގެ ހިތްހަމަނުޖެހުމަކީ ހަމަ އެކަނި ކުޑަ ބަޖެޓްގައި، ސިއްޙީ މަސައްކަތްތެރިން ކުޑަމުސާރައަށް މަސައްކަތް ކުރަން ޖެހުމެއް ނޫނެވެ. ސަރުކާރުގެ މިހާރުގެ ޕްލޭނަކީ ތަމްރީން ނުވާ މީހުން ސިއްހީ އެހީތެރިންގެ ގޮތުގައި ވަޒީފާތަކަށް ނެގުމެވެ. ތަމްރީންވެފައި ތިބި މީހުނަށް އެ ފުރުސަތު ނުދީ މިގޮތަށް ތަމްރީނު ނެތް މީހުން ނެގުމުން އެކަމަކީ ސިއްޙީ ދާއިރާއަށް ބޮޑެތި ގެއްލުން ލިބިދާނެކަމެއް ކަމަކަށްވާތީ އެކަމަށް ހިތްހަމަ ނުޖެހޭކަން ފާޅުކޮށް އިހްތިޖާޖު ކުރީއެވެ.
ބެލްޖިއަމްއިން މިހާތަނަށް 54،898 މީހަކަށް ކޮވިޑް19 ޖެހި 9،000 މީހަކު ވަނީ މަރުވެފައެވެ.