ޚަބަރު

"ސާކް" ގުޅުމުގެ ފުރިހަމަ މަންފާ ހޯދަން މަޝްވަރާ އިތުރު ކުރަންޖެހޭ ކަމަށް ރާއްޖެއިން ގޮވާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޖަމިއްޔާއަކީ މެންބަރު ގައުމުތަކަށް އިތުރު ލާބައާއި މަންފާ ލިއްބައިދެނިވި ގުޅުމަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ގޮވައިލައްވައިފިއެވެ. އެ މަނިކުފާނު މި ކަމަށް ގޮވައިލައްވާފައި ވަނީ، މިއަދު ފާހަގަ ކުރަމުންދާ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބާގައި އެ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫންއަށް ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

Ads by STELCO

ސާކް އުފެދުނުތާ 36 އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލާއި، ސާކް ސެކްރެޓޭރިއެޓް އަދި ސާކް ޢާއިލާގެ މެންބަރުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވެސް ރައީސްގެ އެމެސެޖުގައި އަރިސް ކުރެއްވިއެވެ.

މި އަހަރުގެ ސާކް ޗާޓަރ ޑޭ ފާހަގަ ކުރަމުން މި ދަނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތެއްގައިކަން ފާހަގަކުރައްވާ، ރައީސް ޞާލިޙު ވިދާޅުވީ މިފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ސާކް ފަދަ ގުޅުންތަކުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، މިފަދަ ހާލަތަކުން އަރައިގަތުމަށް ސާކްގެ ޤައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަކޮށް، ހެޔޮ އަދި މަންފާ ކުރަނިވި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19ގެ ހާލަތާއި ދުނިޔެ ބައްދަލުކުރުމާއެކު ސާކްގެ ޤައުމުތަކުގެ ބައްދަލުވުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ، ސާކް ކޮވިޑް-19 އެމަރޖެންސީ ރިލީފް ފަންޑް އެކުލަވައިލުން ވެގެންދިޔައީ ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދިން ކަމެއްގެ ގޮތުގައި ކަމަށް ރައީސް ސިފަ ކުރެއްވިއެވެ.

މި ހާލަތާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، މިއީ، ސާކްގެ ގުޅުމުގެ ފުރިހަމަ ލާބައާއި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ޖެހިފައިވާ ހާލަތެއް ކަމުގައެވެ. އަދި، މެންބަރު ޤައުމުތަކުގެ މެދުގައި އިތުރަށް މަޝްވަރާކޮށް، ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އެ މަނިކުފާނުގެ މެސެޖުގައި ފާހަގަ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމުޢިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ނުހަނު ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ޤައުމެއްކަން ފާހަގަކުރައްވާ، އެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި މުސްތަޤުބަލުގައި ވެސް، މި ސަރަޙައްދުގެ ޞުލްޙަ މަސަލަސްކަމާއި، ތަރައްޤީއާއި، ހަމަޖެހުމަށް މަސައްކަތް ކުރާނެ ކަމުގައި ރައީސް ޞާލިޙު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!