ދުނިޔެ

މަގުމަތީގައި ރޯން އިންމީހާގެ ފޮޓޯއަށް ވުރެ އޭނާގެ ވާހަކައިން އަސަރު ކުރޭ

ދެން އެމްވީ ، ދެން އޮންލައިން

މި ފަހަކަށް އައިސް ބޭރު ދުނިޔެ އަދި ރާއްޖޭގެ މީޑިޔާތަކުގައި ހިއްސާކޮށްފައިވާ، ފޮޓޯއަކުން ފެންނަނީ މަގެއްގެ އެއްފަރާތެއްގައި އިނދެގެން ފޯނުން ވާހަކަ ދައްކަމުން ރޮމުން ދިޔަ ފިރިހެނެކެވެ. އަޅާފައިވާ ހެދުމަށް ބަލާލުމުން މަސައްކަތު މީހުން ފެންވަރުގެ ވަޒީފާއެއް އަދާ ކުރާމީހެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އަޅާފައިވާ މާސްކް ދަތްދޮޅިއާ ހަމައަށް ތިރިކޮށްފައި ވުމުން އޭނާގެ ހިތުގައި އަޅާވޭން މޫނުން ވަރަށް ސާފުކޮށް ބަޔާން ކޮށްދެއެވެ. މިއީ ޕީ.ޓީ.އައިގެ ފޮޓޯގްރާފަރ އަތުލް ޔާދަވް ނަގާފައިވާ ފޮޓޯއެކެވެ. މިއީ އިންޑިޔާގެ ލޮކްޑައުންގެ ސަބަބުން އެކި ސްޓޭޓްތަކުގައި މަސައްކަތް ކުރުމަށް ގޮސްތިބި މީހުންނަން ދިމާވެފައިވާ ދަތިކަން އެންމެ ރަގަޅަށް ދައްކައިދޭ ފޮޓޯއެކެވެ.

Ads by Sosun Fihaara

މި ފޮޓޯ ދައުރުވަމުން ދިޔަ ނަމަވެސް މި ފޮޓޯގެ ފަހަތުގައި ފޮރުވިފައިވާ ވާހަކަ މީޑިޔާއަށް ތިލަ މިވީ އަދި ކިރިޔާއެވެ. ފޮޓޯއިން މި ފެންނަނީ ނަވާދާގައި މަސައްކަތް ކުރުމަށް ގޮސްހުރި 38 އަހަރުގެ ރާމް ޕުކާރް ޕަންޑިތު އެވެ. އޭނާއަށް ފޯނުން ގުޅައިގެން ހުރީ ބިހާރުގައި ހުރި އޭނާގެ އަންހެނުންނެވެ. ލޮކްޑައުންވީ އިރު އާއިލާއާ ދުރުގައި ހުރުމުން ލިބިފައިވާ ހާސްކަމުގެ ތެރޭގައި އޭނާގެ އަންހެނުން ދިން ޚަބަރަކީ އެދެމަފިރިންގެ އެއް އަހަރުގެ ދަރިފުޅު މަރުވި ކަމުގެ ހިތާމަވެރި ޚަބަރެވެ. ހިތް ކުދިކުދި ވެފައިވާ ރާމް ޚަބަރު ލިބުމާއި އެކު ހިނގާފައި އާއިލާ ގާތަށް ދާން ހިނގައިގަތެވެ. ނަމަވެސް މިއީ އެތައް މޭލެއްގެ ދަތުރެއް ކަމުން ދަރިފުޅުގެ މޫނު ފެންނާނެކަމުގެ ޔަގީންކަމެއްވެސް ރާމް އަކަށް ނެތެވެ.

