ދީން

ރަމަޟާންމަސް ފެށުމުގެ ހަތަރު ދުވަސްކުރިން އިސްލާމްދީން ޤަބޫލު ކުރި އިސްމާޢީލް : ''މިއީ ﷲ މިންވަރު ކުރެއްވި މަތިވެރިކަމެއް"

ދެން އެމްވީ ، ދެން އޮންލައިން

ޔޫގެންޑާއަށް އުފަން އަދި މިހާރު ދުބާއީގައި ދިރިއުޅޭ އިސްމާޢީލް ސެންޓޮންގޯ އިސްލާމްވީ ރަމަޟާން މަސް ފެށުމުގެ ހަތަރު ދުވަސްކުރިންނެވެ. ޤުރުއާންގެ ބައެއް ސޫރަތްތަކާއި ދުޢާތައް ވެސް މިހާރު ދަސްކޮށްފައިވާ އިސްމާޢީލް ބުނީ މިފަދަ މުނާސަބު ވަގުތެއްގައި ނުވަތަ ދީނުގެ މާތް މައްސަރަކާއި ގުޅިގެން އޭނާއަށް ހެޔޮ މަގު ޤަބޫލު ކުރެވުމަކީ ﷲ އޭނާއަށް މިންވަރު ކުރެއްވި މަތިވެރި ކަމެއް ކަމަށެވެ. މިއީ އޭނާގެ ވާހަކަ ތަކެވެ.

Ads by MWSC

މިތްޔާނާ ޑިސްޓްރިކްޓުން ދުބާއީއަށް އިސްމާޢީލް ދިޔައީ 2018 ވަނަ އަހަރުގައެވެ. ވަޒީފާއެއް ހޯދުމުގެ އިތުރުން އޭނާ އޭރު ވެސް ދިޔައީ ނަފްސުގެ ހިތްހަމަޖެހުމާއި ހަމަހިމޭންކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އިސްމާޢީލް ބުނިގޮތުގައި އޭނާ އިސްލާމްދީން ޤަބޫލުކުރީ އެއީ އަޅުކަން ކުރުން ޙައްޤުވެގެންވާ ދީންކަން އެނގުމުންނެވެ. މާތް ﷲ އަށް އަޅުކަން ކުރުމުގައި ދެވަނަ ފަރާތެއް ނުވަތަ މެދުވެރިއެއް ބޭނުންކުރަން ނުޖެހުމަކީ އެކަމުގެ ހެއްކެއް ކަމުގައި ވެސް އޭނާ ބުންޏެވެ.

"އަހަރެން މުސްލިމަކަށްވީ މުސްލިމަކަށްވާން ބޭނުން ވެގެން. އެއީ އަޅުކަން ކުރުން އެންމެ ޙައްޤުވެގެންވާ ދީންކަން އެނގުމުންނާއި މާތް ﷲ އީ އެއްކައުވަންތަ އިލާޙުކަން އެނގި ޤަބޫލު ކުރެވިގެން. އިސްލާމްދީނުގައި، ދުވަހަކުވެސް ބަދަލެއް ގެނެވިފައިނުވާ ފޮތެއްވޭ. އެއީ ކީރިތި ޤުރްއާން." އިސްމާޢީލް ބުނެފައިވެއެވެ.

އިސްމާޢީލް ބުނިގޮތުގައި އޭނާއަށް އިސްލާމްދީނާއި ކީރިތި ޤުރްއާނާއި ބެހޭގޮތުން އެނގެން ފެށުމުން، ޤުރްއާން އެޕްލިކޭޝަނެއް ޑައުންލޯޑް ކުރިއެވެ. މާނައާއެކު އިން އެއެޕްލިކޭޝަނުން ސޫރަތުލް ފާޠިޙާ އޭނާކިޔައެވެ. އޭނާ ބުނީ އެ ސޫރަތުގައި ''ހުރިހާ ޙަމްދެއް ލިބި ވޮޑިގެންވަނީ ﷲއަށް'' އޮތުމުންނާއި ''އަހަރެމެން އަޅުކަން ކުރަނީ ހަމައެކަނި ﷲ އަށް އަދި ވާގި އެދެނީ ވެސް ހަމައެކަނި ﷲ ގެ ހަޟްރަތުން''ކަން އޮތުމުން އެއީ ޙައްޤު ބަސްކަން ޤަބޫލު ކުރެވުނު ކަމަށެވެ.

"އަހަންނަށް ވިސްނުނު މިފޮތުގައި (ކީރިތި ޤުރްޢާނުގައި) ވަނީ މާތް ﷲ ގެ ވަޙީ ބަސްފުޅުކަން. އަދި ކީރިތި ޤުރްޢާނުން ތެދުމަގު ލިބިދޭ ކަމަށާއި ނަމާދުކޮށް ސަޖިދައިގައި އޮންނަ އިރު އިތުރު އެހެން އެއްވެސް ފަރާތަކާއި ނުލާ ތިމާއާއި އެކަލާނގެއާއި ގުޅިފައިވާ ކަމަށް ވެސް އަހަންނަށް ޤަބޫލުކުރެވުނު" އިސްމާޢީލް ބުންޏެވެ.

އިސްމާޢީލް ބުނިގޮތުގައި އޭނާ ކުރިން ހުންނަނީ މުޅިންވެސް ހިތް ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ދިރިއުޅުމުގައި ކޮންމެ ކަމެއް ކުރިނަމަވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ނަމަވެސް އިސްލާމްދީނާއި ބެހޭ ގޮތުން އެނގެން ފެށުމުން، ދީނާއި ބެހޭގޮތުން އޭނާ އިތުރަށް މައުލޫމާތު ހޯދިއެވެ. އަދި މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އޭނާ އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކު ކަމުގައިވިއެވެ.

ރޯދަ ހިފުމުގެ ތަޖުރިބާ ކިޔައިދެމުން އިސްމާޢީލް ބުނީ ފުރަތަމަ ދުވަހު ނުކައި ހުންނަށް އުނދަގޫ ވި ނަމަވެސް މިހާރު ރޯދައަށް ހުންނަށް އާދަ ވެއްޖެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!