ފޮޓޯނެގި އަތުލް ޔާދަވްއަށް ރާމް އާ ދިމާވެފައި ވަނީ ނިޒާމުއްދީން ބްރިޖް އާއި ހަމައިންނެވެ. އޭރުވެސް ގިސްލަ ގިސްލާފައި ރާމް ރޯ އަޑުއިވެއެވެ. ފޮޓޯ ނެގި އަތުލް ޔާދަވް ކިޔާދިން ގޮތުގައި، ލޮކްޑައުންގެ ތެރޭގައި މިގޮތަށް ގެއަށް ނުދެވި އެކި ހިސާބުގައި ތާށިވެފައިވާ މަސައްކަތްތެރިންގެ ވަރަށް ގިނަ ފޮޓޯ ނެގިކަމަށާ، ނަމަވެސް ބޮޑު ފިރިހެނަކު މިހެން ގިސްލަ ގިސްލާ އަޑުން އަޑު ނަގާ ރޯތަން ފެނިދާނެކަމަކަށް އުއްމީދުވެސް ނުކުރާ ކަމަށެވެ.

އަތުލް އަށް ރާމް ފެނުމުން ދާތަނަކާބެހޭގޮތުން ސުވާލު ކުރުމުން، "އެކޮޅަށް" ދަނީ ކަމަށް ބުންޏެވެ. ނަމަވެސް އެކޮޅު ނިސްބަތް ކުރީ 1200 މޭލު ދުރުގައި އޮތް ބިހާރަށް ކަން އަތުލް އަށް އެނގުނީ ކުޑައިރުކޮޅެއް ފަހުންނެވެ. އަތުލް ހާމަ ކުރި ގޮތުގައި، ރާމް އަކީ ނަޖަފްގަޅްގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެއްކަމާ، ލޮކްޑައުންގެ ސަބަބުން ދުއްވާ އެއްޗެއް ނުލިބި އެތައްހާސް މީހުންނެކޭ އެއްގޮތަށް ފައިމަގުގައި ނިކުތީއެވެ.

ނަމަވެސް ރާމްއަށް އަދިވެސް އޮތީ ހިތްދަތި ކަމެވެ. ނިޒާމުއްދީން ބްރިޖްހުރަސްކޮށް ދިއުމުގެ ހުއްދަ ފުލުހުން ނުދިނުމުން އެތަނުގައި ރާމް ތިން ދުވަހު މަޑުކުރަން ޖެހުނެވެ. އަތުލް އޭނާއަށް ބޯނެފެނާއި، ކެއުމަށް ބިސްކޯދު ފަދަތަކެތި ދިނެވެ. އަދި ރާމްގެ ވާހަކަ އިވުމުން ޕޮލިހުން ކައިރީ އެދިގެން ރާމްގެއަށް ދިއުމުގެ ހުއްދަ ހޯދިއެވެ. ފުލުހުން ވަރަށް ފަސްޖެހުމަށް ފަހުވެސް މީޑިޔާގެ ފަރާތެއްގެ އެދުމަކަށްވާތީ، ފުލުހުންގެ ބެލުމުގެ ދަށުން ދިއްލީ ރޭލްވާ އާ ހަމައަށް ގެންގޮސްދިނެވެ. އެހިސާބުން ޓްރެއިންގައި ބޭގޫސަރާ އާ ހަމައަށް ދިއުމުން އެތަނުގެ ސްކޫލެއްގައި ވަނީ ކަރަންޓީނު ކޮށްފައެވެ.

ރާމް ޕުކާރްގެ މި ވާހަކައަކީ މަސައްކަތްކުރުމަށް ހިޖުރަކުރި މީހުންގެ ތެރެއިން އެންމެ ހިތަށް ތަދުވި އެއް ވާހަކައެވެ. އަވީގައި ހައިހޫނުކަމުގައި ހިނގަމުން ދަނިކޮށް އެކްސިޑެންޓްތަކާ ދިމާވަނީ ވެސް މަދެއްކޮށެއް ނޫނެވެ. މި ލޮކްޑައުންގެ ސަބަބުން އިންޑިޔާގައި އޮންނަ ފަގީރުންނާއި މުއްސަނދިންގެ ތަފާތު ދުނިޔެއަށް އިތުރަށް ވަނީ ހާމަ ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!